09 މާޗް 2023 - 13:15

ސީރިއާ ޕްރިމިއާ ލީގުގެ އަލް-ޖައިޝް އަށް ކުޅޭ، އެ ގައުމު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަހުމަދު އަލް-ސާލިހު، ލީގު މެޗެއްގައި ރެފްރީ އަށް ހަމަލާދީ ކުޅު ޖަހާފައިވާތީ އޭނާ އުމުރަށް ސަސްޕެންޑްކޮށްފި އެވެ.
ސީރިއާ ގައުމީ ޓީމަށް 2008 އިން ފެށިގެން ކުޅެމުން އަންނަ ސާލިހު ވަނީ، ވޯލްޑް ކަޕް ކޮލިފައިންގައި 2019 ވަނަ އަހަރު ރާއްޖެ އަތުން 2-1 އިން ސީރިއާ މޮޅުވި މެޗުގައި ކުޅެފަ އެވެ. އެކަމަކު އެ މެޗުގެ 65 ވަނަ މިނެޓުގައި އޭނާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
އުމުރުން 32 އަހަރުގެ ސާލިހު ރެފްރީ އަށް ހަމަލާދީ، ކުޅު ޖަހައި އަދި ހުތުރުބަހުން ވާހަކަދެއްކީ، އެ ލީގުގައި މިދިޔަ މަހު އަލް-ވަތުބާއާ އަތުން 1-0 އިން ޖައިޝް ބަލިވި މެޗުގައި ރަތްކާޑު ދެއްކުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. އެއާ އެކު، ރެފްރީ ގައިގައި ކޮޅު ފައިން ޖެހި އެވެ. އޭނާ ހުއްޓުވީ ދެ ޓީމުގެ ކުޅުންތެރިންނެވެ.
ސީރިއާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޑިސިލްޕިނަރީ ކޮމިޓީން ވަނީ ސާލިހު 1.5 މިލިއަން ސީރިއަން ޕައުންޑް (597 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. އަދި މި އަދަބު އިސްތިއުނާފުކުރުމުގެ ފުރުސަތު ސާލިހު އަށް ނުދޭން ވެސް އެ ކޮމިޓީން ނިންމި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީން ވަނީ ސާލިހު އަށް އެއްވެސް ކުޅިވަރެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރަން އެ ގައުމުގެ ގައުމީ ކުޅިވަރު ފެޑެރޭޝަނަށް ހުށަހަޅަން ނިންމައިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި އޮތް، އޭޝިއާ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ސީރިއާ އިން 2019 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ވާދަކުރިއިރު ސާލިހު ވަނީ އެ ޓީމުގެ ޑިފެންސް ބަލަހައްޓައިފަ އެވެ.
އޭނާ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2007 ވަނަ އަހަރު އޮތް 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައި ސީރިއާގެ ޔޫތު ޓީމުގައި ދެއްކި ކުޅުމުންނެވެ.