ޕާޓީގެ މެމްބަރުންނާ ބައްދަލުކުރަން އެމްޑީޕީން ރަށްރަށަށް
ޕާޓީގެ މެމްބަރުންނާ ބައްދަލުކުރަން އެމްޑީޕީން ރަށްރަށަށް

ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް ހިޔާލު ހޯދަން އެމްޑީޕީގެ ޓީމުތަކެއް ރާއްޖޭގެ ދެ ސަރަހައްދަކަށް ހިނގައްޖެ އެވެ.

އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރުމުގެ ފުރަތަމަ ދަތުރު ފެށީ ހއ. އަތޮޅު އަދި ގދ. އަތޮޅުން ކަމަށެވެ.

މި ދެ އަތޮޅަށް ދިޔަ ޓީމުތަކުން ހއ. އަތޮޅާއި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޓީމުތަކުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރާނެ ކަމަށެވެ. ނަމަވެސް، އެ ދަތުރުތައް ނިންމާނެ މުއްދަތެއް ވިދާޅެއްނުވެ އެވެ.

އެމްޑީޕީގެ ޓީމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރަން ފެށިއިރު، އެ ޕާޓީން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް ރިޔާސީ އިންތިހާބަށް ވެސް ތައްޔާރުވަމުންނެވެ. ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނެއް އަދި ރަސްމީކޮށް ނުފަށަ އެވެ.

އަނަސް ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި މި ފަހުން ބޭއްވި ވާދަވެރި ދެ އިންތިހާބުގައި ވެސް މެމްބަރުންނާ ބައްދަލުކުރީ ކެންޑިޑޭޓުންގެ ފަރާތުން ކަމަށެވެ. އެއީ މިދިޔަ އަހަރު ބޭއްވި ޗެއާޕާސަން އިންތިހާބު އަދި މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި ރިޔާސީ ޕްރައިމަރީ އެވެ.

ނަމަވެސް، މިފަހުން ދަތުރުތައް ފެށީ ސީދާ ޕާޓީގެ ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.