20 ޖެނުއަރީ 2017 - 11:32

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަކީ ރައްޔިތުންގެ މާ ބޮޑު ތަރުހީބެއް މިހާރު ލިބޭ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ނުކުރިޔަސް ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނާ ހަމައަށް ތިލަވަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް ވުރެ ބާރަށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށާއި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ހުރި ދަތި އުނދަގޫތައް ފިލާނަމަ، ޕީޕީއެމްގެ ފިކުރު ނޫން އެހެން ފިކުރަކަށް ރައްޔިތުން ތާއީދުކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގައި މުޒާހަރާ ކުރާ ހިތްވާ މީހުން ނެތެކޭ ދަންނަވަނީކީ ނޫން. އެކަމަކު އެއީ މާބޮޑު ތަރުހީބެއް ލިބޭ ކަންކަމެއް ނޫން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމްގެ އާންމު މެމްބަރުން މަގުމައްޗަށް ނެރެ މުޒާހަރާ ކުރުމަކީ އުފަލެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަކީ ހަމަޖެހޭ މަސްލަހަތަށް ލޯބިކުރާ، އެކަކު އަނެކަކަށް އިހްތިރާމް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު، ޕީޕީއެމްގެ އާންމު މެމްބަރުންގެ ހިޔާލު ހޯދުމަށް މިދިޔަ ބުދަ ދުވަހު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާއްވަވަން އުޅުއްވި ބައްދަލުވުން ފުލުހުން ވަނީ ހުއްޓުވައިފަ އެވެ. މީގެ ކުރިން ވެސް މައުމޫން ބާއްވަވަން އުޅުއްވި ބައްދަލުވުމެއް ބޭއްވިޔަ ނުދީ ފުލުހުން ހުއްޓުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގައި ހަމަޖެހުން އޮންނާނީ ވަކި މީހަކަށް ނުބަލައި، ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ތަބާވެގެން ކަމަށެވެ. ޕީޕީއެމަކީ، އެމަނިކުފާނު ވަރަށް ލޯބިވާ ޕާޓީއެއް ކަމަށާއި ޕީޕީއެމްގައި ހަމަޖެހުން އޮންނާނީ ޑިމޮކްރަސީގެ އަސާސްތަކަށް ތަބާވެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ހަމައަށް ހުށަހެޅިގެންދާ ކަންކަމަށް ރައްދު ދޭން ބޭނުންވާނަމަ، އިދިކޮޅު ފަރާތްތަކުން އެކަންކަމަށް ރައްދު ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.
އެކަމަކު ސަރުކާރުގެ އެޖެންޑާއަކީ ރައްޔިތުންނަށް ކޮށްދޭންވީ ކޮންކަމެއްތޯ އޮޅުންފިލުވައި އެކަންކަން ރައްޔިތުންނަށް ކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ދަނީ އެ ބައެއްގެ ފިކުރާއި ވިސްނުމާ އެއްގޮތަށް ވާހަކަ ދައްކާފައި، އެ ބަޔަކު ނިންމަން ބޭނުންވާ ގޮތަށް ވޯޓު ދީގެން ކަންކަން ނިންމަން ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހަށް ދަނީ އެއްގޮތަކަށް ވެސް "ބައިބަލާ ކުޅޭކަށް" ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު މީގެ ކުރިން މަޖިލީހަކީ "ގުޅަކުޅޭ ފަސްގަނޑެއްކަން" ދައްކުވައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިރިއުޅުމުގެ ދަތިކަން ދެކަފިވެ، ގެދޮރު ނެތުމާއި އާމްދަނީ ހޯދާނެ މަސައްކަތެއް ނެތުމަކީ މީގެ ކުރިން ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށާއި އެކަމަކު މިއަދުގެ ހަގީގަތަށް ބަލާއިރު، މިކަންކަން "އެކޮޅުކޮޅުން" ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މުޒާހަރާ ކުރުމަކީ މިހާރު މާ ބޮޑު ތަރުހީބެއް ލިބޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާކުރުމުގެ ހައްގު ގާނޫނު އަސާސީން ދީފައި އޮންނައިރު، ފުލުހުންގެ ހުއްދައެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވަނީ މަޖިލީހުން ފާސް ކުރި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.
އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެއީ ބާތިލް އިސްލާހެއް ކަމަށެވެ. އެހެންވެ އެ އިސްލާހާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.