09 މާޗް 2023 - 10:28

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކޯޝިކް މިއަދު މަރުވެއްޖެ އެވެ.

އުމުރުން 66 އަހަރުގައި ސަތީޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެން މިއަދު ހެނދުނު އެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަތީޝްގެ މެއަށް ކުއްލި ތަދެއް އެރީ އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ އޭނާގެ އެކުވެރިއެއްގެ ގޭގައި ހުއްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ބުންޏެވެ.
އެކްޓުކުރުމުގެ އިތުރުން ސަތީޝް ވަނީ ފިލްމު ޑައިރެކްޓުކުރުމާއި ޕްރޮޑިއުސްކުރުމާއި ކޮމީޑިއަން އަދި ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ސަތީޝް ފުރަތަމަ މަޝްހޫރުވީ 1987 ގައި ނުކުތް ބޮލީވުޑްގެ ކާމިޔާބު ފިލްމު "މިސްޓަ އިންޑިއާ"ގައި އޭނާ ކުޅުނު ކައްކާއެއްގެ ރޯލުންނެވެ. އޭގެ ފަހުން ވަރަށް ގިނަ ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން އޭނާ ފެނުނެވެ.
އޭނާ ޑައިރެކްޓްކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ރޫޕް ކީ ރާނީ ޗޮރޯ ކާ ރާޖާ" އާއި "ޕްރޭމް" އަދި "ތޭރޭ ނާމް" ހިމެނެ އެވެ.
ސަތީޝް މަރުވިކަމުގެ ޚަބަރު އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ދިނީ، އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވަ އެކްޓަރު އަނުޕާމް ކޭރް އެވެ.
"މިއީ 45 އަހަރުގެ ދިގު ރައްޓެހިކަމަށް އައި ކުއްލި ހުއްޓުމެއް. ސަތީޝްއާ ނުލައި އަހަރެންގެ ދިރިއުޅުން ކުރިއެކޭ އެއްގޮތެއް ނުވާނެ،" އަނުޕާމް ބުންޏެވެ.