ގާތުންދޭ މައިންނަށް އެމްއެމްއޭ އިން ދެ ގަޑިއިރުގެ ބްރޭކެއް
ގާތުންދޭ މައިންނަށް އެމްއެމްއޭ އިން ދެ ގަޑިއިރުގެ ބްރޭކެއް

އެމްއެމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ގާތުން ދޭ މައިންނަށް ދޭ ބްރޭކް ގަޑި ދެ ގަޑިއިރަށް އިތުރުކޮށްފި އެވެ.

ގާތުންދޭ މައިންނަށް އެމްއެމްއޭ އިން ދެ ގަޑިއިރުގެ ބްރޭކެއް
ގާތުންދޭ މައިންނަށް އެމްއެމްއޭ އިން ދެ ގަޑިއިރުގެ ބްރޭކެއް

އެ އިދާރާއިން އެކަން ނިންމާފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފުލާގަ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި އެ އިދާރާ އަކީ ޖިންސުގެ ހަމަހަމަކަން ގާއިމުކޮށް އަންހެނުންނަށް ވަޒީފާ އަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ތަނެކެވެ. އަދި އެ އިދާރާ އަކީ އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި ނަމޫނާ ދައްކަމުންދާ ތަނެއް ކަމަށް ވެސް ބުންޏެވެ.

އިއްޔެ ނިންމި އެ ނިންމުމާ ގުޅިގެން އެ އިދާރާގައި މަސައްކަތް ކުރާ ހުރިހާ ގާތުން ދޭ މައިންނަށް މަސައްކަތު ގަޑީގައި ދެ ގަޑިއިރުގެ ބްރޭކެއް ލިބޭނެ އެވެ. މީގެ ކުރިން އެ ތަނުގައި މަސައްކަތް ކުރި ގާތުން ދެ މައިންނަށް ދެމުން އައީ އެއް ގަޑިއިރުގެ ބްރޭކެކެވެ.

އެމްއެމްއޭ އަކީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރި އެންމެ ފުރަތަމަ އެއް އިދާރާ އެވެ. އަންހެނުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭ އަކީ ލީޑާޝިޕުގައި ވެސް އަންހެނުންގެ ދައުރު އަބަދު ވެސް ބޮޑު އިދާރާއެކެވެ.