އާ ވައްތަރެއްގެ ކުރަތްޕެއް ހޯދައިފި؛ ނަން ދިނީ ޕޮކިމޯން ކެރެކްޓާއަކާ ގުޅުވައިގެން
އާ ވައްތަރެއްގެ ކުރަތްޕެއް ހޯދައިފި؛ ނަން ދިނީ ޕޮކިމޯން ކެރެކްޓާއަކާ ގުޅުވައިގެން

ސިންގަޕޫރުގެ ނޭޗާ ރިޒާވަކުން އާ ވައްތަރެއްގެ ކުރަތްޕެއް ހޯދައިފި އެވެ.

އާ ވައްތަރެއްގެ ކުރަތްޕެއް ހޯދައިފި؛ ނަން ދިނީ ޕޮކިމޯން ކެރެކްޓާއަކާ ގުޅުވައިގެން
އާ ވައްތަރެއްގެ ކުރަތްޕެއް ހޯދައިފި؛ ނަން ދިނީ ޕޮކިމޯން ކެރެކްޓާއަކާ ގުޅުވައިގެން

ރިޕޯޓްތައް ބުނާ ގޮތުގައި، މި ވައްތަރުގެ ކުރަތްޕައް ނަން ދީފައި ވަނީ، ޖަޕާނުގެ މަގުބޫލު ވީޑިއޯގޭމް ސީރީޒް ޕޮކިމޯންގެ "ފެރަމޯސާ" ކިޔާ ކެރެކްޓާއާ ގުޅުވައިގެންނެވެ. މި ކުރަތްޕައް ކިޔަނީ "ނޮކްޓިކޯލާ ފެރަމޯސާ" އެވެ.

މި ކުރަފި ހޯދުމުގައި އުޅުނު އެންޓޮމޮލޮޖިސްޓް، ފޫ މައުޝެންގް ބުނީ މި ވައްތަރުގެ ކުރަތްޕާ، އެ ކެރެކްޓާ ހުންނަ ގޮތް ވަރަށް ވައްތަރު ކަމަށެވެ.

"މި ކުރަފީގައި އިންނަ ދިގު އެންޓަނާ އާއި ބޮޑު ފިޔަގަނޑާ އަދި ދިގު ފައިން، ފެރަމޯސާއާ ވަރަށް ވައްތަރުވޭ. އަހަންނާއެކު މި ދިރާސާގައި އުޅުނު މީހަކީ ޕޮކިމޯންގެ ވަރަށް ބޮޑު ފޭނުން. އެހެންވެ، ހިތަށް އެރީ އެ ކެރެކްޓާއާ ގުޅުވައިގެންނޭ ނަން ދޭނީ،" އޭނާ ބުންޏެވެ.

މި ވައްތަރުގެ ކުރަފި ހޯދައި އެ މައުލޫމާތު ފުރަތަމަ އާންމުކޮށްފައި ވަނީ މިދިޔަ މަހު އެވެ. މިއީ ރޭގަނޑަށް ހާއްސަ، ނޮކްޓިކޯލާ އާއިލާގެ ކުރަތްޕެއް އެ ސަރަހައްދުން ފެނުނު ވެސް ފުރަތަމަ ފަހަރެވެ.

އަލަށް ހޯދި މި ކުރަފީގެ އިތުރުން، ނޮކްޓިކޯލާ އާއިލާގެ 22 ވައްތަރެއްގެ ކުރަފި، އެފްރިކާ އާއި އިންޑިއާ އާއި އޭޝިއާގެ އެކި ސަރަހައްދުތަކާއި އޮސްޓްރޭލިއާއިން ވެސް ފެނިފައިވެ އެވެ.

އާންމުކޮށް ފެންނަ ކުރަތްޕާ ހިލާފަށް، ނޮކްޓިކޯލާ ފެރަމޯސާ ކުރަތްޕަކީ ގުދުރަތީ ގޮތުން ވަރަށް ރައްކާތެރި މާހައުލުތަކުގައި ދިރިއުޅޭ ކުރަތްޕެއް ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

ގިނަ ބަޔަކު ކުރަފި ދެކެ ބިރުގަންނަ ނަމަވެސް، މިއީ ތިމާވެއްޓާއި ޖަންގަލި ފަދަ ތަންތަނުގެ ގުދުރަތްތެރިކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ރޯލެއް ކުޅޭނެ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.