08 މާޗް 2023 - 15:09

ސައުދީގެ ބަޖެޓު އެއާލައިން "ފްލައިނަސް"ގެ ދަތުރުތައް އަންނަ މެއި މަހު ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ މެއި އެއް ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ހަފްތާއަކު ތިން ދުވަހު ދަތުރުތައް ކުރާނެ ކަމަށެވެ. އެ ދަތުރުތައް ކުރާނީ މާލެއިން ސައުދީ ވެރިރަށް ރިއާލަށެވެ. ކޮންމެ ހަފްތާއެއްގެ އަންގާރަ އާއި ބުރާސްފައްޗާއި ހޮނިހިރު ދުވަހު ދަތުރުތައް ކުރަން ވަނީ ނިންމައިފަ އެވެ.
ސައުދީގެ ބަޖެޓު އެއާލައިން ފްލައިނަސް ވަނީ ރާއްޖެއާ އެކު އިތުރު 10 މަންޒިލަކަށް މި އަހަރު ދަތުރުތައް ފަށަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ މަންޒިލްތައް ވެސް ހިމެނެ އެވެ.
ރާއްޖެ އަށް މިހާރު ވެސް 30 އަށް ވުރެ އެއާލައިނުން ދަތުރުތައް ކުރެ އެވެ. މިހާރު ވެސް އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އާ އެއާލައިންތަކުގެ ދަތުރުތައް ފެށި އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ވީއައިއޭގެ އާ ރަންވޭ ބޭނުން ކުރަން ފަށައިފަ އެވެ. އާ ރަންވޭއާއެކު، ފްލައިޓުތައް ނުޖެއްސި ރަންވޭމަތީގައި މަޑުކުރަން ޖެހޭ އޮންނަ ވަގުތު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ.