09 މާޗް 2023 - 06:24

ބޮލީވުޑްގެ ވަރުގަދަ ފިލްމު "ޕަތާން" ބަންގުލަދޭޝްގެ ސިނަމާތަކުގައި އަޅުވަން ހުއްދަ ނުދީފި ނަމަ، އެ ގައުމުގެ ސިނަމާތައް ބަންދުކުރާނެ ކަމުގެ އިންޒާރު އެތަންތަނުގެ ވެރިން ދީފި އެވެ.

ބަންގުލަދޭޝްގެ ސިނަމާތަކުގެ ވެރިން ތަމްސީލު ކުރާ، ބަންގުލަދޭޝް މޯޝަން ޕިކްޗާ އެގްޒިބިޓާސް އެސޯސިއޭޝަން (ބީއެމްޕީއޭއޭ) އިން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި، ހަމައެކަނި ބަންގުލަދޭޝްގެ ފިލްމުތައް އަޅުވައިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

އެ ގައުމުގެ ސިނަމާތަކުގައި ބޮލީވުޑްގެ ފިލްމުތައް އެޅުވުން 2014 ވަނަ އަހަރު މަނާކުރުމަށް ފަހު، މި އަހަރު އެ ނިންމުން ބާތިލުކޮށް، ފުރަތަމަ ބޮލީވުޑްގެ ފިލްމަކަށް އަޅުވަން ހަމަޖެހިފައި އޮތީ "ޕަތާން" އެވެ. އެކަމަކު، ބައެއް މީހުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރާތީ ފިލްމު ނެރުމުގެ ރަސްމީ ހުއްދައެއް ސާރުކާރުން އަދި ނުދެ އެވެ.
ބޮލީވުޑްގެ ފިލްމުތައް ބަންގުލަދޭޝްގައި އެޅުވުން މަނާކުރީ، އެ ގައުމުގެ ފިލްމު އުފައްދާ މީހުންނަށް ގެއްލުން ވާތީ އާއި ދެ ގައުމުގެ ސަގާފަތް ތަފާތު ކަމަށް ބުނެ އެވެ.
ބީއެމްޕީއޭއޭގެ ޖެނެރަލް ސެކްރެޓަރީ އަވުލާދު ހޮސެއިން ބުނި ގޮތުގައި، "ޕަތާން" ރިލީޒް ކުރުމުގެ ހުއްދަ ދިނުން ނޫން ގޮތެއް ސަރުކާރަށް ނޯންނާނެ އެވެ.
"މިނިސްޓްރީން އެ ފިލްމު އެޅުވުމަށް ފެހި ސިގްނަލް ދިން، އެކަމަކު ރަސްމީ ސިފައެއްގައި ލިޔުމުން އަދިވެސް ނާންގަ. މިހެން ދިގުދެމިގެންދާ ނަމަ، ދެން ފެންނާނީ ފަހަރަކު ސިނަމާއެއް ބަންދުކުރަން ޖެހޭ ތަން،" ހޮސެއިން ބުންޏެވެ.
ބަންގުލަދޭޝްގެ ނޫސްތަކުން ބުނި ގޮތުގައި، "ޕަތާން" ރިލީޒް ކުރަން ހުއްދަ ދޭން އުޅުނު ނަމަވެސް، ބައެއް މީހުން އެކަމާ ދެކޮޅު ހެދުމުން ހުއްދަ ދިނުން މަޑުޖައްސާލީ އެވެ. އެހެންވެ، އެ ގައުމުގެ ސަރުކާރުން ވަނީ ފިލްމު އެޅުވުމުގެ ހުއްދަ ދިނުން، ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
މި ފިލްމުގެ ބަތަލު، ޝާހްރުކް ހާން ވެސް ވަނީ ބަންގުލަދޭޝްގައި "ޕަތާން" އަޅުވާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ސިނަމާތަކުގައި އެޅުވި "ޕަތާން" އަށް މިހާތަނަށް ވަނީ 130 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. ޝާހުއާ އެކު އެ ފިލްމުގައި މުހިންމު ރޯލުތަކުން ފެންނަނީ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް އެވެ.