މަރިޔަން
މަރިޔަން

އާދިއްތަ ދުވަހާ ގުޅޭ

އެއްރޭ ދަންވަރު އަހަންނަށް ހޭލެވުނީ، އަހަރެންގެ އަންހެނުން ޔުމްނާ ހަޅޭއްލަވާ އަޑަށެވެ. ދެން އިވެން ފެށީ ކަރުބުޑުން އަޑެއް ނެރިގެން ލަވާ އެހެން ހަޅޭކެއްގެ އަޑެވެ. ހީވީ ފިތިފައި ނުވަތަ ހަލާކުވެފައިވާ އަރެއްގެ ތެރެއިން ނުކުންނަ އަޑެއްހެންނެވެ. އެހައި ބިރުވެރި އަޑެއް އަހަރެން ދުވަހަކު ވެސް ނާހަމެވެ. އަހަރެންގެ ހިތަށްއެރީ އެންމެ ނުބައިކޮށެވެ. ހިތް ބުންޏެވެ. ދެބެއިން ކުރެ ކޮންމެވެސް އެކަކު މަރުވަނީއެވެ. އެ ރޭ ގެއަށް ކަރައެއް ގެނައީމެވެ. ކަރާ ފެޅީ ތަންކޮޅެއް ދަންވި ފަހުންނެވެ. ކަރާ ކާން ތިބެގެން ވެސް އެތައް ފަހަރަކު އަހަރެން ބުނީމެވެ. ވަޅި ރަނގަޅަށް ފޮރުވައްޗެވެ. ނިދަން އުޅެފައި ވެސް ވަޅި މަތިން ޔުމްނާއަށް ހަނދާންކޮށްދިނީމެވެ. ފޮރުވައިފީމޭ އޭނަ ބުންޏެވެ. އެހެނަސް، ބުނި ރާގުން އެއީ ތެދެއްހެނެއް އަހަންނަކަށް ހިޔެއްނުވިއެވެ. ވެދާނެކަމަށް ބިރުގަންނަ ކަމެއް ނުވެ އެތައް ދުވަހެއް ވުމުން، ދެން އެ ކަމެއް ނުވާނޭ ހީވާނެއެވެ. އެއީ އިންސާނީ ތަބީއަތެކެވެ. ނިދަން އޮށޯތް އިރު އަހަރެން ހުރީ ނިންޖަށް ވަރަށް ބަލިވެފައެވެ. ވަޅި ފޮރުވިކަން އަހަންނަކަށް ކަށަވަރެއް ނުކުރެވުނެވެ. އެ ހުރިހައި ކަމެއް ހަނދާންވުމުން އަހަރެން ދުވެފައި ކޮޓަރިން ނުކުތީމެވެ. ބޮޑުކޮޓަރިއަށް ނުކުތް އިރު ޒިޔާދާ ހުރީ ސޯފާއަށް ކޮޅަށްއަރައެވެ. އޭނަގެ އިސްތަށިގަނޑު ހުރީ ހާވައިލައިފައެވެ. ދެ އަތް ހުރީ ސިންގާއެއް ފުންމައިގަންނަ އިރު ހުންނަ ގޮތަށެވެ. މޫނުމައްޗަށް ވެސް ހުރީ އެ ކަހަލަ ވައްތަރެއް ޖައްސައިގެންނެވެ. އަހަންނަށް އިވުނު އަޑަކީ ޒިޔާދާގެ ކަރުތެރެއިން ނުކުންނަ އަޑެކެވެ. އެއީ ވަރަށް ގިނައިން ވާ ގޮތެކެވެ. ހަށިގަނޑު ތެރެއަށް ވަދެ އިނީ ހަރުފައެއް ސިފައިގެ އެއްޗެއް ނަމަ، އިންސާނާ އޮންނާނީ ތަނެއްގައި އޮށޯވެގެންނެވެ. ހަރުފައެއް ދުވާހެން ދުވަން މަސައްކަތްކުރާނެއެވެ. ދޫ ނެރޭނެއެވެ. ހަރުފަ ވިހަލާ އިރު ޖައްސާ ވައްތަރު ޖެއްސޭތޯ ވެސް މަސައްކަތްކުރާނެއެވެ. ޒިޔާދާ އުޅެނީ ސިންގާއެއް ފަދަ ބިޔަ ޖަނަވާރެއް ޖައްސާ ވައްތަރު ނުޖެއްސިގެންނެވެ. އެއީ ކުރިން އެއްވެސް ފަހަރަކު ޒިޔާދާ ޖެއްސި ވައްތަރެއް ނޫނެވެ. އަހަރެން ހިތަށްއެރިއެވެ. އެއީ ފިރިހެން އެއްޗެއްކަން ޔަގީނެވެ. ސޯފާ ކައިރީގައި ހުރި އަފުނާން ހުރީ ރުޅިއައިސް ރަތްވެފައި، ޔުމްނާއަށް ލޯއަޅައިގެންނެވެ. އެހެނަސް އޭނަ އެއްޗެއް ނުބުނެއެވެ. ތަނުގައި ހުރި އެއްޗެހިތައް ހުރީ ވިއްސިވިހާލިކޮށްފައެވެ.

"އަހަރެން ފެންބޯން ނުކުތް އިރު ޒިޔާދާ އޮތީ ބުޅަލެއްހެން މި ތާ ބަނޑުޖަހާލައިގެން،" ބިރުގެންފައި ހުރި ޔުމްނާ ބުންޏެވެ. "އަހަރެން ބާރަށް ކުރުސި ކިޔަން ފެށީ. އެއީ ވީހައި ވެސް ކަމަކީ."

އަނެއްކާ ވެސް ޒިޔާދާ ހޭރެން ފެށިއެވެ. އަންހެނެއް ކީއްކުރަން ހެއްޔެވެ؟ ފިރިހެނަކަށް ވެސް އެ ފަދަ ބިރުވެރި އަޑެއް ނުނެރެވޭނެއެވެ. އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"އޭ! ކޮން ފެލުމެއް ކަލޭ ތި ފެލެނީ!" އަަހަރެން ހަޅޭއްލަވައިގަތީމެވެ. "ކިހާ ބޮޑު ނޮހޮރުއްޕާނެއް!"

އެއީ ޒިޔާދާއަށް ނުވެފައި، ރައްޓެހި ފިރިހެނަކަށްވީ ނަމަވެސް ޖެހިޖެހީނުން ތަންޑާކޮށްލީމުހެވެ. ހަމަ ރަނގަޅަށް ވެސް އަހަރެން ހުރީ ހަމަހެޔަކު ނޫނެވެ. އަހަރެން ހަޅޭއްލަވައިގަތީމައި އޭނަ ހުއްޓުންއެރިއެވެ.

"ކަލޭގެ ގެތަ މީ؟" އަހަރެން ދެން ވެސް މަޑަކުން ނުހުންނަމެވެ. "އޭނ؟ ކަލޭގެ ގެހޭ މީ؟ ދަންވަރުދަޅައިގަ ހަޅޭއްލަވާ، އެއްޗެހިތައް އުކާ މީ ދެން ކިހާ ބޮޑު ދުއްޕާނެއް؟ ކަލޭ ގޮސް ކަލޭ އުޅޭ ތަނެއްގަ ހަޅޭއްލަވާބަލަ! ކުރިން މަ ހީކުރީ ޒިޔާދާކަމަށް ޖިންނިމޮޔަވީ. ކަލޭ ވެސް ޖިންނިމޮޔަވީތަ؟ ޖިންނިންނަކީ ޖިންނިމޮޔަވާ ބައެއްތަ؟ މިހާރު އަހަންނަށް އޮޅިއްޖޭ! ގައިމު މިޔޮއް ހުރިހާ ދުވަހަކު ކަލޭ ވާހަކަދެއްކި. މިހާރު ދެން ކޮން ހަޅޭކެއްތަ ތި ލަވަނީ؟ ކަލޭގެ ދޫ ބުރިވީތަ؟ ކަލޭމެންގެ ސިކުނޑިއެއް ނުހުރޭތަ؟ ކިހާ ބޮޑު ބަލާވެރިކަމެއް ޖެހިފަ މި އޮތީ. ކަލޭ ނުވިސްނަންތަ ގިޔާމަތްދުވަހު ކަލޭ ގޮސް ހުއްޓި ހުންނަންޖެހޭނީ ކޮންތާކުކަން؟ ގައިމު ވެސް އަހަރެން އެ ކަމާ ވިސްނަން. މަރުވާނެކަމާ، ސުވާލުކުރެވޭނެކަމާ، އެހެން މީހުންނަށް ޖެއްސުންކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ކަލެއަކަށް ހަމަ ނޭނގޭތަ؟ މާދަމާއަކީ ކިހާ ބިރުވެރި ދުވަހެއްކަމާ، މާދަމާ ވާނެ ގޮތާ ދޭތެރޭ ކަލޭ އެންމެ ފަހަރަކު ވެސް ވިސްނާލިންތަ؟"

ޒިޔާދާ ގަޔަށް އަރައިފައިހުރި ބާރުގަނޑު ކުއްލިއަކަށް ކެނޑުނެވެ. ހޭރުން ވެސް އޭނަ ހުއްޓައިލިއެވެ.

"އޭ! މާދަމާ އަހަންނަށް ކިހިނެއްތަ ވާން އުޅެނީ؟" އޭނަ އެހިއެވެ.

"ތިޔޮއް ވާހަކަދެއްކެނީނު ރީތިކޮށް،" އަހަރެން ބުނީމެވެ. "ދެން ކޮން ވީދުމެއްހޭ ތި ވީދެނީ؟ ކަލޭ ތި ހީކުރީ އަހަރުމެން ވަރަށް ބިރުގަންނާނެކަމަށްތަ؟ ކަލޭ ތި ހީކުރީ ޔުމްނާ މިހިރީ ބިރުންކަމަށްތަ؟ ބަލަ ކަލޭ ތި ވަރަށް ހޭރޭތީ ޔުމްނާ އެހެރީ ވާނުވާ ނޭނގިފަ. ކިހިނެއް ވެގެންތަ ސިންގާއެއްހެން ތި ހޭރެނީ؟"

އަހަރެން ކުރި ސުވާލު އޭނައަށް ނީވޭ ކަހަލައެވެ. އޭނަ ދެއްކީ އެެހެން ވާހަކައެކެވެ.

"ދެން ބުނެބަލަ މާދަމާ އަހަންނަށް ވާން އުޅޭ ގޮތެއް." އޭނަ ބުންޏެވެ.

"ނުބުނާނަން!" އަހަރެން ބުނީމެވެ. "ކީއްކުރަން އަހަރެން ކައިރީ ތި އަހަނީ؟"

ޒިޔާދާ ވިސްނަމުން އިށީންނަ ކަހަލަ ގޮތަކަށް ސޯފާގައި އިށީނެވެ. އަފުނާން ގޮސް ކޮޓަރިއަށް ވަނެވެ.

"މީ އަހަރުމެން ނިދާ ގަޑިއޭ،" އަހަރެންގެ އަޑު، ކުޑަ ތަންކޮޅެއް ވެސް މަޑެއް ނުކުރަމެވެ. "އަހަރުމެން ދުވަހަކު ވެސް ގޮސް ކަލޭމެންގެ ކަންފަތްބުޑުގަ ހޭރެންތަ؟ އޭނަ؟ ރައްކާވޭ މި ތަނުން. ނިދަންވެއްޖެ!"

"އޭ! އަހަރެން ވެސް މި ދަނީ ނިދަން ދާން." އޭނަ ބުންޏެވެ.

"އަހަންނަށް ވަރިހަމަ ކަލޭ ދުވަހަކު ނުނިދިޔަސް،" އަހަރެން ބުނީމެވެ. "މި ބުނަނީ އަހަރުމެންނަށް ޖެއްސުންނުކުރާށޭ! މި އޮތީ ވިއްޔަ މި ތަނަށް ކޮށްލާފަ އޮތް ވަރު. މި ހުރިހާ އެއްޗެއް ނަގާ، ކުރިން ހުރި ގޮތަށް ބަހައްޓާފަ ނޫނީ ކަލޭ ގޮސްގެން ނުވާނެ."

އެހެން ބުނެފައި އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ދެން ވީ ގޮތެއް އަހަރެން ނުވެސް ބަލަމެވެ. ފަތިސްނަމާދަށް ހޭލި އިރު ގޭތެރެ އޮތީ ހިމޭންވެފައެވެ. ޔުމްނާ ނަމާދުކުރާނީ ކޮޓަރީގައެވެ. އަހަންނަކީ، ފަތިސްނަމާދުކޮށްގެން އިރު އަރަންދެން ކިޔަވަން މިސްކިތުގައި އިންނަ މީހެކެވެ. ދެބެންނަށް ޖިންނިސައިތާނުންގެ ދުއްތުރާޖެހެން ފެށި ފަހުން ފަތިސްނަމާދުކުރަނީ ގޭގައެވެ. ކިޔަވަން އިންނަނީ ވެސް ގޭގައެވެ. އެ ގޮތުން، އެ ދުވަހު ވެސް، ނަމާދުކުރަން އަހަރެން ބޮޑުކޮޓަރިއަށް ނުކުތީމެވެ. އެ ތަން އޮތީ ވަރަށް ރީތިކޮށެވެ. އެއްޗެހިތައް ވެސް ހުރީ ތަރުތީބުކޮށްފައެވެ. އަހަރެން ނަމާދުކުރަން ހުރި އިރު، ހޭއަޑުއިވޭހެން ހީވިއެވެ. ހިޔަނިވާހެން ވެސް ހީވިއެވެ. އެކަމަކު އަހަރެންގެ އަގީދާއަކާ ނުކުޅެވުނެވެ. ނަމާދުގެ ސަމާލުކަން ވެސް ގެއްލުވައެއް ނުލެވުނެވެ. ކިޔަވަންއިން އިރު ވެސް ވަސްވާސްދޭން މަސައްކަތްކުރިއެވެ. އެ ދުވަހު ފަތިހު، އަހަރެން ބަލަން ބޭނުންވާ ފުޓުބޯޅަމެޗެއް ދައްކާނެކަން އަހަންނަށް އެނގެއެވެ. އިރުއިރުކޮޅާ އަހަންނަށް އެ ކަން ހަނދާންކޮށްދިނެވެ. އެންމެ ފަހުން ނާކާމިޔާބުވެގެން ހުއްޓައިލީއެވެ.

ޖިންނިސައިތާނުންގެ ޑިއުޓީ އޮންނަ ގޮތުން، ފަތިސްނަމާދު ބަންގީގެ ކުޑަ އިރުކޮޅެއް ކުރިން "ގެއްލޭނެއެވެ." ދެން ޖެއްސުންކުރާނީ އިންސާނެއް މެދުވެރިކޮށެވެ. އަނެއްކާ ވެސް ޑިއުޓީއަށް ފެތުރިގަންނާނީ އިރުއޮއްސުނީމައެވެ. އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕަން ޖެހޭނެއެވެ. ކުޑަކުދިން ގޭތެރެއަށް ވައްދަން ޖެހޭނެއެވެ. ކާއެއްޗެހީގެ މަތިޖަހަން ވެސް ޖެހޭނެއެވެ. ބިސްމި ކިޔުމަށް ފަހުގައި، ތަށި މަތީގައި ހުރަހަށް އިލޮށްޓެއް ބޭއްވިޔަސް ނުވަތަ ތެލި މަތީގައި ހުރަހަށް ދޭފަތެއް ބޭއްވިޔަސް ފުދެއެވެ. އޭގެ ސަބަބުން، ޖިންނިސައިތާނުންގެ ކިބައިން ކާނާ ރައްކާކުރެވެނީ ކިހިނެއް ހެއްޔެވެ؟ އެ ކަން އަހަރުމެންނަށް ނުވިސްނުނަސް އެއީ، އެންމެ ފަހަރަކު ވެސް ނުކޮށް ދޫކޮށްލާ ވަރަށް ވުރެ މުހިންމު ކަމެކެވެ.

އިރުއެރުމުން އަހަރެން އިރުކޮޅަކު ނިދައިލައިފައި، ސައިބޯން ނުކުތީމެވެ. ނުކުތް އިރު ދެބެން ނިކަން ރީތިކޮށް އިށީނދެލައިގެން ސައިބޯން ތިއްބެވެ. ކުރީ ރޭ ކަމެއްވީހެން ވެސް ހީނުވެއެވެ. އެހެން ވާނެއެވެ. މޮޔަވެފައި ހުންނަ ގަޑީގައި ކުރެވުނީ ކީއްކަމެއް، ކިޔުނީ ކީކޭކަމެއް ފަހަކުން ނޭނގޭނެއެވެ. އަހަރެން ނުކުތް ވަގުތަކީ، އަފުނާންގެ އަނގަމަތީގައި ޔުމްނާ އަތްއެޅި ވަގުތެވެ.

"ދެން މި ގަޑީގަ ބޭކާރު ވާހަކަނުދައްކާ ސައިބޮމާ ހިނގާ!" ޔުމްނާ ބުނި އަޑުއިވުނެވެ.

އަހަރެން ހިތަށްއެރިއެވެ. ހެނދުނުގެ ތަމުސީލު ފެށުނީއެވެ. ދެބެން ދެކެ ޔުމްނާ ވެސް ނިކަން ލޯބިވާނެއެވެ. ޖިންނީންގެ އުނދަގޫ އެންމެ ބޮޑު ވަގުތުގައި ވެސް، އެއްވެސް ކުއްޖަކާ ދިމާއަށް އަހަރެން ހަޅޭއްލެވުމަކީ ޔުމްނާއަށް ވަރަށް އުނދަގޫވާ ކަމެކެވެ. ކިޔަން ނުވާ ކަހަލަ އެއްޗެހި ވެސް އަހަންނަށް ކިޔޭތީއެވެ. އަހަރެން ހަޅޭއްލަވަނީ ދެބެންނަކަށް ނޫނެވެ. އެކަމަކު ވެސް އެ މީހުންނާ ދިމާއަށެވެ. ވީމާ ޔުމްނާ ދެރަވަނީއެވެ.

އަހަރެން އިށީންނަނީ މޭޒުގެ ކޮޅުގައެވެ. ދެބެން ތިބޭނީ ދެ ފަރާތުގައެވެ. އަހަރެންގެ ދެ ކުދިން އެ ދުވަހު އަދި ނެހޭލައެވެ.

"ދޫކޮށްލާދޫކޮށްލާ!" އިށީންނަމުން، ވަރަށް ހަމަޖެހިލާފައި އަހަރެން ބުނީމެވެ. "އަނގަމަތީގަ އަތްއަޅާނެކަމެއް ނެތް. ކީކޭތަ މި ކިޔަނީ؟"

އެކަކު ވެސް އެއްޗެއް ނުބުންޏެވެ. އެހެނަސް ދެބެން ތިބި ގޮތުން، އިތުރު "ބަޔަކު" އެ ތަނުގައި ތިބިކަން އަހަންނަށް އެނގުނެވެ.

"ޔުމްނާއަށް އެނގޭތަ ކަނާއަތް ފަރާތުގަ މީނީ ކަނޑުއެއްޗެއްކަން؟" ވާ ގޮތެއް ބަލައިލަން އަހަރެން ބުނެލީމެވެ. "ވައަތް ފަޅީގަ މީނީ ވެސް ހަމަ ކަނޑުއެއްޗެއް."

އަހަރެން އެހެން ބުނުމުން ދެބެންގެ ނިތްކުރިއަށް ރޫއެރިތަން އަހަރެން ދުށީމެވެ. ހިތަށްއެރިއެވެ. އެ އުޅެނީ ކީކޭ ކިޔަންބާއެވެ؟

"ކަލޭ ތީ ދުނިޔެއެއްޗެއްނު!" ފުރަތަމަ ވާހަކަދެއްކީ ޒިޔާދާއެވެ.

"އާނ އަހަންނަކީ ދުނިޔެއެއްޗެއް،" އަހަރެން ބުނީމެވެ. "އެކަމަކު އަހަރުމެން ކަނޑުއަޑީގަ ފީނަން. ބޯޓުގަ މައްޗަށް ވެސް އަރަން. ކަލޭމެންނަކަށް އެހެނެއް ނުވާނެ. ބިމުގަ އުޅޭ އެއްޗަކަށް ބިން. އަޑީގަ އުޅޭ އެއްޗަކަށް އަޑި. މަތީގަ އުޅޭ އެއްޗަކަށް މަތި."

"އެކަމަކު ދެންމެ ވެސް އަހަރެން މި އައީ ހަތްވަނަ އުޑަށް އަރާލާފަ." ނުބައި އަޑެއް ނެރެލައިފައި، ބޮޑާކަމާ އެކުގައި ޒިޔާދާ ބުންޏެވެ.

ނުނިމޭ