07 މާޗް 2023 - 15:57

ރާއްޖޭގައި ގަވާއިދުތައް މިހާރު ހަދާ ގޮތުން މިހާރު އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ކަންކަން ހިންގި ހިސާބުގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ދައުލަތުގެ ބާރުތައް އެއްކޮށް، ހުދުމުހުދާރު ނިޒާމެއްގެ ތެރެއިން ވެރިކަން ކުރެވޭ ގޮތަށް ބައްޓަން ކޮށްފައ އޮތް ނޫ ގާނޫނުއަސާސީ އަށް އަމަލުކުރި ދުވަސްވަރަށެވެ. އިބްރާ ވިދާޅުވީ އޭރު އަމަލު ކުރި ނޫ ގާނޫނުއަސާސީގެ ހުއްދަ ކަންކަން، އޭރު ސަރުކާރުގެ އިދާރާއަކުން ނެރޭ އިއުލާނުން ވެސް މަނާކުރާ ކަމަށެވެ.
ގާނޫނުއަސާސީ މާނަކުރާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހިއްސާ ކުރުމަށް ވަޑައިގެން މިހާރުގެ ފެހި ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ ގާނޫނު ހުއްދަ ކޮށްފައިވާ ކަންކަން، ސަރުކާރުގެ މިނިސްޓްރީތަކުން ހަދާ ގަވާއިދުތަކުން ވެސް މަނާ ކުރާ ކަމަށެވެ.
އެކަމަކު، ގާނޫނުން ހުއްދަކޮށްފައިވާ ކަމެއް މަނާ ކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަން ވެސް އިބްރާ ފާހަގަ ކުރެއްވި އެވެ.
"މިހާރު އަނެއްކާ ވެސް މައުމޫން ދައުރު. ހަމަ ސަރުކާރުގެ އޮފީސްތަކުން ގާނޫނު ހަދަނީ. ގަވާއިދަކަށް ގަވާއިދެއް އެތާ ތިބި މީހުން ބޭނުންވީމާ ބޭނުންވާހާ ގޮތަކަށް ގަވާއިދު ހަދާފައި މީހުންގެ މަސައްކަތަށް ހުރަސް އަޅަނީ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 19 ވަނަ މާއްދާއާ މެދު ދައުލަތުގެ އެއް ވެސް އިދާރާއަކުން ސަމާލުކަމެއް ނުދޭ ކަމަށެވެ. އެ މާއްދާގައި ވަނީ ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ.
ދައުލަތުގެ އިދާރާތަކުން ގާނޫނުއަސާސީ މާނަކުރުމުގައި ގޯސްކޮށް އަމަލު ކުރާ ކަމުގެ ޝަކުވާ އިބްރާ އެންމެ ފުރަތަމަ ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އިބްރާގެ އެ ކަންބޮޑުވުންތައް ހިސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ނަޝީދު އެ މައްސަލަ ފޮނުއްވުމުން، އެ ކޮމިޓީ އަށް ވަޑައިގެން އިބްރާ މިއަދު ވިދާޅުވީ، މީގެ 15 އަހަރު ކުރިން އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ވަރަށް އަސާސީ ކަންކަން ދައުލަތުގެ އިދާރާތަކަށް ސާފު ނުވާ ކަމަށެވެ.
"ނުވަތަ އެ ކަންކަން [އޮންނަނީ ކިހިނެއްތޯ] ބަލާކަށް ވެސް ނުޅޭ،" ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގައި އެތައް ވަގުތެއް ހޭދަކުރެއްވި އިބްރާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އަނެއް މައްސަލައަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) އަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މަތީ ކޯޓުތަކުގެ ނިންމުމަށް ދަށު ކޯޓުން ތަބާވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު، އާންމު މީހާ ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގައި ވެސް މަތީ ކޯޓުތަކުން ވަކި ގޮތަކަށް ނިންމާފައި އޮތް ކަމަށް ބުނެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުތަކުން ބުނާ ކަމަށެވެ.
އެކަމަކު އިބްރާ ވިދާޅުވީ، އެ މާއްދާއަކީ ގާނޫނުއަސާސީ މާނަކުރުމުގައި ނުވަތަ ގާނޫނާ ހިލާފުވޭތޯ ބެލުމުގައި ސުޕްރީމް ކޯޓާއި ހައި ކޯޓުން ނިންމާ ގޮތަށް ދަށު ކޯޓުން އަމަލު ކުރުން ލާޒިމު ކުރާ ނުކުތާއެއް ކަމަށެވެ.
މަންދު ކޮލެޖްގެ ޗެއާމަންކަން ވެސް ކުރައްވާ އިބްރާ ވިދާޅުވިގޮތުގައި ދެ މީހެއްގެ ދެމެދުގައި އުފެދޭ މައްސަލަ ވެސް ޝަރީއަތަށް ގޮސްގެން ދައުވާ ކުރުމުގެ ފުރުސަތު ވެސް އެ މާއްދާ އެގޮތަށް މާނަ ކުރުމުން ގެއްލެ އެވެ.
"މިހާ ރީތިކޮށް އަތުރާލައި ވަށައި ޖައްސައި ޓައިޓް ކޮށްފައި އޮތް އެއްޗެއް [ގާނޫނުއަސާސީ] އެންމެ މާއްދާއެއްގެ އެންމެ އަކުރެއް ބޭނުން ކޮށްގެން ބަންޑާރަ ނައިބު ވަޑައިގެން ޝަރީއަތުގައި ވާހަކަ ދައްކައިގެން އޭތި ބައިޕާސް ކުރެއްވީމާ އޭތި ގޯސް،" އިބްރާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ ޑްރާފްޓް ކުރި ބޭފުޅެއްގެ ހައްސިއްޔަތުން އިބްރާ ހިޔާލު ދެއްވީ 143 ވަނަ މާއްދާގެ (ރ) އިތުރަށް ތަފްސީލު ކުރުމަށެވެ.
"އެއީ ކަން ނޭނގޭ މީގެ ދެން އޮތް ގޮތަކީ. އެހެން ނޫނީ މިހެން ދަމުން ދަމުން މި ނިޒާމު މުޅިން ގަޑުބަޑުވެދާނެ ކަމުގެ ބިރު އެބައޮތް މިހާރު،" މާލޭ މެންބަރުކަން ވެސް ކުރިން ކުރެއްވި އިބްރާ ވިދާޅުވި އެވެ.
އޭނާ ދެން ފާހަގަކުރެއްވި މަދަނީ އިޖުރާއަތުގެ ގާނޫނު މާނަ ކުރުމުގައި އުޅޭ މައްސަލަ އެވެ. އެ މާއްދާގެ 110 ވަނަ މާއްދާގެ (ރ) އޮތް ގޮތުން އިންސާފު ލިބުން ލަސްވާ ކަމަށް ވިދާޅުވި އެވެ. އެ މާއްދާގައި ބުނާ "ދައުވާ ހަވާލުވި" އިބާރާތް "ދައުވާ ރައްދުވި" އެ ގޮތަށް ބަދަލު ކުރުމަށް އިބްރާ ހިޔާލު ދެއްވި އެވެ.