ރޮމްބަސް އަށް ޑޮލަރު ހޯދައި ނުދިނުމުން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
ރޮމްބަސް އަށް ޑޮލަރު ހޯދައި ނުދިނުމުން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

ރޮމްބަސް ކުންފުންޏަށް ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް އަމިއްލަ ކުންފުންޏަކަށް ފައިސާ ދެއްކުމުން ޑޮލަރު ހޯދައި ނުދީ އަދި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި، ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ރޮމްބަސް އަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. މީގެ ތެރޭގައި ޖުރިމަނާގެ ފައިސާ ވެސް ހިމެނެ އެވެ.

ބޮޑު އަދަދުން ފައިސާ ނެގުމަށް ފަހު، ޑޮލަރު ނުދިނުމުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، ޝާނީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މި ހުކުމް އައީ މާލޭގައި ފުޅާ ދާއިރާއެއްގައި ގާމެންޓްސް ވިޔަފާރިކުރާ ރޮބްމަސް އަށް 118،000 ޑޮލަރު ހޯދަން 2014 ގައި ފައިސާ ދެއްކުމުން ޑޮލަރު ނުދީ އަދި އެ ފައިސާ ވެސް އަނބުރާ ނުދިން މައްސަލައިގަ ރޮމްބަސް އިން ދައުވާ ކުރުމުންނެވެ.

ހުކުމުގައި ވަނީ ރޮމްބަސް އަށް ޑޮލަރު ނުދިނުމުން ޖުރިމަނާގެ ގޮތުގައި 216،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ވަނީ އަރައިފަ އެވެ. އެހެންވެ ޖުރިމަނާ އާއި ރޮމްބަސް އިން ދެއްކި 118،000 ޑޮލަރު (1.8 މިލިއަން) ރުފިޔާއާ އެކު 334،000 ޑޮލަރު (5.1 މިލިއަން ރުފިޔާ) ހަތަރު މަސް ތެރޭގައި ދެއްކުމަށް ހުކުމްގައިވެ އެވެ.

ދާދި ފަހުން ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ހޯދަން ޝަރޫ ލޯންޗް ސާވިސް ކިޔާ ކުންފުންޏަކަށް ފައިސާ ދެއްކުމުން ޑޮލަރު ވެސް އަދި ދެއްކި ފައިސާ ވެސް އަނބުރާ ނުލިބުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގެ ޖިނާއީ ބޮޑު ތަހުގީގެއް ފުލުހުން ހިންގަމުން އަންނައިރު، މަދަނީ ބައި ކޯޓުގައި ކުރިއަށް އެބަދެ އެވެ. އަދި ޝަރޫ ލޯންޗް ކުންފުނީގެ ދެ ހިއްސާދާރެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ޑޮލަރު ހޯދަން ޝަރޫ ލޯންޗް ކުންފުންޏަށް ދިން ފައިސާ ވެސް އަދި ޑޮލަރު ވެސް ނުލިބުނު މައްސަލައެއް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.