ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަންކުރާތީ ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި
ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަންކުރާތީ ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރަން ނިންމާފައި ވާތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު މައްސައެއް ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންނަށް ސަރުކާރުގެ އިސްވެރިންގެ އަޣުލަބިއްޔަތު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ގުޅިގެން ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުތަކުން އިސް މަގާމުތައް ދިނުމަކީ އެ މަނިކުފާނުގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރު ދޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވެ، ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި ގައުމުގެ ސުލްހަމަސްލަހަތު ގެއްލި، މުޅި ގައުމު ހަރާބުގެ މަގަށް ފުރޮޅިގެން ހިނގައިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ނަގައި ޢެ ފައިސާ ލޯންޑާކުރި މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އޭގެ ފަހުން ގާޒީ ވަނީ، ހައި ކޯޓުން ހުސްވި ބެންޗަށް ކުރިމަތިލައްވައިފަ އެވެ.

ކޯޓުތަކުން މި ފަހުން ހުސްވި މަގާމުތަކަށް އައްޔަންކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އާއްމުކުރި އިރު، އޭގެ ތެރޭގައި ގާޒީ ޝަކީލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭނާ މަތީ ކޯޓަށް އައްޔަންކުރައްވަން ނިންމެވިއިރު، ޔާމީންގެ ހުކުމް ބާތިލްކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

ޕީއެންސީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އާދަމް ޝަރީފު ފޮނުއްވި ސިޓީގައި ވިދާޅުވީ ޔާމީންގެ ހުކުމް އިސްތިއުނާފު ކޮށްފައިވަނިކޮށް ގާޒީ ޝަކީލަށް މަގާމުގެ ކުރިއެރުން ދިނުމަކީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި އެ މައްސަލައަށް ސަރުކާރުން ސިއްރާއި ފާޅުގައި ނުފޫޒު ފޯރުވައި، ސަރުކާރު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެއްކަމުގައި ދެކޭ ކަމަށެވެ. އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބުންޏެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީނަށް އެންމެ ފުރަތަމަ ހުކުމް ކުރެއްވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދަށް ވެސް އެތައް މަންފާއަކާ އެކު ވަޒީފާގެ ކުރިއެރުން ވަނީ ދީފަ އެވެ. އޭނާ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކޮށްފައި ވަނީ ހުކުމަށް ފަހުގައި ކަމަށް އިދިކޮޅުން ފާހަގަކުރެ އެވެ.