ޔުނައިޓެޑްގެ ފަރާތުން ފެނުނީ އަންޕްރޮފެޝަނަލް ކުޅުމެއް: ޓެން ހަގް
ޔުނައިޓެޑްގެ ފަރާތުން ފެނުނީ އަންޕްރޮފެޝަނަލް ކުޅުމެއް: ޓެން ހަގް

ލިވަޕޫލް (މާޗު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 7-0 އިން ލިވަޕޫލް އަތުން ބަލިވި މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ޕްރޮފެޝަނަލް ކަމެއް ނުފެނުނު ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

އޭނާ ވަނީ މިދިޔަ ހަފުތާގައި އިނގިރޭސި ލީގް ކަޕް ޔުނައިޓެޑަށް ހޯދައި ދީ، އެ ޓީމުން ތަށްޓެއް ނުހޯދި ފާއިތުވި ހަ އަހަރަށް ނިމުމެއް ގެނެސްދީފަ އެވެ. ނަމަވެސް ލިވަޕޫލުން ޔުނައިޓެޑް ހަމަ ބިމަށް ތިރިކުރީ ރޭގެ މެޗުގެ ދެވަނަ ހާފުގައި އެކަނި، ހަ ގޯލު ޖަހައިގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ޔުނައިޓެޑް ބަލިވި ނަތީޖާ އިން މީގެ ކުރިން ޔުނައިޓެޑް ވަނީ ވާދަވެރި ހަތް މެޗަކުން ބަލި ވެފަ އެވެ. އެއީ 1926 ވަނަ އަހަރު ބްލެކްބާން ރޯވާސް އަތުންނާއި 1930 ވަނަ އަހަރު އެސްތަން ވިލާ އަތުން އަދި 1931 ވަނަ އަހަރު ވުލްވްސް އަތުންނެވެ. ހުރިހާ ފަހަރަކު ވެސް ބަލިވީ ރަށުން ބޭރުގައި ކުޅެ އެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ފީފާ ވޯލްޑް ކަޕަށް ފަހު، މޮޅު ފޯމެއްގައި އޮތް ޔުނައިޓެޑް ވަނީ ރޭގެ މެޗުގެ ކުރިން މި މުއްދަތުގައި ކުޅުނު 20 މެޗުގެ ތެރެއިން 16 މެޗު ކާމިޔާބު ކޮށްފަ އެވެ. ތިން މެޗު އެއްވަރު ވިއިރު ބަލިވީ އެންމެ މެޗަކުންނެވެ. އެކަމަކު، ލިވަޕޫލް ކައިރީގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ، ޔުނައިޓެޑުން މިހާރު ވަނީ ކޯޗު ޓެން ހަގް ރުޅި އަރުވާލައިފަ އެވެ.

"ނަތީޖާ ވަރަށް ސާފު، ވަރަށް އަންޕްރޮފެޝަނަލް. އެކަމަކު އަހަރެން ހީކުރަނީ [އޮގަސްޓް މަހު] ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗާއި މި މެޗުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށް. ހާފް ޓައިމްގައި އަހަރެމެން ފަހަތުގައި އޮތީ 4-0 އިން. އެއީ އެ މެޗު އަހަރެމެން ފެށީ ގޯސްކޮށް،" ކަންބޮޑު ވެފައި ހުރި ކޯޗު ޓެން ހަގް ބުންޏެވެ.

"މިއަދުގެ ފުރަތަމަ ހާފުގައި އަހަރެން ދެކެނީ އެންމެ މޮޅަށް ކުޅުނީ އަހަރެމެން ކަމަށް. ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް އަހަރެމެން ތަނަވަސް ކުރިން. ކީޕަރާ ދެކޮޅަށް ވަން-އޮން-ވަން ހާލަތްތައް ވެސް ދިޔަ. އެކަމަކު އެ މީހުނަށް [ލިވަޕޫލަށް] އެ ފުރުސަތެއް ނުލިބުނު."

ޓެން ހަގް ބުނީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގޯލެއް ވަނީ ޓީމުގައި ރޭވުމުގެ މައްސަލައެއް އުޅޭތީ ކަމަށެވެ.

"އޭރު ވެސް އަހަރެން ގަބޫލު ކުރަނީ ޔުނައިޓެޑް ގޭމް ތެރޭގައި އޮތް ކަމަށް. އަހަރެން އެންމެ ހައިރާންވީ ހާފް ޓައިމަށް ފަހު އަހަރެމެން އެހާ އަވަހަށް ގޭމު އަތުން ދޫކޮށްލުމުން،" އޭނާ ބުންޏެވެ.

ޓެން ހަގް ބުނިގޮތުގައި، ޔުނައިޓެޑުން ކުޅުނީ ވަރަށް ފަރުވާ ކުޑަ ކުޅުމެކެވެ. އިދިކޮޅު ޓީމުގެ ކައުންޓަ އެޓޭކްތައް ހުއްޓުވަން ވެސް ކުޅުންތެރިން މަސައްކަތް ކުރި ތަން ނުފެންނަ ކަމަށް ބުންޏެވެ.

"ނަތީޖާ 3-0 އަށް ވީމާ ގޭމް ގެއްލުނީ. އެކަމަކު ޓީމެއްގެ ގޮތުގައި އެއްކޮށް މަސައްކަތް ކުރަން ޖެހޭ. އެކަން އެއްގޮތަކަށް ވެސް ނުފެނުމުން އަހަރެން ވަރަށް ބޮޑަށް ހައިރާންވި،" ޓެން ހަގް ބުންޏެވެ.

"މީގެ ކުރިން އަހަރެންގެ ޓީމުގެ ފަރާތުން ފެންނަ ކަމެއް ނޫން [ލިވަޕޫލާ ދެކޮޅަށް] ފެނުނީ. އެއީ އަސްލު އަހަރެމެންގެ ގޮތެއް ނޫން. އެއީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް އަހަރެން ނުދެކެން. ވަރަށް ގޯސް ވަރަށް ދަށް ކުޅުމެއް ކުޅުނީ."

ޓެން ހަގް ބުނީ ކުރިއަށް އޮތީ މަސައްކަތްތަކެއް ކޮށްގެން އިތުރަށް ވަރުގަދަ އަށް އެނބުރި އަންނަން ކުރަން ޖެހޭ ކަންކަން ކުރުން ކަމަށެވެ. މީގެ ކުރިން ވެސް ޔުނައިޓެޑުން އެކަން ސާބިތު ކޮށްދީފައި ވާނެ ކަން އޭނާ ބުންޏެވެ.

ޔުނައިޓެޑް ވަނީ މިދިޔަ އޮގަސްޓް މަހު ބްރައިޓަން އާއި ބްރެންޓްފޯޑް އަތުން ސީޒަންގެ ފުރަތަމަ ދެ މެޗުގައި ލަދުވެތިކޮށް ބަލިވިއަސް، ވަރުގަދަކޮށް އެނބުރި އައިސް ލިވަޕޫލް ބަލިކޮށްފަ އެވެ. އޮކްޓޫބަރު މަހު 6-3 އިން މެންޗެސްޓާ ސިޓީ އަތުން ބަލިވުމުން ފަހުން ވަނީ ޖެނުއަރީ މަހު އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓެޑް ވަނީ މީގެ ހަފުތާއެއް ކުރިން ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި މި ވަގުތު ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ކަޓުވާލައި ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ގަދަ 16 ގައި ޔުނައިޓެޑުން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގައި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނެ އެވެ.