05 މާޗް 2023 - 23:37

ލިވަޕޫލް (މާޗު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 7-0 ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލި ކޮށް ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑްގެ މި ބައްޔަކީ އެޓީމުން އެންމެ ފަހުން ކުޅުނު 13 މެޗުން ވީ ފުރަތަމަ ބައްޔެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ ޖެނުއަރީ މަހު އާސެނަލް އަތުން 3-2 އިންނެވެ. އޭގެ ފަހުން ޔުނައިޓެޑް ވަނީ ނުވަ މެޗުން މޮޅުވެ ދެ މެޗު އެއްވަރު ކޮށްފަ އެވެ.
ލިވަޕޫލް ވަނީ މިދިޔަ ސީޒަން ގައި ޔުނައިޓެޑްގެ ދަނޑުގައި 5-0 އިން މޮޅުވެފަ އެވެ. މި ސީޒަން ގައި ނަތީޖާ ދަށްވެ ތާވަލުގެ މެދަކާ ހިސާބަށް ވެއްޓުނު ލިވަޕޫލް ވަނީ މިދިޔަ މަހު އެޓީމުގެ ނަތީޖާތައް ރަނގަޅުކޮށް ކުރިއަށް ޖެހިލައިފަ އެވެ.
ލީގު ތާވަލުގައި މިވަގުތު ލިވަޕޫލް ފަސްވަނައިގައި އޮތީ 25 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތީ 26 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ތިންވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 25 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒް އަދި މުހައްމަދު ސަލާހު، މިއިން ކޮންމެ ކުޅުންތެރިއަކު ލިވަޕޫލަށް ދެ ގޯލު ޖަހައިދިން އިރު، ރޮބާޓޯ ފިރްމީނޯ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން ލިވަޕޫލުން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެޓޭކުތައް ނުރައްކާކޮށް ފެނުނީ ޔުނައިޓެޑެވެ. މެޗުގެ 42 ވަނަ މިނިޓުގައި ކަސެމީރޯ ޔުނައިޓެޑަށް ގޯލެއް ވެސް ޖަހައިދިނެވެ. ނަމަވެސް ވަގުތުން ލައިންސްމަން ވަނީ އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް އަންގައިފަ އެވެ. ޔުނައިޓެޑްގެ ކުޅުން ހަލާކުވީ އޭގެ މިނިޓެއް ފަހުން ގަކްޕޯ ލިވަޕޫލަށް ލީޑު ނަގައިދިން ހިސާބުންނެވެ.
ފުރަތަމަ ހާފު ނިންމާލި އިރުގެ ފޯރިގަނޑުގައި ދެވަނަ ހާފު ވެސް ފަށައި ލިވަޕޫލުން ފުލުފުލުގައި ލަނޑު ޖަހަން ފެށި އެވެ. މި ހާފު ފެށިގެން ދެވަނަ މިނިޓުގައި ލީޑު ފުޅާ ކުރީ ނޫނޭޒް ބޮލުން ޖަހައިދިން ގޯލުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން ގަކްޕޯ ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެން ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 66 ވަނަ މިނިޓުގައި ޖަހައިދިނީ ސަލާހެވެ. އަދި 75 ވަނަ މިނިޓުގައި ނޫނޭޒް ޓީމުގެ ފަސްވަނަ ލަނޑު ޖެހިއިރު ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ހަވަނަ ލަނޑު ޖަހައިދިނީ ވެސް ސަލާހެވެ. ފިރްމީނޯ ޓީމުގެ ފަހު ލަނޑު ޖެހީ 88 ވަނަ މިނިޓުގަ އެވެ.
ސަލާހުގެ ދެ ގޯލާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް 129 ގޯލު ހަމަކޮށް، ލީގުގައި ލިވަޕޫލަށް 128 ގޯލު ޖަހައިގެން ރޮބީ ފައުލާ ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ.