ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ، އިންތިހާބަށް ގޮތެއް ނިންމުން އެޖެންޑާއަކު ނެތް!
ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ، އިންތިހާބަށް ގޮތެއް ނިންމުން އެޖެންޑާއަކު ނެތް!

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރުމަށް އެ ޕާޓީގެ ގައުމީ ކޮންގެރެސް އިން ލަފާ ދިން ފަހުން ބައްވާ ފުރަތަމަ ކައުންސިލް ބައްދަލުވުން މަދަމާ އަށް އެޖެންޑާ ކޮށްފި އެވެ.

މިދިޔަ މަހު 23، 24 ގައި ޖޭޕީން ބޭއްވި ގައުމީ ކޮންގްރެސްގައި އެ ޕާޓީގެ 400 އަށް ވުރެ ގިނަ މެންބަރުން އިއްތިފާގުން ފާސް ކުރީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓެއް ނެރެން ނުވަތަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް އުފެއްދުމަށެވެ.

ޖޭޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ ކައުންސިލުންނެވެ.

ކޮންގްރެސް އިން އެ ލަފާ ދީފައި ވަނިކޮށް ޖޭޕީން ވަނީ މާދަމާ މެންދުރު ފަހު 2:00 އަށް މ. ކުނޫޒުގައި ކައުންސިލް ބައްދަލުވުމެއް ބާއްވަން އެޖެންޑާ ކޮށްފަ އެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައި ވަނީ ބައެއް ކޮމިޓީތަކުގެ އިންތިހާބަށް ހުޅުވާލުމާއި މަގާމްތަކަކަށް މެންބަރުން އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މައްސަލައެއް އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ. އެހެން ނަމަވެސް އެޖެންޑާގައި ހިމަނާފައިވާ "އެހެނިހެން" ގެ ދަށުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުންނަން އެ ޕާޓިގެ މެންބަރުން ފާސްކޮށްފައިވާ އިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އަންނަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އާއެކު ކޯލިޝަނެއް ހެދުމުގެ މަޝްވަރާ ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ގާސިމް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް އެމަނިކުފާނު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ. އަދި ނަޝީދުގެ އަރިސް މެންބަރުން ވަނީ ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް އަދި ނަޝީދު ރަނިންމޭޓަކަށް ހަދަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.