06 މާޗް 2023 - 07:15

ރާއްޖޭގައި އުފެއްދި ލަވައެއްގެ ޑިސްޓްރިބިއުޝަން ރައިޓްސް ފުރަތަމަ ފަހަރަށް، ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ރެކޯޑް ލޭބަލް، "ވާނާ މިއުޒިކް" އިން ގަނެފި އެވެ.

އެ ލޭބަލް އިން ގަނެފައި ވަނީ ރާއްޖޭގެ މަންޓާ އެއާގެ ތީމް ލަވަ "ވިންޑް ވޯކާ" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އެވެ.

އެ ލަވަޔަކީ، މަގްބޫލު ދިވެހި ބޭންޑު "ދަ ކަބާންސް" ގެ އުފެއްދުމެކެވެ.
އަހްމަދު ފައިޒާން (ފައި) ޕްރޮޑިއުސްކޮށްފައިވާ އެ ލަވަ ލިޔެފައި ވަނީ ނައުފަލް ނަސީމް (ނައު) އެވެ. އަދި އެ ބޭންޑު މެންބަރުންގެ އިތުރުން، މޯލްޑިވިއަން އައިޑަލްގެ ތަރި މަރިޔަމް މައިޝާގެ އަޑު ވެސް އެލަވައިގައި އިވެ އެވެ.
"ދަ ކަބާންސް" ބޭންޑުގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މަންޓާ އެއާ އިން ބުނިގޮތުގައި، އެ އަލްބަމް ވެސް ޑިސްޓްރިބިއުޓްކުރަން ހަމަޖެހިފައި ވަނީ ވާނާ މިއުޒިކުންނެވެ.
އޭގެ އިތުރުން، އެ ބޭންޑުގެ މެންބަރު އަހްމަދު އަރްޝަދު (ކޮއްކޮ) ބުނީ މިއީ އެ ބޭންޑުން ކުރި ދިގު ދަތުރުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށާއި މިއީ ބޭންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިއީ އެ ބޭންޑުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސް، ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް އެ މީހުންގެ އަޑު އިވުމުގެ ފުރުސަތު ލިބޭނެ ކަމެއްކަން އޭނާ ފާހަގަކުރި އެވެ. އަދި އެ ފުރުސަތަށްޓަކައި މަންޓާ އެއާ އަށާއި ޕަލްސް ހޮޓެލްސްއަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.