ޗައިނާގެ ދިފާއީ ހޭދަ 7 ޕަސެންޓް އިތުރުކުރަނީ
ޗައިނާގެ ދިފާއީ ހޭދަ 7 ޕަސެންޓް އިތުރުކުރަނީ

ޗައިނާގެ އިގްތިސާދު މިހާރު ހުރި މިންވަރަށް ވުރެ ފަސް ޕަސެންޓް އިތުރަށް ކުރިއެރުވުމަށް އަމާޒު ހިފައި، އެ ގައުމުގެ އަސްކަރީ ހޭދަ މިއަހަރުގެ ތެރޭގައި 7.2 ޕަސެންޓް އިތުރު ކުރުމަށް އެ ގައުމުން ނިންމައި މިއަދު އެކަން އިއުލާން ކޮށްފި އެވެ.

ޗައިނާގެ ދިފާއީ ހޭދަ 7 ޕަސެންޓް އިތުރުކުރަނީ
ޗައިނާގެ ދިފާއީ ހޭދަ 7 ޕަސެންޓް އިތުރުކުރަނީ

ޗައިނާގެ ގާނޫނު ހަދާ މަޖިލިސް (ނޭޝަނަލް ޕީޕަލްސް ކޮންގްރެސް) މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، ބޮޑުވަޒީރު ލީ ކާޗިއަންގް ވިދާޅުވި ގޮތުގައި އެ ގައުމުގެ އަސްކަރީ ކަންކަމަށް މިއަހަރުގެ ތެރޭގައި 1.55 ޓްރިލިއަން ޔުއާން (224 ބިލިއަން އެމެރިކާ ޑޮލަރު) ހޭދަކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ އެ ގައުމުގެ އަސްކަރީ ބަޖެޓް ޖެހިޖެހިގެން 7 ޕަސެންޓް އިތުރުކުރި ދެ ވަނަ އަހަރެވެ.

ހުސްވި 2022 ވަނަ އަހަރު އެ ގައުމުގެ އަސްކަރީ ބަޖެޓް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 7.1 ޕަސެންޓް އިތުރުކޮށްފަ އެވެ. ޗައިނާގެ އަސްކަރީ ހޭދަ މިހާ ބޮޑު ނިސްބަތަކުން އިތުރުކުރަން ފަށާފައި މިވަނީ، އިރުމަތީގެ ގައުމުތަކާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ސިޔާސީ ދެބަސްވުންތައް އިތުރުވެ، އަސްކަރީ ވާދަވެރިކަން ވަރަށް ބޮޑުވެފައިވަނިކޮށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އަސްކަރީ ބަޖެޓް ބޮޑުކުރުމުގެ ބޭނުމަކީ، މުޅި އަސްކަރިއްޔާގެ ތައްޔާރީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިޒަމާނުގެ ހަނގުރާމައިގެ އުކުޅުތަކާ ބެހޭ އިތުރު ތަމްރީންތައް ސިފައިންނަށް ދިނުމެވެ. އަދި ހަނގުރާމައިގެ ހާލަތްތަކަށް ސިފައިން ތައްޔާރުކުރުމާ އެކު، އާ އަސްކަރީ ސްޓްރެޓީޖީ ތަރައްގީކުރުމަކީވެސް، އަސްކަރީ ބަޖެޓް ބޮޑުކުރަންޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ އަދަދާއި ހަތިޔާރުގެ އަދަދަށް ބަލާއިރު، ޗައިނާގެ ކަނޑުގެ ސިފައިންގެ ލަޝްކަރަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ލަޝްކަރެވެ. އެމަގާމު ދެމެހެއްޓުމުގެ ގޮތުން ޗައިނާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކަނޑުގެ ލަޝްކަރުގައި ހިމެނޭ ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިންތަކުގެ ފެންވަރު މަތިކުރުމަށެވެ.

އޭގެ އިތުރުން އެ ގައުމުގެ ވައިގެ ސިފައިންގެ ލަޝްކަރުގައި މިހާރު ބޭނުން ކުރަމުން އަންނަ ސްޓެލްތު (ރާޑަރަށް ނާރާ) މަތިންދާބޯޓުތައް ޒަމާނީ ކުރުމަށް ވެސް ޗައިނާގެ އަސްކަރިއްޔާ އިން މިހާރު ވަނީ ޚާއްސަ މަޝްރޫއެއް ފަށައިފަ އެވެ.

އަސްކަރީ ހޭދަ އިތުރު ކުރަން ނިންމާފައިވާ އިރު، އިގްތިސާދު ކުރިއަރާ ނިސްބަތް ފަސް ޕަސެންޓް އިތުރު ކުރުމަށް ވެސް ޗައިނާ އިން ވަނީ ނިންމައިފަ އެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ޚާއްސަ ރޭވުމެއްގެ ތެރެއިން އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރަށްފުށު ސަރަހައްދުތަކުގައި އެކަނިވެސް 12 މިލިއަން ވަޒީފާގެ ފުރުސަތު އިތުރުކޮށް، ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 5.5 ޕަސެންޓަށް ދަށް ކުރެވިފައި ކަމަށް ބޮޑުވަޒީރު ލީ ވިދާޅުވި އެވެ. މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި އިގްތިސާދު 5.5 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އިގްތިސާދު ކުރިއެރީ އެންމެ ތިން ޕަސެންޓްގަ އެވެ.

މިއީ އެ ގައުމުގެ އިގްތިސާދު 1976 ވަނަ އަހަރަށް ފަހު މިހާ ދަށަށް ދިޔަ ދެ ވަނަ އަހަރެވެ. އެ ގައުމުގެ އިގްތިސާދު އެންމެ ދަށަށް ދިޔައީ ކޮވިޑް ވަބާގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ފެތުރިފައި އޮތް، 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.