26 އަހަރަށް ފަހު ޑޯނާ ރެފްރީކަމުން ރިޓަޔާކޮށްފި
26 އަހަރަށް ފަހު ޑޯނާ ރެފްރީކަމުން ރިޓަޔާކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ލައިންސްމަން އިބްރާހިމް ތައުފީގް (ޑޯނާ) 26 އަހަރަށް ފަހު ރެފްރީކަން ކުރުން ހުއްޓާލައިފި އެވެ.

26 އަހަރަށް ފަހު ޑޯނާ ރެފްރީކަމުން ރިޓަޔާކޮށްފި
26 އަހަރަށް ފަހު ޑޯނާ ރެފްރީކަމުން ރިޓަޔާކޮށްފި

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ 2007 ވަނަ އަހަރުން ފެށިގެން އޭއެފްސީ އެލީޓް ގްރޫޕަށް ޑޯނާ ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް މިއަދު އެވޯޑް ދީފަ އެވެ. އެވޯޑާ ހަވާލުވުމަށް ފަހު ޑޯނާ މިއަދު ބުނީ ފީފާ އެސިސްޓަންޓް ރެފްރީކަމުން އަދި އޭއެފްސީ އެލީޓް ގްރޫޕުން ރިޓަޔާކޮށްފައިވާ ކަމަށާއި ދެން އޭނާ ރާއްޖޭގެ މެޗަކުން ވެސް ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑަށް 1990 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ފުޓްބޯޅައަށް ހިދުމަތްކުރެވިއްޖެ. ދެން ރެފްރީން އުފެއްދުުމުގެ ދާއިރާ އިން ފެންނާނީ،" ފީފާ އެސިސްޓަންޓް ރެފްރީ ބެޖް 2005 ވަނަ އަހަރު ހޯދި ޑޯނާ ބުންޏެވެ.

މައުހަދުން ކިޔެވުމަށް ފަހު މީގެ 26 އަހަރު ކުރިން ރެފްރީ ކޯސް ހަދައިގެން މި ދާއިރާ އަށް ނުކުތް ޑޯނާ ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ މުބާރާތެއްގައި ރޮނގު ބަލަހައްޓައިފަ އެވެ. މީގެ އިތުރުން އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކޮލިފައިން އާއި އޭއެފްސީ ޗެލެންޖް ކަޕުގެ އިތުރުން އޭއެފްސީ ޔޫތު މުބާރާތްތަކުގައި ވެސް އޭނާ ވަނީ އޮފިޝަލްކަންކޮށްފަ އެވެ. ޑޯނާގެ އެންމެ ހާއްސަ މެޗުތަކަކީ ނެހުރޫ ކަޕުގެ ފައިނަލާއި 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފައިނަލެވެ.

"މަސައްކަތްކުރާ ރެފްރީންނަށް ކުރިމަގު އެބައޮތް ވަރަށް ފުޅާކޮށް،" އަބަދުވެސް ލައިނުން ފެންނަ ޑޯނާ ބުންޏެވެ.

އޭނާ ބުނީ ހަމައެކަނި ފީފާ ބެޖް ލިބުނަސް ނުފުދޭ ކަމަށާއި އޭއެފްސީ އެލީޓް ރެފްރީއަކަށް ވުމަށް އަމިއްލަ އަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ފީފާ ބެޖަކީ އޭއެފްސީ އެލީޓް އެލީޓް ރެފްރީއަކަށް ނުވަތަ އެސިސްޓަންޓް ރެފްރީއަކަށް ވުމަށް ހުޅުވޭ މަގެއް،" ޒުވާން ރެފްރީންނަށް ޑޯނާ ބުންޏެވެ.

އޭނާއާ އެކު ރެފްރީންގެ ތެރެއަށް ނުކުތް އަލީ ސަލީމް ބުނީ ޑޯނާ އަކީ މިކަމުގައި ވަރަށް ފޯރީގައި އުޅުނު އަދި މިކަމަށް ވަރަށް ކޮމިޓްމަންޓް ދިން މީހެއް ކަމަށެވެ. ހާއްސަކޮށް ފަށައިގަތްތަނުން ކުރިމަތިވި އަނިޔާއަކަށް އެކަނިމާއެކަނި މަސައްކަތްކޮށްގެން ފަރުވާ ހޯދައި އަލުން މިކަމުގެ ތެރެއަށް ނުކުތް ނުކުތުން ސަލީމް ފާހަގަކުރި އެވެ.

"ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ވަރަށް ގިނަ މެޗުތަކުގައި ލައިން ބެލެހެއްޓި ކުޅަދާނަ އޮފިޝަލެއް ޑޯނާ އަކީ. ލައިނަށް ވަރަށް އެކިއުރޭޓް މީހެއް އޭނާ އަކީ. އަޅުގަނޑު ދެކޭ ގޮތުގައި ސައީދަށް ފަހު، ރާއްޖޭގައި އުފެދުނު އެންމެ މަތީ ފެންވަރުގެ އެސިސްޓަންޓް ރެފްރީންގެ ތެރޭގައި އޭނާ ހިމެނޭނެ،" ދާދި ފަހުން ރިޓަޔާކުރި ސަލީމް ބުންޏެވެ.

ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހޯދާފައިވާ ސަލީމް ބުނީ އޭނާ އާއި އަހުމަދު އަބީރު އިސްމާއިލާއި މުހައްމަދު ސައީދާއި އަހުމަދު އަމީޒް ފަދަ ރެފްރީން މިކަމުން ދުރުވުމާ އެކު ޒުވާން ރެފްރީންނަށް ރަނގަޅު ފުރުސަތެއް ހުޅުވިފައިވާ ކަމަށާއި ވަރަށް އުއްމީދީ ރެފްރީން ފެންނަން އެބަތިބި ކަމަށެވެ.

"ވަރަށް ޕޮޓެންޝިއަލް ކުދިން އެބަތިބި. އެކުދިންނަށް ތަމްރީން ވެސް ބޭނުންވޭ. އަދި އޭގެ އިތުރުން އަމިއްލަ ކޮމިޓްމަންޓް ވެސް ވަރަށް މުހިއްމު. ހަމައެކަނި ކޯހުން ފާސްވިޔަސް ނުފުދޭ. ދަނޑުމަތީގައި ގަވާއިދު ހިންގަން އެނގުމާއި މިކަމަށް އަމިއްލަ އިންޓްރެސްޓް ހުރުން ވަރަށް މުހިއްމު،" ސަލީމް ބުންޏެވެ.