06 މާޗް 2023 - 07:08

ގެއްލިގެން ހޯދައި ނުފެނުމުން، މަރުވި ކަމަށް ނިންމިތާ 30 އަހަރު ފަހުން އެމެރިކާގެ އަންހެނަކު، ޕޯޓެ ރިކޯގެ ދުވަސްވީ މީހުން ބަލަހައްޓާ ތަނެއްގައި އުޅެނިކޮށް ފެނިއްޖެ އެވެ.

ސީއެންއެން އިން ބުނި ގޮތުގައި، ޕެޓްރިޝާ ކޯޕްޓާ، 83، އެންމެ ފަހުން ފެނިފައި ވަނީ އެމެރިކާގެ ޕިޓްސްބާގް ސްޓޭޓުން، 1992 ވަނަ އަހަރު އެވެ.

ޕެޓްރިޝާގެ ފިރިމީހާ، ބޮބް ކޮޕްޓާ އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރީ ގެއްލުނުތާ ދެތިން މަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ތަހުގީގީ އިދާރާތަކަށް ބޮބް އޭރު ބުނީ، ކުރިން ވެސް ބައެއް ފަހަރު ޕެޓްރިޝާ ދުވަސްކޮޅުކޮޅަށް "ގެއްލޭ" ކަމަށެވެ.
އެމެރިކާގެ ފުލުހުންނާ ހަވާލާދީ ސީއެންއެން އިން ބުނީ، ޕެޓްރިޝާ ދިރިހުރިކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ލިބުނީ މިދިޔަ އަހަރު އިންޓަޕޮލްގެ އޭޖެންޓަކާއި، ޕޯޓެ ރިކޯގެ އިޖްތިމާއީ މަސައްކަތްތެރިއަކު، އެ އިދާރާއަށް ގުޅައި، ޕެޓްރިޝާ ކަމަށް ގަބޫލުކުރެވޭ މީހަކު އެ ނާސިން ހޯމްގައި އުޅޭ ކަމަށް ބުނުމުން ކަމަށެވެ.
"އެ މީހުން ރިޕޯޓުކުރިގޮތުގައި، ޕެޓްރިޝާ ނާސިން ހޯމްގެ ބެލުމުގެ ދަށަށް ދިޔައީ 1999 ވަނަ އަހަރު، ޕޯޓެ ރިކޯގައި މަގުމަތިވެ އެހީއަށް ބޭނުންވެފައި ވަނިކޮށް،" ޕެންސްލެވޭނިއާގެ ރޮސް ޓައުންޝިޕްގެ ފުލުހުން ބުންޏެވެ.
ޕެޓްރިޝާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްކަން މީގެ ކުރިން ވެސް އެނގެ އެވެ. އެހެންވެ، އޭނާ ގެއްލުމުގައި އޭރު ވެސް ވަކި މީހަކަށް ތުހުމަތެއް ނުކުރެ އެވެ.
"ނަފްސާނީ ބަލީގެ ތެރޭގައި އުޅެމުން، އަބަދުވެސް ޕެންސްލެވޭނިއާ ދޫކޮށް ދާ ވާހަކަ އާއިލާ މީހުން ކައިރި ދައްކާނެ. އަބަދު އުޅޭނީ އެތަނުގެ ކެއާ ފެސިލިޓީއަކަށް ލާފާނެތި ބިރުން،" ފުލުހުން ބުންޏެވެ.
ޕެޓްރިޝާގެ ފިރިމީހާ ބޮބް ބުނި ގޮތުގައި، އޭނާ އަބަދުވެސް ޕޯޓެ ރިކޯގެ ހިތްގައިމު ޓްރޮޕިކަލް މާހައުލުގައި ދިރިއުޅެން ދާން ބޭނުންވާނެ އެވެ. އެހެންވެ، ބޮބް ވަނީ އޭރު ޕޯޓެ ރިކޯގައި ވެސް ޕެޓްރިޝިއާ ހޯދަން މަސައްކަތްކޮށްފަ އެވެ.
ޕެޓްރިޝިއާ ގެއްލުނީ، ބޮބްއާ އިނދެގެން އުޅޭތާ 20 އަހަރު ފަހުންނެވެ.
ފެނުނީ ޕެޓްރިޝިއާތޯ ޔަގީންކުރީ ނުވަ މަސްދުވަހުގެ މަސައްކަތްތަކަކަށް ފަހު އެވެ. އޭގައި ޑީއެންއޭ ޓެސްޓިންގެ މަސައްކަތް ވެސް ހިމެނެ އެވެ. އެކަމަކު، ޕެޓްރިޝާގެ އާއިލާއަށް އޭނާގެ ފޮޓޯ ފެނުމާއެކު އެއީ އޭނާކަން ޔަގީންވި އެވެ.