05 މާޗް 2023 - 08:27

މެންޗެސްޓާ (މާޗް 5) - ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި މެންޗެސްޓާ ސިޓީ ކުރިމަތިލާ ތިން މެޗުން މި ސީޒަންގައި އެ ކްލަބަށް ވާނެ ގޮތް އެނގޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އަށް ކުރިއަށް އޮތް ތިން މެޗަކީ ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅޭ މެޗު، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެޑްބުލް ލައިޕްޒިގް މެޗު އަދި އިނގިރޭސި އެފްއޭ ކަޕުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗެވެ. ގާޑިއޯލާ ބުނީ އެ ތިން މެޗަކީ ވަރަށް ނާޒުކު ތިން މެޗު ކަމަށެވެ.
ގާޑިއޯލާގެ ޓީމުން ދަނީ އެއްވަނައިގައި އޮއް އާސެނަލް އާ ވާދަކުރަމުންނެވެ. ދެ ޓީމުގެ ދެމެދުގައި ފަސް ޕޮއިންޓް ފަރަގު އެބަހުއްޓެވެ. އެކަމަކު ސީޒަންގައި މުހިންމު ތިން ތަށި ހޯދުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.
"އަހަރެމެންނަށް އެބައޮތް ދެ ދުވަސް އޮފް. އެއީ ވރަށް މުހިންމު ދެ ދުވަސް އަދި އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލުމުގެ ކުރިން އަހަރެމެންނަށް އެބައޮތް ކްރިސްޓަލް ޕެލަސް އާއި ލައިޕްޒިގް އަދި ބާންލީގެ މެޗު. ތިން މުބާރާތުގެ ތިން މެޗު،" ރޭ ނިއުކާސަލް ޔުނައިޓެޑާ 2-0 ން މޮޅުވި މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
"އެ ތިން މެޗުން އަހަރެމެންނަށް އެނގޭނެ މި ސީޒަންގައި ދެން ބާކީ އޮންނަ ބައިގައި އަހަރެމެންނަށް ހާސިލުކުރެވޭނެ ކަންކަން."
ފިލް ފޮޑެން އާއި ބެނާޑޯ ސިލްވާގެ ލަނޑުތަކުން ސިޓީން ވަނީ އެ ޓީމުން ހިފަހައްޓަމުން އަންނަ މޮޅުވުމުގެ ޓްރެކް ހަތް މެޗަށް ދަމަހައްޓައިފަ އެވެ. ވޯލްޑް ކަޕުގެ ފަހުން ފޮޑެން ފެންނަނީ ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ހަތަރު ގޯލް ޖެހި އެވެ.
އިއްޔެގެ މެޗާ އެކު ސިޓީގެ ކީޕަރު އެޑަސަން ވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ އޭނާގެ 100 ވަނަ މެޗު ފުރިހަމަ ކޮށްފަ އެވެ.