05 މާޗް 2023 - 06:59

ބުދަ ދުވަހާ ގުޅޭ
"ކޮން ކަމެއް؟" އަހަރެން އެހީމެވެ. "އަހަރެން އެހެން ނާހަނީސް ކިޔައިދިނުން އެއީ މައްސަލައެއްތަ؟"
"އާނ!" ރާގުލައިފައި، ދަމައިލައިފައި އޭނަ ބުންޏެވެ. "އެޔެއްނު މައްސަލައަކީ. ކަލޭމެން ހީކުރަނީ ކަލޭމެންނޭ އެންމެ މޮޅު ބަޔަކީ. ކަލޭމެންނަކަށް އަހަރުމެންގެ އެހީއެއް ބޭނުމެއް ނުވާނޭ! އަހަރުމެން މާ މޮޅުވާނެ. އެހެން ތަނެއްގަ މިހާރު ހިނގާ ކަންތަކާ، ވާން ހުންނަ ކަންތައް ވެސް އަހަރުމެން ރާސްލާފަ ކިޔާލަދޭނަން. އަސްލު ކަލޭމެން އަހަރުމެންނާ ގުޅިގެން..."
"އެއްކަލަ ބަލިގަނޑު ހިލުނީ ދޯ؟" ތަންކޮޅެއް ބާރަށް ބަދީއު ބުންޏެވެ.
އެ ހިސާބުން އޭނަ ހަމަހިމޭންވިއެވެ. ދެން އެއްޗެއް ނުބުންޏެވެ. ކުޑަކުއްޖެއްހެން ތުންފިއްތައިގެން އޮތީއެވެ. އަހަރެން ކުރި ސުވާލަށް ދެން އޭނަ ޖަވާބެއް ނުދޭނޭ ހީވާހާ ގިނަ އިރު އެއްޗެއް ނުބުނެ އޮތެވެ. އަހަންނަށް ބަލައިލެވުނީ ބަދީއުއަށެވެ. ތި ކުރި ކަމަކުން ދެން އޭނަ ވާހަކައެއް ނުދައްކާނޭ ބުނާ ކަހަލަ އިޝާރާތެއް އަހަރެން ކޮށްލީމެވެ. ބަދީއު ވެސް ޖަވާބުދިނީ އިޝާރާތުންނެވެ. ހާސްނުވާށޭ، އެއްޗެއް ނުބުނެ މަޑުކޮށްލާށޭ ބުންޏެވެ.
"އޭ! ކަލޭމެން ތި ގަންނަ ހުރިހާ ސަކަރާތެއް އަހަންނަށް އެބަ ފެނޭ އިނގޭ!" އޭނަ ވާހަކަދައްކަން ފެށިއެވެ.
"ނުފެންނާނެ!" ވަރަށް ޔަގީންކަމާ އެކުގައި ބަދީއު ބުންޏެވެ. "ކަލޭ ތީ އެއްވެސް ކަމެއް ކުރެވޭ މީހެއް ނޫން. މިހާރު ތި އުޅެނީ ދެންމެ ބުނަން އުޅުނު ވާހަކަ ވެސް ހަނދާންނެތިގެން. އެހާ ވެސް ކަލޭގެ ހަނދާން ބަލި."
"ތިހެން ނުބުނޭ! އަހަރުމެންނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ހަނދާންތައް ރައްކާކުރާ ބައެއް،" ފަހުރުވެރިކަމާ އެކުގައި އޭނަ ބުންޏެވެ. "އަހަރެން ބުނަންއުޅުނީ، މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިން ކަލޭމެން އުޅުނު ގޮތް. ވެއްޓޭ ދަތާ، ބޭކާރުވާ އިސްތަށިކޮޅާ، ނިޔަފަތިކޮޅު ވެސް ކުރިން ކަލޭމެން ވަޅުލާ! ކިޔަންވާ ދުއާތައް ބަރާބަރަށް ކިޔާ! ކަލެއަށް އެނގޭތަ؟ ގައިން ވަކިކޮށްލާ ކޮންމެ އެއްޗަކީ އޭގެ ވެރިމީހާގެ ނިޝާންތައް ހަރުލާފަހުންނަ އެއްޗެއް. ކަލޭމެން ސިހުރުހަދާ އިރު ބުނެއެއްނު ބޮލުން އިސްތަށިކޮޅެއް ގެންނާށޭ! ހެދުމެއްގެ އެތިކޮޅެއް ގެންނާށޭ! އެއީ އެހެންވެ! އަހަރުމެން ވެސް ކަލޭމެންނަށް ސިހުރުހަދަމޭ! ހަމަ އެ ސާމާނު ބޭނުންކޮށްގެން ހަދަނީ. ކަލޭމެން މިހާރު އެ ސާމާނުތައް ހުންނަނީ ގޭގެ އެތައްމިތަނަށް އުކާފަ. އަހަރުމެންނަށް ފަސޭހަކޮށްދީފަ. ދަރިންގެ ދަތް ވެއްޓުނީމަ ވެސް ކަލޭމެން ތި އުޅެނީ ފުޅިއަކަށް ދަތް ލައިގެން ޓޫތުފެއާރީ އަންނާނޭ ކިޔައިގެން. ދެން ދުވަސްކޮޅަކުން ކަލޭމެން އުޅެމެއްނު އެ ދަތް ގެއްލިގެން. އެނގޭތަ؟ ގެއްލެނީކީ ނޫނޭ! އަހަރުމެން ކަޓުވާލަނީ!"
ފަހު ދެ ލަފުޒު އޭނަ ބުނީ ވަރަށް މަޖާވެފައި ބުނާ ކަހަލަ ރާގަކަށެވެ. އޭނަ ބޭނުންވަނީ ބުނާ ކޮންމެ އެއްޗަކުން އޭނަ ކިހައި މޮޅުކަމާއި އިންސާނުން ކިހައި ނިކަމެތިކަން އަންގާށެވެ. ޖިންނީންނާއި އަހަރުމެންނާ ދެމެދު، ހައެއްކަ އަހަރު ވަންދެން މުއާމަލާތުކުރެވުނެވެ. އެކި ފަހަރު ވާހަކަދައްކަނީ އެކި ފެންވަރުގެ ޖިންނީންނެވެ. ބައެއް ވާހަކަ ނުބުނަން ވަރަށް ހިފާއްޓައިލައެވެ. ދަތާއި، ނިޔަފައްޗާއި، އިސްތަށީގެ ވާހަކައަކީ އެ ފަދަ ވާހަކައެކެވެ. ކޮންމެ ފަހަރަކު ވެސް ޖިންނީން އެ ވާހަކަ ހިންދައިލައެވެ. އަހަރެން ބޭނުންވީ ހަގީގަތް ހޯދާށެވެ. އަހަރުމެން ހޭލުންތެރިވުމަށް ޓަކައެވެ.
"ކަލެއަކަށް ނޭނގޭތަ ތި ހުރިހާ ވާހަކައެއް ކިޔައިދިނީމަ ތި ފުރުސަތު ގެއްލޭނެކަމެއް؟" އަހަރެން ބުނީމެވެ. "ފެންނަ ކޮންމެ މީހަކަށް އަހަރެން ތި ވާހަކަ ކިޔައިދޭނަން. ކަލޭ ހާދަ މޮޔައޭ!"
"ކަލޭ އަދި މާ މޮޔައެއްނު!" އޭނަ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ކަލެއަކަށް ނޭނގޭ ކަލޭމެންނަކީ ކިހާ ކަންފަސޭހަ، ޖާހިލުބައެއްކަމެއް. އެއްބަޔަކަށް މި ވާހަކަ ގަބޫލެއް ނުކުރެވޭނެ. އަނެއްބަޔަކަށް ނިޔަފަތިކޮޅެއް ނޫނީ އިސްތަށިކޮޅެއް ހިފައިގެން ގޮސް ވަޅުލުން ވާނީ ވަރަށް ބޮޑުކަމަކަށް. ކިޔަންވީ އެއްޗެއް ކިޔާފަ ޑަސްބިނަށް ވެސް ވައްޓާނުލެވޭނެ. އެހާ ވެސް ކަލޭމެން ކަންނެތް. ކަލޭމެންނަކަށް ނުވިސްނޭ ކަލޭމެންގެ ދަތަކީ އަހަރުމެންނަށް ކިހާ މުހިންމު އެއްޗެއްކަމެއް. އެނގޭތަ؟ އަހަރުމެންގެ މުއްސަނދީން ކަލޭމެންގެ ދަތް ގަންނާނެ. ކީއްކުރަން؟ އިތާގެ މުތުން ކަލޭމެން ހާރު ހަދަމެއްނު! އިންސީންގެ ދަތުން އަހަރުމެން ވެސް ހާރު ހަދަމޭ! އެއީ އަހަރުމެންގެ މަހުޖަނުން މާ ގަޔާވާ އެއްޗެއް."
ޖިންނީންގެ މުއްސަނދީންނާ ބެހޭ ގޮތުން ވެސް އަހަރެން ސުވާލުކުރީމެވެ. އޭނަ ބުނި ގޮތުގައި، އިންސާނުންގެ މުއްސަނދީން ފަދައިން ޖިންނީންގެ މުއްސަނދީންނަކީ ވެސް ކިބުރުވެރި، ބޮޑާ ބައެކެވެ. މީރު އެއްޗެެހި ކައިގެން، މޮޅެތި ތަންތަނުގައި މުއްސަނދީން އުޅޭ އިރު، އާދައިގެ ޖިންނިއެއް އެ ހިސާބަށް ވައި ވެސް އެޅިލިޔަކަ ނުދޭނެއެވެ. މަހުޖަނުންނާ ގުޅިގެން އުޅޭނީ މަހުޖަނުންނެވެ. ގެ އަޅާފައި ހުންނާނީ ފުރަތަމަ އުޑާ ވީހައި ވެސް ކައިރީގައެވެ. އެއީ އެރޭ އެންމެ މައްޗެވެ. ގިނަ ވަގުތު ތިބޭނީ ކަންފަތްތައް ހުޅުވައިގެން އުޑުން ޚަބަރެއް ލިބިދާނެކަމުގެ އިންތިޒާރުގައެވެ. ދެން ތިބޭ ޖިންނީންނާއި، އެއްވެސް އިންސިއަކަށް އެ މަހުޖަނުންގެ ހިތަކު އިހުސާންތެރިކަމެއް ނޯންނާނެއެވެ. އެއީ ނިހާޔަތަށް ދަހިވެތި، ތަނަވަސްކަމަށް ދެވިހިފާފައިވާ ބައެކެވެ. ޖިންނީންގެ ތެރޭގައި ޓެކުސްނެގުން ވެސް އޮވެއެވެ. ފައިދާނެގުމާއި ރިބާކެއުން ވެސް އޮވެއެވެ.
މުދާ ފޭރުމާއި ވައްކަންކުރުމަކީ ވެސް ޖިންނީންގެ ތެރޭގައި އޮންނަ ކަމެކެވެ. ގެރިބަކަރި ފަދަ މަސްކާ ޖަނަވާރުގެ ވިޔަފާރިއާއި، ކޯލިވެރިކަން ވެސް އޮވެއެވެ. އެންމެ ފުޅާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އެ ދަނޑުތަކުގައި ހައްދާ މޭވާއާއި ތަރުކާރީ އެހެން ގައުމުތަކަށް ފޮނުވައެވެ. އެކި ހިސާބުގައި ހެދެނީ އެކި ފާޑުގެ އެއްޗެއްސެވެ. އިންސާނުން އިންދާހައްދާ ގަސްގަހާއި، ޖިންނީންގެ ދަނޑުތަކުގައި ހެދޭ ގަސްތައް ވަރަށް ތަފާތެވެ. ބޮޑުމިނާއި، ކުލަތަކާއި، ރަހަތައް ވެސް ތަފާތެވެ. މިސާލަކަށް އޭނަ ނެގީ އަންނާރެވެ. އޭގެ ބޮޑުމިން ދެއްކީ ދެ އަތުންނެވެ. ސައިޒެއްކަމުގައި ބުނީ ވޮލީބޯޅައިގެ ސައިޒެވެ. އިންސާނުންގެ ހައެއްކަ މީހުންނަށް ވެސް އޭގެ އަންނާރެއް ހުސްނުކުރެވޭނެކަމަށް ވެއެވެ. އިންސާނުން ދަންނަ ހުރިހައި ކުލައެއްގެ މަލާއި މޭވާ ހުރެފައި، ދުވަހަކު ލޮލުން ނުދެކޭ ކުލަތަކުގެ މާތަކާއި މޭވާ ވެސް ހުރެއެވެ.
އަހަރުމެންގެ ރަހަތައް ބެހެނީ ހަތަރު ބަޔަށެވެ. އެއީ ހުތާއި، ލޮނާއި، ކުޅިއާއި ފޮންޏެވެ. އިތުރު ރަހައެއް ހުންނަކަމެއް ވެސް އަހަރުމެންނަކަށް ނޭނގެއެވެ. ޖިންނީންގެ ދުނިޔޭގައި ރަހަތަކަށް ނިމުމެއް ނެތެވެ. ދޫނިތަކާއި، މަސްތަކާއި، ޖަނަވާރުތަކުގެ ސިފަ ވެސް ތަފާތުވެފައި، އާދަޔާހިލާފެވެ. ބޮޑު އެއް ލޯ ހުރެދާނެއެވެ. ދެ ލޮލަށް ވުރެ ގިނަ ލޯ ހުރެދާނެއެވެ. ބޮލާ އެއްވަރުގެ ބޮޑު އެއް ދަޅު ހުންނަ ޖަނަވާރާއި، މުޅި ގައިން ދަޅުފަޅާފައި ހުންނަ ޖަނަވާރު ވެސް ހުރެއެވެ. ފައި ނެތި ބިމުގައި ދެމޭ ޖަނަވާރާއި، އެތައް ބައިވަރު ފަޔެއް ހުންނަ ޖަނަވާރާއި، އުދުހޭ ޖަނަވާރު ވެސް އުޅެއެވެ. އެ ވާހަކަތައް، އެހައި ތަފުސީލުކޮށް އަޑުއިވުމުން އަހަރެން ވަރަށް ހައިރާންވިއެވެ.
"މާތްކަލާކޯ!" އަހަންނަށް ބުނެވުނެވެ. "ކޮބައިތަ ކަލޭމެންގެ ތި ދުނިޔެ؟"
"އެއީ ކަލޭމެންނަށް ނޭނގޭނެ އެއްޗަކީ،" އަފުނާން މެދުވެރިކޮށް ވާހަކަދެއްކި ޖިންނިއަކު ބުންޏެވެ. "ވިސްނާލަބަލަ! އަހަރުމެން މި އުޅެނީ ކަލޭމެންގެ ތެރޭގަ. ކޮންމެ އިންސާނަކަށް އަހަރުމެންގެ އެތައް ހާސް ޖިންނިއެއް އުޅޭ! ކަލޭމެންގެ އާބާދީ ތި ގުނަނީ މިިލިޔަނުން. އަހަރުމެން ގުނޭނީ ޓްރިލިޔަނުން. އަހަރެންގެ ރައްޓެހިންގެ އަދަދު ވެސް މިލިޔަނުން ގުނަން ޖެހޭނީ. މި ވަރު ބަޔަކާ ކަލޭމެން އިންސާނުން ކިހިނެއް ހަނގުރާމަކުރާނީ؟ އަޅެ ބުނެބަލަ!"
"ހަނގުރާމަކުރެވޭނެ،" ޖަވާބުދިނީ ބަދީއުއެވެ. "ބާރު ވަޒަންކުރާނީ އަދަދަކުން ނޫނޭ! ބާރު ވަޒަންކުރާނީ ހައިބަތުން. އަހަރުމެންނަކީ މުސްލިމުން. މި އޮތީ އަހަރުމެންގެ ފޮތް. ކަލޭމެންގެ އެއް މިލިޔަނާ މީގެ އެއް އާޔަތާ ނުބައްދަލުވާނެ. އެ ކަން ހަނދާންކުރައްޗޭ!"
އޭނަ އެ ކަމަށް އެއްބަސްވިއެވެ. ރުގުޔާކުރާ އިރު ކިޔަވާ އެއްޗަކުން ޖިންނީންގެ ފައުޖުތައް ކުނޑިކުނޑިވެގެން ވަޔަށް ބުރައިގެންދާތަން އޭނައަށް ފެނެއެވެ. ޖިންނީން ރުކުރުވާލާ ސަފުތައް އަނދައި އަޅިއަށްވާ ތަން ވެސް އޭނައަށް ފެނިއްޖެއެވެ. ބޮޑެތި މާރިދުންނާއި އިފުރީތުން ގުޑައިނުލެވޭ ވަރަށް ނިކަމެތިކޮށްލެވެއެވެ. ހަމަ އެހައި ބަލިކަށި ބަޔަކު އިންސާނުންގެ ތެރޭގައި ވެސް އުޅޭކަމަށް ވެއެވެ. އެއީ، ޖިންނީންނަކީ އުޅޭ ބަޔެއްކަމަށް ގަބޫލުނުކުރާ މީހުންނެވެ. އެ ގޮތުގައި ތިބޭ އިންސާނުންނަށް ވަސްވާސްދޭން ވަރަށް ފަސޭހައެވެ. އެ ހަށިތައް ބޭނުންކުރަނީ ޖިންނީންނަށް ތަމުރީނުދޭށެވެ. ސިހުރު ހިފައިގެން ހަށިގަނޑަށް ވަންނާނެ ގޮތާއި، ވަންނަން ބޭނުންކުރާނެ ތަންތަނާއި، ސިހުރު ބަހައްޓަން ރަނގަޅު ތަންތަނާއި، ނުކުންނަން ހަދާނެ ގޮތް ދަސްކޮށްދިނުމަށް ޓަކައެވެ. އޭގެ އިތުރަށް، ކުޅޭ ކުޅިވަރަކަށް ވެސް އެ ފަދަ މީހުންގެ ހަށިތައް ބޭނުންކުރެއެވެ. ކިތަންމެ ވަރެއްކުރިޔަސް، ޖިންނި ގަބޫލުނުކުރާ މީހުން ފަރުވާ ނުހޯދާނެތީއެވެ. އެއީ ތެދެއްކަން އަހަރެން ވެސް ޖެހުނީ ގަބޫލުކުރާށެވެ.
"އެ ކަހަލަ މީހެއް ކައިރީގަ ފަރުވާގެ ވާހަކަދައްކާ އިރަށް ޖިންނީން ވަސްވާސްލާނެ،" އެ ވާހަކަ ކިޔައިދިނީ މަރިޔަންއެވެ. "ބުނާނެ އެއީ ދޮގެކޭ، ޖިންނީންނަކީ އުޅޭ ބައެއް ނޫނޭ! ނިކަން ފަސޭހައިން ގަބޫލުކުރާނެ. އެހެންވެ، ކައިވެނިކުރަން ދީންވެރި މީހަކު ހޯދަންޖެހެނީ. ޒިޔާދާއަކީ ރަނގަޅަށް އުޅުނު ކުއްޖެކޭ! ފިރިމީހާއޭ މައްސަލައަކީ. އޭނަ ބޭނުންކޮށްގެން ޒިޔާދާ އަތުލައިގަތީ! އަދި ވެސް ތި އުޅެނީ އެ ކަމުން ސަލާމަތްނުވެވިގެން."
ޖިންނިމޮޔަވުމުގެ ބައެއް ވޭދަނަތަކުގައި ނިކަން ފަސޭހައިން ބަލިމީހާ ސަލާމަތްކުރެވެއެވެ. ހުރިހައި ފަހަރަކު އެހެނެއް ނުވެއެވެ. ކެނޑިނޭޅި ސިހުރުހަދާތީއެވެ. ޒިޔާދާއަށް ސިހުރުހަދާ މީހުން ވެސް އެ ކަން ހުއްޓައެއްނުލައެވެ. އެކަތި ނައްތައިލާ އިރު ދޭތި ހަދައެވެ. ފަރުވާ ދިގުލައިގެން ގޮސް ދެބެން މާޔޫސްވެ، ނަފުސާނީ ބައްޔަކަށް ބަދަލުވެއްޖެހެން ވެސް ހީވިއެވެ. މަރިޔަން ވަރަށް ހިތްވަރުދިނެވެ. އޭނަ ބުނި ގޮތުގައި، ތި އުޅެނީ މަރުވާށޭ ކިޔައިގެން ވަސްވާސްލުމަކީ ޖިންނީން މާ ކުރާހިތްވާކަމެކެވެ. ބައެއް މީހުން އެ މަޅީގައި ޖެހިގެން އަމިއްލައަށް މަރުވާނެއެވެ. އެއީ އަހަރެން ވަރަށް ބިރުގަތް ޚަބަރެކެވެ. އޭގެ ފަހުން، ދެބޭން އަތުޖެހޭ ހިސާބުގައި ތޫނު އެއްޗެއް ނުބަހައްޓަމެވެ.
އެއްރޭ ދަންވަރު އަހަންނަށް ހޭލެވުނީ، އަހަރެންގެ އަންހެނުން ޔުމްނާ ހަޅޭއްލަވާ އަޑަށެވެ.
ނުނިމޭ