05 މާޗް 2023 - 06:57

މެލޭޝިއާގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރްހާދު (ވަން އެމްޑީބީ)ގެ ހިޔާނާތުގެ ތަހުގީގުގައި، މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ އާއި އިންފްލުއެންސާ ކިމް ކާޑޭޝިއަންއާ، އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ސުވާލުކުރިކަން ހާމަވެއްޖެ އެވެ.

ވަން އެމްޑީބީގެ ހިޔާނާތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަރަށް ގިނަ މާލީ އިދާރާތަކާ މަތީ ފަންތީގެ ވިޔަފާރިވެރިން ގުޅިގެން، 2009 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ވަނީ 4.5 ބިލިއަން ޑޮލަރު ނަގައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު "ބްލޫމްބާގް" ނޫހުން ހާމަކުރި، އެފްބީއައި އިން މީގެ ކުރިން އާންމުކޮށްފައި ނުވާ ލިޔެކިޔުންތަކަކުން އެނގުނު ގޮތުގައި، 2018 ވަނަ އަހަރު އެފްބީއައި އިން، ލިއޮނާޑޯ އާއި މި ހިޔާނާތުގެ އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ މެލޭޝިއާގެ ބިލިއަނަރު ޗޯ ލޯ އާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކޮށްފައިވެ އެވެ.
ލިއޮނާޑޯ ބޮޑު މަގްބޫލުކަމެއް ހޯދި، 2013 ވަނަ އަހަރު ނިކުތް ފިލްމު "ވޮލްފް އޮފް ދަ ވޯލް ސްޓްރީޓް" އަކީ ޗޯ ފަންޑުކޮށްގެން ހަދާފައިވާ ފިލްމެކެވެ.
ނިއު ޔޯކް ޓައިމްސް އިން 2018 ވަނަ އަހަރު ރިޕޯޓުކުރި ގޮތުގައި، ލިއޮނާޑޯ ވަނީ ޗޯ ހަދިޔާކުރި އަގުބޮޑު ބައެއް ތަކެތި، ތަހުގީގީ އިދާރާތަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި، މަޝްހޫރު އެކްޓަރު މާލޮން ބްރޭންޑަންގެ 600،000 ޑޮލަރުގެ އޮސްކާ އެވޯޑާއި، ނުވަ މިލިއަން ޑޮލަރުގެ ކުރެހުމެއް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، ކިމް އާއި ޗޯއާ އޮތް ގުޅުމާ ގުޅޭގޮތުން 2019 ވަނަ އަހަރު އެފްބީއައި އިން ވަނީ އޭނައާ ސުވާލުކޮށްފަ އެވެ. ކިމް ކިޔައިދިން ގޮތުގައި، ޗޯއާ އެކު އެމެރިކާގެ ލާސް ވޭގަސްގެ ކަސީނޯއެއްގައި އުޅެނިކޮށް ކިމް އަށް ލިބުނު 350،000 އެމެރިކާ ޑޮލަރު އަނބުރާ ޗޯއަށް ދޭން އުޅުމުން އޭނާ ނުހިފުމުން، އެ ފައިސާ ގެންދަން ޖެހުނީ ޑަސްބިން ކޮތަޅުތަކެއްގަ އެވެ.
ވަންއެމްޑީބީ ފަންޑުން ގެއްލުނު ގިނަ ފައިސާއެއް، އެމެރިކާގެ އެހީއާ އެކު މިހާރު ހޯދާފައިވާއިރު، އެ ފައިސާ ހޯދުމަށްޓަކައި މެލޭޝިއާއިން ފާއިތުވި އަހަރުތަކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.