19 ޖެނުއަރީ 2017 - 16:44

ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބޭންކެއްގެ ގޮތުގައި ޖަރުމަނުގެ ޑޮއިޗޭ ބޭންކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ވަނީ ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑު ވިއްކުމަށް ބޭންކްތަކަށާއި އިންވެސްޓްމަންޓް ހައުސްތަކަށް ލީޑް މެނޭޖާސް ނުވަތަ ބުކް ރަނާސްގެ ދައުރު އަދާކުރުމަށް ކުރިމަތިލުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލައިފަ އެވެ. އަދި އެކަމަށް ކުރިމަތިލުމުގެ މުއްދަތު ޑިސެމްބަރު 29ގެ ނިޔަލަށް ހަމަވިއިރު ދުނިޔޭގެ މަޝްހޫރު ނުވަ ބޭންކަކުން ކުރިމަތިލި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ޑޮއިޗޭ ބޭންކު ހަމަޖެއްސީ ސޮވަރިން ބޮންޑު ވިއްކުމުގައި އެ ބޭންކުގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ. އަދި އެ ބޭންކަކީ އޭޝިއާ ސަރަހައްދުގައި ސޮވަރިން ބޮންޑު ވިއްކުމުގައި އެންމެ ކުރީގައި އުޅޭ އެއް ބޭންކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ބޭންކުތަކުގެ ތެރެއިން އެންމެ ތަޖުރިބާކާރު ބަޔަކީ އެ ބޭންކް. އެހެންވެ ސަރުކާރުން މިހާރު ވަނީ އެ ބޭންކާ އެކަން ހަވާލުކުރަން ނިންމާފައި. އަދި އެކަމާ ބެހޭ އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސޮވަރިން ބޮންޑު ވިއްކުމަށް އެ ބޭންކާއެކު ވާން ޖެހޭ ތައްޔާރީތައްވާން ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އެ ބޮންޑް ސްޓޮކް މާކެޓްގައި ލިސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި އެ ފައިސާ ހަރަދުކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
ބަޖެޓްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުން ފައިސާ ހޯދަން ނިންމާފައި ވަނީ މަޝްރޫއުތަކަށް މުދަލާއި މެޝިނަރީ އެތެރެކުރަން ބޭރު ފައިސާ އެތެރެކުރަން ބޭނުންވާތީ ކަމަށެވެ. އަދި އެ ފަދަ މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދައިގެން ހަރަދުކުރުމުން ރާއްޖޭގައި މިހާރު ހުރި ބޭރު ފައިސާ ޑިމާންޑަށް އިތުރު ޕްރެޝަރެއް އަދި ރަސްމީ ރިޒާވަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކަން ނިންމާފައި ވަނީ ހަމަޖެހިފައިވާ ރޭޓެއްގައި، ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ފަށާ ގޮތަށެވެ.