އެމްއޯސީގެ ބަޖެޓް 72 މިލިއަން، 62 މިލިއަން ހަރަދުކުރާނީ ގޭމްސްތަކަށް
އެމްއޯސީގެ ބަޖެޓް 72 މިލިއަން، 62 މިލިއަން ހަރަދުކުރާނީ ގޭމްސްތަކަށް

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އެމްއޯސީގެ ބަޖެޓް 72 މިލިއަން، 62 މިލިއަން ހަރަދުކުރާނީ ގޭމްސްތަކަށް
އެމްއޯސީގެ ބަޖެޓް 72 މިލިއަން، 62 މިލިއަން ހަރަދުކުރާނީ ގޭމްސްތަކަށް

ހެންވޭރު މީރުމާ މާލަމުގައި މިއަދު ބޭއްވި ކޮންގްރެސްގައި އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކުން ވޯޓް ދިން ބަޖެޓްގެ ބޮޑު ބައެއް ހޭދަ ކުރާނީ ރާއްޖެއިން މި އަހަރު ވާދަކުރާ މަލްޓި ސްޕޯޓްސް ފަސް ގޭމްސް އަކަށެވެ.

އެގޮތުން ގޭމްސްތަކަށް 62 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްއޯސީން ލާފާ ކުރެ އެވެ. އެންމެ ބޮޑު ހަރަދެއް ކުރާނީ އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ. އެ ދެ ގޭމްސްގައި ރާއްޖޭގެ ބޮޑު ކޮންޓިންޖެއްޓެއް ވާދަ ކުރާނެ އެވެ.

މިދިޔަ އަހަރު ބާއްވަން ކުރިން ހަމަޖެހިފައި އޮތް އޭޝިއަން ގޭމްސް، މި އަހަރަށް ފަސް ކުރީ ޗައިނާގައި މިދިޔަ އަހަރު ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުންނެވެ. ޑިސެމްބަރު މަހު އެ ގައުމުގެ ބޯޑަރު ހުޅުވާލައި ދަތުރު ކުރުމުގެ ހުރަސްތަކައް ވަނީ ލުއި ދީފަ އެވެ. އެމްއޯސީން ކުރިން ވެސް ނިންމާފައި ވަނީ، މިހާތަނަށް ރާއްޖެއިން ކުޅިވަރު ގޭމްސްއެއްގައި ވާދަކުރާ އެންމެ ބޮޑު ކޮންޓިންޖެންޓް އޭޝިއަން ގޭމްސްގައި ބައިވެރި ކުރުވުމަށެވެ.

- އޭޝިއަން ގޭމްސް

- އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

- ކޮމަންވެލްތު ޔޫތު ގޭމްސް

- ވޯލްޑް ބީޗު ގޭމްސް

- އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް

މި އަހަރު ވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖެއިން ބޮޑު އިސްކަމެއް ދޭ ކަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވި އެވެ.

އެމްއޯސީގެ ބަޖެޓް 80 ޕަސެންޓް ދެނީ ޔޫތު ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުންނެވެ.

މިދިޔަ އަހަރު އެމްއޯސީން ފާސް ކުރީ 50 މިލިއަން ރުފިޔާގެ ތެރެއިން ހަރަދު ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ 47 މިލިއަން ރުފިޔާ އެވެ.

އެމްއޯސީގެ ޖެނަރަލް ސެކެރެޓަރީ ތަމޫހް ސައީދު ވިދާޅުވީ މި އަހަރު ބަޖެޓްގައި އަރަނި އަދަދެއް ނެތް ކަމަށާއި ހަރަދު ވާނެ ކަމަށް ލަފާ ކުރެވެނީ ވެސް 72 މިލިއަން ރުފިޔާ ކަމަށެވެ.

"މި އަހަރުގެ ބޮޑު ބަޖެޓެއް ފާސް ކުރީ ގޭމްސްތަކަށް ހާއްސަކޮށް. ރާއްޖެއިން ބޮޑު ކޮންޓިންޖެއްޓެއް ވާދަ ކުރާ ދެ ގޭމްސް [އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] އަށް ބޮޑު ހަރަދުތަކެއް ހިނގާނެ،" ތަމޫ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް މެޑަލް ހޯދި ދެ ގޭމްސް ކަމަށްވާ، ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިންނެވެ. ކުރިން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، މަޑަގަސްކަރަ އަށް ބަދަލު ކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ގޭމްސް ބޭއްވެން ނެތް ކަމަށް އެނގުމުންނެވެ.

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ޕާކިސްތާންގައި އޮންނާނެ އެވެ.