03 މާޗް 2023 - 20:18

މި އަހަރުގެ ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބު ވެއްޖެ ނަމަ، ރޯދަ ހިފާ އުމުރުގެ އެންމެންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތަށް ހަމަޖައްސާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ ރޭ ބޭއްވި ހަރަކާތެއްގައި ވިދާޅުވީ، ރޯދަ މަހުގެ އިނާޔަތް ލިބެން ޖެހެނީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި ގޮތުގައި ރޯދަ ހިފާ އުމުރުގެ ކޮންމެ މީހަކަށް ވެސް ރޯދަ އިނާޔަތް ލިބެން ޖެހެ އެވެ. އެހެންވެ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ތަފާތު ކުރުމެއް ނެތި އެ އެލަވަންސް ހަމަޖައްސައި ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރަނީ ކީއްވެބާއޭ ސަރުކާރުގެ މުވައްޒަފުންނަށް 3،000 ރުފިޔާ މި ދެނީ. ކޮންމެ ރޯދަ ހިފޭ މީހަކީ އެ އިނާޔަތް ލިބެންޖެހޭ މީހެއް،" ވެރިކަން ލިބިއްޖެ ނަމަ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަން ހާމަކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000ރ. ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައިވެ އެވެ. އެ އިނާޔާތް ނުލިބިއްޖެ ނަމަ، ޝަކުވާ ހުށަހަޅަން ޖެހޭނީ އެލްއާރްއޭ އަށެވެ.
ނާޒިމް ވިދާޅުވީ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ރޯދަ އިނާޔަތް ދިނުމަކީ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ އާބާދީގައި ވޯޓު ލެވޭ މީހުންގެ ތެރޭގައި ހިމެނެނީ 280،000 މީހުން ކަމަށާއި 3،000ރ. ގެ އެލަވަންސެއް އެ އެންމެންނަށް ދޭ ނަމަ ހޭދަވާނީ ބިލިއަނަކަށް ވުރެ މަދު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 850 މިލިއަން މި ހޭދަވަނީ. އަޅުގަނޑުމެން ކީއްވެތޯ ރައްޔިތުންނަށް އެއްޗެއް ދޭން މި ފަހަތަށް ޖެހެނީ. ދައުލަތަށް ލިބޭ އާމްދަނީ އަށް ބަލާއިރުގައި ގާތްގަނޑަކަށް އަހަރަކު 22 ބިލިއަން ރުފިޔާ އެބަ ލިބޭ. މަހެއްގެ މައްޗަށް ބަހާލީމާ 1.7 ބިލިއަން އެބަ ލިބޭ،" ނާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އެއް މަސް ދުވަހުގެ އާމްދަނީ އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ފަސް ޖެހިގެން ނުވާނެ."
މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ދެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ނާޒިމް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމުގައި މެމްބަރުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮތް ތަފާތުކުރުން ވެސް ނައްތާލުމެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށްވާތީ ނާޒިމް ވިދާޅުވިގޮތުގައި އުމުރުން 18 އަހަރުވާ ކޮންމެ މީހަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއްގެ ގޮތުގައި ހަމަޖައްސައި، ގޯތި ލިސްޓުގައި އެ މީހެއްގެ ނަން ހިމެނިއްޖެ ނަމަ، އެމީހަކު އަލުން ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަވާނެ އެވެ.