ބޮޑު ބައްޔަކާ އެކު ޖޮކޮވިޗަށް ޝޮކެއް!
ބޮޑު ބައްޔަކާ އެކު ޖޮކޮވިޗަށް ޝޮކެއް!

މެލްބަން (ޖެނުއަރީ 19) - އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުން، ދުނިޔޭގެ 117 ވަނައިގައި އޮތް އުޒްބެކިސްތާންގެ ޑެނިސް އިސްޓޮމިން އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް ކަޓައިފި އެވެ.

މިއީ ދުނިޔޭގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް 2008 ވަަނަ އަހަރުގެ ވިމްބަލްޑަން އަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ދެ ވަނަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ. އަދި ދުނިޔޭގެ 100 އިން ބޭރުން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔަކު އަތުން ބަލިވި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި ދުނިޔޭގެ 145 ވަަނައިގައި އޮތް ހުއާން މާޓިން ޑެލް ޕޮތުރޯ އަތުން ބަލިވެ ކަޓައިފަ އެވެ.

ހަތަރު ގަޑިއިރާއި 48 މިނިޓަށް ދިގު ދެމިގެން ދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 7-6، 5-7 ،2-6 ،7-6، 6-4 އިންނެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު އޮސްޓްރޭލިއަން އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ޖޮކޮވިޗް އެވެ. ޖޮކޮވިޗް ވަނީ ހަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުން ޖޮކޮވިޗް ކެޓުމުން މުބާރާތުގެ ފޭވަރިޓަކަށް ވެފައިވަނީ ދުނިޔޭގެ އެއް ވަަނަ ކުޅުންތެރިޔާ އެންޑީ މަރޭ އެވެ.

"މިއަދުގެ މެޗުން މޮޅެއް ހައްގުވަނީ ޑެނިސް އަށް. މުހިއްމު ވަގުތުތަކުގައި ހިތްވަރުކުރީ އޭނާ. އަހަރެންގެ ބެސްޓް ނުދެއްކުނުއިރު ޑެނިސް ފެނުނީ މުޅިން ތަފާތުކޮށް،" މެޗާ ގުޅޭގޮތުން ޖޮކޮވިޗް ބުންޏެވެ. "މިއީ އަހަންނަށް ލިބުނު ޝޮކެއް."

މެޗުގެ ކުރިން ޑެނިސް ވަނީ ޖޮކޮވިޗް ކުޅުނު މެޗުތަކުގެ ވީޑިއޯތައް އިންޓަނެޓުން ބަލައިފަ އެވެ. އެހެން ނަމަވެސް މި މެޗުން މޮޅުވެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަން އޭރު ވެސް ޑެނިސްގެ ނެތެވެ. އޭނާ މެޗަށް ނުކުތީ ބަލިވިޔަސް ރަނގަޅު ކުޅުމެއް ދެއްކުމަށް އަޒުމް ކަނޑައަޅައިގެންނެވެ. މި މެޗުގެ ކުރިން ދުނިޔޭގެ ގަދަ 10 ގައި އޮތް ކުޅުންތެރިންނާ އެކު ކުޅުނު 33 މެޗުގެ ތެރެއިން ޑެނިސް އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

"ހަގީގަތުގައި އަހަރެން އުއްމީދު ކޮށްގެން ހުރި ވަރަށް ވުރެ މޮޅަށް އަހަންނަށް ކުޅެވުނު. އަހަރެން ހައިރާންކޮށްލީ އަމިއްލަ ނަފްސު. މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު މޮޅު. މިއީ އަހަންނަށް ހުވަފެނީ ވަގުތު ކޮޅެއް،" މެޗަށް ފަހު ޑެނިސް ބުންޏެވެ. "ދެ ވަނަ ސެޓުން ފެށިގެން އަހަރެންގެ ކަނާތު ފައިގެ ކަކުލުގައި ވަރަށް ބޮޑަށް ރިއްސި. އެކަމަކު މޮޅު ކުޅުމެއް ދައްކަން ބޭނުންވެފައި ހުރި ވަރުން ތަދު އިހުސާސެއް ނުވި."

މިއީ ފާއިތުވި 11 އަހަރު ތެރޭ އޮސްޓްރޭލިއަން އޯޕަންގެ ތިން ވަނަ ބުރުން ޑެނިސް އަށް ފުރުސަތު ލިބުނު ތިން ވަނަ ފަހަރެވެ. ގްރޭންޑް ސްލޭމް މުބާރާތެއްގައި ޑެނިސް އަށް އެންމެ ދުރަށް ދެވިފައިވަނީ 2012 ވަނަ އަހަރުގެ ވިމްބަލްޑަން އާއި 2013 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ގަދަ 16 ކުޅުންތެރިންގެ ބުރަށެވެ.