03 މާޗް 2023 - 06:55

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ އާ އަލްބަމް "އެންޑްލެސް ސަމާ ވެކޭޝަން" މި މަހު 10 ގައި ނެރޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ އަލްބަމްގައި، މިދިޔަ މަހު އޭނާ ގެނެސްދިން ހިޓު ލަވަ "ފްލާވާސް"އާއެކު ޖުމްލަ 13 ލަވަ ހިމެނޭނެ އެވެ.
އާ އަލްބަމްގެ ޓްރެކްލިސްޓް މިހާރު ނެރެފައިވާއިރު، އޭގައި ހިމެނޭ ލަވަތަކުގެ ތެރޭގައި "ޖޭޑެޑް"، "ރޯޒް ކަލާޑް ލެންސެސް"، "ތައުޒަންޑް މައިލްސް"، "ޔޫ"، "ހޭންޑް ސްޓޭންޑް"، "ރިވާ"، "ވައިލެޓް ކެމިސްޓްރީ"، "މަޑީ ފީޓް"، "ވައިލްޑް ކާޑް"، "އައިލެންޑް"، "ވޮންޑަ ވުމެން" އަދި ޓައިޓަލް ޓްރެކް "އެންޑްލެސް ސަމަ ވެކޭޝަން" ހިމެނެ އެވެ.
މި އަލްބަމްގައި މަގުބޫލު ދެ އާޓިސްޓުން ކަމަށްވާ ސިއާ އަދި ބްރެންޑަން ޗާލީ ވެސް ފީޗާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. "މަޑީ ފީޓް" ލަވައިގައި މައިލީ އާއެކު ސިއާ ލަވަކިޔާއިރު، ބްރޭންޑަން ފީޗާކޮށްފައި ވަނީ "ތައުޒަންޑް މައިލްސް" ލަވައިގަ އެވެ.
މައިލީގެ "ފްލާވާސް" ލަވައަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ނުކުތް އެންމެ ބޮޑު ހިޓެވެ.
އެ ލަވައަކީ ޗާޓުތަކުގައި ވެސް މައިލީގެ ލަވަތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު އެއްވަނައިގައި އޮތް ލަވަ އެވެ. އަދި އެ ލަވަ ވަނީ ސްޕޮޓިފައިގެ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލައިފަ އެވެ.