02 މާޗް 2023 - 11:05

ލިވަޕޫލް (މާޗު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 2-0 އިން ވުލްވްސް ބަލިކޮށް ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ހޯދި މި މޮޅާ އެކު ލިވަޕޫލް ވަނީ 24 މެޗުން 39 ޕޮއިންޠް ހޯދައި ތާވަލުގެ ހަ ވަނައަށް އަރައިފަ އެވެ. ހަތަރު ވަނައިގައި އޮތީ 25 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ.
ލިވަޕޫލްގެ ފަހަތުގައި ވިއްދާފައި އޮތީ 25 މެޗުން 39 ޕޮއިންޓް ހޯދާފައިވާ ފުލަމް އެވެ. ލިވަޕޫލްގެ ކުރީގައި ތާވަލުގެ ފަސް ވަނައިގައި އޮތީ 23 މެޗު ކުޅެގެން 41 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ.
ރޭގެ މެޗަކީ ލިވަޕޫލް މި ސީޒަނުގައި ވުލްވްސް އާ ދެކޮޅަށް ކުޅުނު ހަތަރު ވަނަ މެޗެވެ. އެންމެ ފުރަތަމަ ދެނުއަރީ މަހު އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ނަތީޖާ ނެރެން ކުޅުނު ރީޕްލޭ މެޗު ރަށުން ބޭރުގައި ލިވަޕޫލުން ހަނި ގޮތަކަށް 1-0 އިން ކާމިޔާބު ކުރި ނަމަވެސް، ލީގުގައި ފެބްރުއަރީ މަހު ވުލްވްސް ވަނީ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް 3-0 އިން ކުރި ހޯދައިފަ އެވެ.
ޖެނުއަރީ މަހު ލީގުގައި ލިވަޕޫލް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދި އޮވެފައި، ފެބްރުއަރީ ގައި ކުޅުނު ފުރަތަމަ މެޗުން ވުލްވްސް އަތްދަށުވެ، ލިވަޕޫލް ތާވަލުގެ 10 ވަނައަށް ވެސް ވެއްޓުނެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުން ކުރިއެރުން ހޯދައި ލިވަޕޫލް މިވަނީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފަ އެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނު އިރު، މެޗުގެ 66 ވަނަ މިނިޓުގައި ޑާވިން ނޫނޭޒް ލިވަޕޫލަށް ފުރަތަމަ ގޯލު ޖަހައިދިނެވެ. އެކަމަކު ވީއޭއާރުން އެ ގޯލު ބަލައިނުގަތީ ގޯލުގެ ބިލްޑް-އަޕް ގައި ޑިއޯގޯ ޖޮޓާ ފައުލް ކޮށްފައި ވާތީ އެވެ.
މެޗުގައި ލީޑު ނެގި ގޯލު ލިވަޕޫލުން ޖެހީ 73 ވަނަ މިނިޓުގައި ޖޮޓާގެ އެހީތެރިކަމާއެކު ވާޖިލް ވެން ޑައިކް އެވެ. ލީޑު ފުޅާ ކުރީ އޭގެ ހަތަރު މިނިޓު ފަހުން މުހައްމަދު ސަލާހު ޖަހައިދިން ގޯލުންނެވެ.
މި ނަތީޖާއާ އެކު ވުލްވްސް އޮތީ 25 މެޗުން ހޯދި 24 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ފަސޭހަ ކަމާ އެކު 4-0 އިން އެވަޓަން ބަލިކޮށް އަނެއްކާ ވެސް ލީޑު ފަސް ޕޮއިންޓަށް ބޮޑު ކޮށްފަ އެވެ.
އާސެނަލް 25 މެޗު ކުޅެގެން 60 ޕޮއިންޓް ހޯދާފައި ވާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ. އެވަޓަންގެ މި ބައްޔާ އެކު އެޓީމު އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 18 ވަނައިގަ އެވެ.
ރޭގެ މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހައިދިނީ ބުކަޔޯ ސަކާ އާއި ގެބްރިއެލް މާޓިނެއްލީގެ އިތުރުން ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މާޓިނެއްލީ ވަނީ މި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.