އޮސްކާގައި "ނާޓޫ ނާޓޫ" ހުށަހަޅައިދެނީ
އޮސްކާގައި "ނާޓޫ ނާޓޫ" ހުށަހަޅައިދެނީ

އެސްއެސް ރާޖަމޯލީގެ މަގްބޫލު ފިލްމު "އާރްއާރްއާރް" ގެ ލަވަ، "ނާޓޫ ނާޓޫ" ގެ ލައިވް ޕާފޯމަންސެއް މި އަހަރުގެ އޮސްކާ އެވޯޑު ހަފްލާގައި ހުށަހަޅަން ނިންމައިފި އެވެ.

މި މަހު 12 ވަނަ ދުވަހު ބާއްވާ 95 ވަނަ އޮސްކާ އެވޯޑު ހަފްލާގައި، އެ ލަވަކިޔާފައިވާ އިންޑިއާގެ ލަވަކިޔުންތެރިން ކަމަށްވާ ރާހުލް ސިޕްލިގަންޖް އާއި ކާލާ ބައިރަވާގެ ލައިވް ހުށަހެޅުން އޮންނާނެކަން އެކަޑަމީން އިއުލާންކުރީ އިއްޔެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ "ނާޓޫ ނާޓޫ" އަށް މި އަހަރު ވަނީ ފާހަގަކޮށްލެވޭ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި، ގޯލްޑެން ގްލޯބްސް އަދި ކްރިޓިކްސް ޗޮއިސް އެވޯޑުގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އިތުރުން ދާދި ފަހުން ބޭއްވި، ހޮލީވުޑް ކްރިޓިކްސް އެސޯސިއޭޝަން ފިލްމު އެވޯޑު ހަފްލާގައި އެންމެ މޮޅު ލަވައިގެ އެވޯޑު ވެސް ހިމެނެ އެވެ.

ޔޫޓިއުބްގައި ވެސް 122 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ އެ ލަވަޔަށް ވަނީ، މި ފަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު ލަވައިގެ ކެޓަގަރީއަށް ނޮމިނޭޓުވެފަ އެވެ.

އެ ލަވަޔާ އެކު އެންމެ މޮޅު ލަވައިގެ އެވޯޑަށް ނޮމިނޭޓުވެފައިވާ ލަވަތަކުގެ ތެރޭގައި ހިމެނޭ، "ބްލެކް ޕެންތާ: ވަކާންޑާ ފޮ އެވާ" ފިލްމުގެ އަލްބަމަށް ރިއާނާ ކިޔާފައިވާ "ލިފްޓް މީ އަޕް" ލަވައިގެ ލައިވް ޕަފޯމަންސެއް ވެސް މިފަހަރުގެ އޮސްކާގައި ފެންނާނެ އެވެ.