ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް އޫކްލާއިން ދިރާގަށް ދީފި
ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް އޫކްލާއިން ދިރާގަށް ދީފި

"ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް" އެވޯޑު އޫކްލާއިން ދިރާގަށް ހަވާލުކޮށްފި އެވެ.

އޫކްލާއިން ވަނީ ދިރާގަށް އެ އެވޯޑު ލިބިފައިވާކަން މި އަހަރުގެ ކުރީކޮޅު އިއުލާނު ކޮށްފަ އެވެ. މިދިޔަ އަހަރު ވެސް އެ އެވޯޑް ދިރާގަށް ލިބުނެވެ.

އޫކްލާއިން މި އެވޯޑް ދިރާގާ ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ދާ މޯބައިލް ވޯލްޑް ކޮންގްރެސް 2023 ގަ އެވެ. ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އޫކްލާއިން ދޭ، އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފުރިހަމައަށް ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވި ގޮތުގައި އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަކީ ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ މަތީ ފެންވަރުގެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އޮޕަރޭޓަރުންނަށް ދޭ ހާއްސަ އެވޯޑަކާއި ލަގަބެއް ކަމަށެވެ. އަދި މި އެވޯޑް ދިރާގަށް އަނެއްކާ ވެސް ލިބުމަކީ އެ ކުންފުނިން އާދަޔާ ހިލާފު ޕާފޯމަންސެއް ދައްކާފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓްކުރާ އެކި އެޕްލިކޭޝަނާއި ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް އަންނަނީ އެއްކުރަމުންނެވެ.

ދިރާގަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.