09 ޖޫން 2016 - 12:20

ރިސޯޓްތަކުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްތައް އާންމުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ރިސޯޓް ހެދުމުގެ ކުރިން އީއައިއޭ ރިޕޯޓް ހުށަހަޅާ ސަރުކާރުގެ ހުއްދަ ހޯދަން ޖެހެ އެވެ. ކުރިން އެކަން ކުރަމުން އައީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީންނެވެ. އެކަމަކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އެޕްރީލް 2015 ގައި ވަނީ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އީއައިއޭ ރިޕޯޓްތައް އީޕީއޭގެ ބަދަލުގައި މިނިސްޓްރީ އަށް ހުށަހަޅާ ގޮތަށް ބަދަލު ގެންނަވައިފަ އެވެ. އޭގެ ފަހުން އޭގެ އެއްވެސް ރިޕޯޓެއް އާންމުކޮށްފައެއް ނުވެ އެވެ.
އީޕީއޭގެ ދަށުން އެ ޒިންމާ ނަގައި، ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިޔައީ، އޭރު ބައެއް ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި، ތިމާވެށީގެ ގެއްލުންތަކަށް ބެލުމެއް ނެތި ސަރުކާރުން ބޭނުންވާ ކޮންމެ މަޝްރޫއަކަށް ވެސް ހުއްދަ ދިނުމުގެ ނިޔަތުގަ އެވެ.
އީޕީއޭ އިން އެކަން ކުރަމުން ދިޔަ އިރު، ގަވާއިދުގެ ދަށުން، ރިޕޯޓްތައް އައީ އާންމުކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ރިޕޯޓްތައް އާންމުކުރުން ލަސްވަނީ ވެބް ސައިޓަށް ގެންނަން ޖެހޭ ބަދަލުތައް އަދި ނުނިމޭތީ ކަމަށެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނެސް އީއައިއޭ ރިޕޯޓްތައް ވަރަށް އަވަހަށް އާންމުކުރަން ފަށާނެ އެވެ.
"ކުރިން އީޕީއޭ އިން ވެސް ކުރަމުން ދިޔަ ގޮތަށް ވެބްސައިޓްގައި ޕަބްލިޝްކުރަން މަސައްކަތްކުރަމުން މިދަނީ. އެކަން ކުރުމަށް ސައިޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އެ ރިޕޯޓްތައް އާންމުކުރާ އިރު ހުއްދަ ދީފައިވާ ރިޕޯޓްތަކުގެ އިތުރުން ހުއްދަ ނުދޭ ރިޕޯޓްތައް ވެސް ސައިޓަށް ލާނެ ކަމަށެވެ.