މަރިޔަން
މަރިޔަން

އާދިއްތަ ދުވަހާ ގުޅޭ

"އަފުނާން ގައިގަ ޖުމުލަ ކިތައް ޖިންނި އެބަ އުޅޭ؟" ބަދީއު ސުވާލުކުރިއެވެ.

"އަށާރަ،" އިރުކޮޅެއްކޮށްފައި އޭނަ ބުންޏެވެ. "އެއީ ގައިތެރޭގަ އުޅޭ ވަރު. އެހީތެރިވާން، ކުދިކުދި ކަންތައް ކޮށްދޭން މި ގޭތެރޭގަ ކިހާ ބަޔަކު އުޅޭކަމެއް އަހަންނަކަށް ވެސް ނޭނގޭ. ކަލޭމެނަަށް ވަސްވާސްދިނުމާ، ބިރުގެންނެވުމާ، ޖާސޫސްކުރުމާ މިހެން ގޮސް ލައްކަ ކަންތައް ހިނގާނެ. މި ގޭތެރެއިން ހިޔަނިތަކާ އޭތިމީތި ނުފެނޭތަ؟ އަޑުއަޑެއް ނީވޭތަ؟"

އޭނަ ދެއްކި ވާހަކަ އަހަރެން ޖެހުނީ ގަބޫލުކުރާށެވެ. ހިޔަނީގެ އިތުރަށް، ގޭގެ ބައެއް މީހުންނަށް ކުޑަ ކުއްޖެއް ވެސް ފެެނެއެވެ. ބޯބުޅި، ކަޅު، އަންހެންކުއްޖެކެވެ. އޭނަ ފެންނަ އިރު އަބަދު ވެސް ހުންނަނީ އިސްތަށިގަނޑުން މޫނުގެ އެއްފަޅި ފޮރުވައިގެންނެވެ. އޭގެ ސިއްރެއް ނޭނގެއެވެ. ފެންނާކަށް ވަކި ވަގުތެއް، ތަނެއް ނޯވެއެވެ. ކޮޓަރިންނާއި، ސިޑިމަތިންނާއި، ދޮރުމަތިން ވެސް ފެނެއެވެ. އެއްވެސް ވާހަކައެއް ނުދައްކާނެއެވެ. އިސްޖަހާލައިގެން ހުންނާނީއެވެ. ފެނުމާއި ގެއްލުމާ ދާނީ އެކުއެކީގައެވެ. ބައެއް މީހުން ހީކުރަނީ އެއީ ހީއެއްކަމަށެވެ. ކުޑަކުއްޖާޔާ ބެހޭ ގޮތުން ރާގީ ބުނި ގޮތުގައި، އޭނައަކީ ވަރަށް ކުރިއްސުރެން ގޭގައި އުޅޭ ކުއްޖެކެވެ. މާ ގަދަ ބާރެއް ނުހުންނާނެއެވެ. ބިރުގަންނަވައި، ޖެއްސުންކޮށެއް ވެސް ނަހަދާނެއެވެ. އުޅޭނެ ތަނެއް ނެތުމުން އަހަރެންގެ ގޭގައި އޭނަ އުޅެނީއެވެ. އެހެން އުޅެނިކޮށް ދެބެންނަށް ސިހުރުޖެހިގެން ޖިންނި އަވަލަވައި، ޖިންނީންގެ ބޮޑެތި ގާފިލާތައް ގެއަށް ވަންނަން ފެށުމުން އޭނަ ފޫހިވީއެވެ. އޭނަގެ މިނިވަންކަން ގެއްލޭތީއެވެ. ބިރު ވެސް ގަތީއެވެ. ބާރުގަދަ ޖިންނީން އައިސް އޭނައަށް އަނިޔާކޮށް، ބިރުގަންނަވައިގެން ކަންކަން ކުރުވައިފާނެތީއެވެ. ގޭގެ އަހުލުވެރިންނަށް އެއްވެސް އުނދަގުލެއްކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ. ގެއިން ނުކުމެގެން އެހެން ތާކަށް ދާން ވެސް އޭނަ އުޅުނެވެ. ފަހުން އެ ވިސްނުން ބަދަލުކުރީއެވެ. އޭނަ ބޭނުންވީ، އެހެން ޖިންނީންނަށް ޝައްކު ވެސް ނުވާނެހައި ސިއްރުން ގޭގެ އަހުލުވެރިންގެ ސަމާލުކަން ހޯދާށެވެ. ގޭތެރެ ނާމާންވެއްޖެކަމާއި، ރައްކާތެރިކަން ހޯދަންވެއްޖެކަން ބުނެދޭށެވެ. ބުނެދޭން އޭނަ އިހުތިޔާރުކުރި ގޮތަކީ، އަހަރުމެންނަށް އޭނަ ދެއްކުމެވެ. އޭރުން ގޭތެރެ އަމާންކުރަން އަހަރުމެން ކޮންމެވެސް ކަމެއް ކުރާނެކަން އޭނައަށް އެނގެއެވެ. ޖިންނީންނަކީ، ކިތަންމެ ބައިވަރެއް އުޅުނަސް، ފިލައިގެން އުޅެވޭ ބައެކެވެ. ފެންނާނީ ޖިންނީން ފެންނަން ބޭނުންވީމައެވެ. އޭނަގެ މަގުސަދަކީ، ރުގުޔާކުރުވައިގެން އެހެން ޖިންނިތަކާ ކުރިމަތިލައި، ޖިންނިތައް ބަލިކޮށްލުމެވެ.

ޒިޔާދާއާއި އަފުނާނަށް ރުގުޔާކުރުމުގެ ތެރޭގައި، ގޭތެރެއިން އެތައް ސިހުރެއް އަހަރުމެން ހޯދީމެވެ. އެކި ކަހަލަ ތަވީދާއި، ސޫރައާއި، ކަށި ފެނުނެވެ. ލޮޔާއި ދަގަނޑު ވެސް ނެގުނެވެ. ސިހުރުކަން އެނގެނީ ލިޔެފައިހުންނާތީއެވެ. ދެމަފިރިން ދުރުކުރުވުމާއި، ދަރިން ލިބުނަނުދިނުމާއި، ގެ ފަޅުކުރަން ވެސް ސިހުރުހަދާފައި ހުއްޓެވެ. ޔަގީނުން ވެސް ދުރު މީހަކު އެ ކަހަލަ ކަމެއް ނުކުރާނެއެވެ. ސިހުރުހަދައިފާނެކަމަށް ޝައްކުކުރެވެނީ ކާކުތޯ އެހުމުން ޒިޔާދާ ޖަވާބު ނުދިނީ ކީއްވެކަން ވެސް އަހަންނަށް ވިސްނުނެވެ. އަހަރުމެންގެ އާއިލާ ބޮޑުވެފައި، ހުރިހައި މިޒާޖެއްގެ މީހުން އުޅެއެވެ. ސިހުރަށް ކުޅަދާނަ އަތޮޅެއްގެ މީހަކާ އިނދެގެންއުޅޭ ފިރިހެނަކާއި، ގެއަށް ދަހިވެތިވެގެން އުޅޭ ދެ އަންހެނުންނާއި، އެހެން މީހަކު އުފަލުގައިއުޅޭތަން ދެކެން ބޭނުންނުވާ މީހަކު ވެސް އާއިލާގައި އުޅެއެވެ. ސިހުރުހަދަނީ، ކަނޑައެޅިގެން މިވެނި މީހެކޭ ބުނާކަށް ނޭނގެއެވެ. ބަދީއުގެ ނަޒަރުގައި، މީހާގެ ނަން ހޯދުމަކީ ހަސަދަވެރިިކަން އިތުރުވާ ކަމެކެވެ. ފިތުނަ ބޮޑުވާ ކަމެކެވެ. ބޭނުމަކީ މައްސަލަ ހައްލުކުރުމެވެ. ފުޅާކުރުމެއް ނޫނެވެ.

ރާގީ ދީނަށް ގޮވައިލުމުން ވެސް އިސްލާންދީން ގަބޫލުކުރީ ވަކި ބައެކެވެ. އަނެއް ބަޔަކު ބޭނުންވީ ކުރިމަތިލާށެވެ. ގޮންޖަހައި، އަނިޔާކުރާށެވެ. ދެބެންނަށް ވަރަށް ވަރު ކޮށްލިއެވެ. ހޫނުވާ ވަގުތު ދިލަނަގާތީ ތެޅިފޮޅެއެވެ. ހީކަރުވާ ވަގުތު މީހާ އެކުގައި ތުރުތުރުއަޅައެވެ. އިދިފުށަށް ބޮޑަށް ދަމައިގަންނަ ވަގުތު، ފުންނާބާއި ފުއްކިބަ ނޫން ތަނެއް އެނދަކު ނުޖެހެއެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ކުރިހޯދަނީ ބަދީއުއެވެ. ކެތްތެރިކަމާއި، ބުއްދިވެރިކަމާ އެކުގައެވެ. އެއްފަހަރު ވެސް ބަދީއު ހާސްވެގެން ތެޅިފޮޅިއެއް ނުގަނެއެވެ. އެނދުގެ ހަތަރު ފަރާތުގައި މީހުން ބައިތިއްބައިގެން ހަރުއަޑުން ކިޔަވަމުން، ޖިންނީންނަށް ބަދީއު އިންޒާރުދެމުން، ފެނުން ހަމަލާދޭ މަންޒަރު ބަލައިލަން ޝައުގުވެރިއެވެ. ގައިން ދަނީ ހީބިހިނަގައިގެންނެވެ. އެތައް ފަހަރަކު ބަދީއުއަށް ޖިންނީ ވެސް އިންޒާރުދިނެވެ. ބަދީއުގެ އާއިލާ ނައްތައިލާނެކަމާއި، ގޭގައި ހުޅުޖަހާނެކަމަށް ބުންޏެވެ. އިވުނުކަމަށް ވެސް ބަދީއު ނަހަދައެވެ. އަހަރެން ފަހުން އެ ސުވާލުކުރީމެވެ.

"ހަމަ އެއްވެސް ބިރެއްނުގަނޭ؟" އަހަރެން އެހީމެވެ.

"ކޮން ކަމަކާ ބިރުގަންނަންވީ؟" ބަދީއު އެހިއެވެ. "އެއީ ހައްގާ ބާތިލުގެ ހަނގުރާމައެއް. ހައްގުގޮތުގަ ހުރީ އަހަރެން. ހެއްދެވި ފަރާތަށް ތައުރީފުކޮށް، ބިރުވެތިވެ، އެހީއަށް އެދުނީ ވެސް އަހަރެން. ސައިތާނުންނަށް ދެއްވި ނިއުމަތަކީ ދުވެއްޔާ، ފަރުދާވުމުގެ ކުޅަދާނަކަން. މުސްލިމުންނަށް ދެއްވީ ގުރުއާން. ފެނެއެއްނު މައިތިރިކޮށްލާ ގޮތް. ވަސްވާހަށް އިންސާނާ ހެއްލޭތީ ސައިތާނާ ބޭނުންހައި ކަމެއް ކުރެވެނީ. އެއްވެސް ބިރެއްގަންނާނެކަމެއް ނެތް."

ބަދީއު ދެއްކި ވާހަކަތައް ކިހައި ތެދުކަން، މަރިޔަންގެ ވާހަކަތަކުން ވެސް އެނގުނެވެ. މަރިޔަން ބުނި ގޮތުގައި، އިންސާނުންގެ ހިތަށް ވެސް ނުގެނެވޭހައި ނުބައި ކަންތައް ޖިންނިސައިތާނުން އިންސާނުންނަށް ކުރެއެވެ. ހުރިހައި ވެސް މައްސަލައަކީ އިންސާނުންގެ ފަރުވާކުޑަކަމާއި، ޖާހިލުކަމެވެ. ވަސްވާހަށް ހެއްލުމާއި، ކޮންމެ ގޮތެއް ވަރިހަމަވުމެވެ. ނަމާދަށް ފަރުވާކުޑަކުރުމާއި، ގުރުއާން ނުކިޔެވުމާއި، ޒިކުރު ނުކުރުމަކީ ޖިންނިސައިތާނުންނަށް ދެވޭ ދައުވަތެކެވެ. އެ ފަދަ ކަންކަމުގައި ފަރުވާކުޑަ ނުކުރާ މީހުންގެ ވަށައިގެން އަލިގަދަ ދިއްލުމެއް ހުރެއެވެ. ބައެއް މީހުންގެ ގައިން ފާޅުވާ އަލީގެ ގަދަކަމުން، ޖިންނިސައިތާނުންގެ ލޮލަކަށް ކުޅަދާނައެއް ނުވެއެވެ. އިސްތަށިގަނޑު ނިވާ ނުކުރާ އަންހެނުންނަކީ ވެސް ޖިންނިސައިތާނުން ފަސޭހައިން ދެވިހިފާ ބައެކެވެ. އެ ފަދަ އަންހެނުންގެ ވަށައިގެން ކުނަމެހިތަކެއްހެން ޖިންނީން ބޮނޑިވެއުޅޭތަން މަރިޔަންއަށް ފެނިފައި އެބަ ހުއްޓެވެ. އެ މީހުންނަށް ވާނުވާ ވެސް އަންގައިނުލައި ޖިންނީން ހިތުހުރިހައި ކަމެއް އެ މީހުންނަށް ކުރެއެވެ. ރުގުޔާކުރުމުގެ ތެރޭގައި ޖިންނިއަކު އެހެން ބުނި ދުވަހު އަހަންނަކަށް މަޑަކުން ނީނދެވުނެވެ.

"ކަލޭމެން ހާދަހާ ނުބައި ފާފައެކޭ ތި ކުރަނީ،" އަހަރެން ބުނެލީމެވެ. "ގިޔާމަތްދުވަހުން ކަލޭމެންނަށް ތީގެ ބަދަލު ދައްކަވާނެ. ކަލޭމެން ތި ގޮތަށް އިންސާނަކާ ބެހޭ އިރު އޭނައަށް ނޭނގިދާނެ. އެއީ ކަލޭމެންނަކީ ރޫހާނީބަޔަކަށް ވާތީ. އެކަމަކު ވެސް ތީ ކިހާ ގޯސްކަމެއް؟ އެ އަންހެނެއްގެ ވެސް މުސްތަގުބަލެއް އޮންނާނެތާ! އޭނަ ވެސް މީހަކާ އިންނާނެތާ! އިންނަ އިރު ކަލޭމެން އޭނައަށް ނުކުރާކަމެއް ނެތް. އިސްލާމުންނަށް ގޯނާކުރަން ކަލޭމެން ބިރެއްނުގަނޭތަ؟"

"ގަނޭ! އިސްލާންދީނަކީ ވަރަށް ވަރުގަދަ ދީނެއް،" އޭނަ ވަގުތުން އަހަންނަށް ޖަވާބުދިނެވެ. "ކަލޭމެންގެ ތެރެއިން ނަމާދުކޮށް، ބުރުގާއަޅައިގެން އުޅޭ އަންހެނަކާ ލާހިކެއް ނޫން ކައިރި ވެސް ވާކަށް. ކަލޭމެންނަށޭ އެ ކަން ނޭނގެނީ. ތި ހުންނަނީ ގޭގަ ފާޑުފާޑުގެ ބާބީޑޯލާ އޭތިމީތި ބަހައްޓާފަ. ވައްތަރު ވައްތަރުގެ ފޮޓޯ ހަރުކޮށްފަ. އަޅުކަންކުރަން ގެންގުޅޭ ބުދު ވެސް މިހާރު އެބަ ހުރޭ ބަހައްޓާފަ. ކީކޭތަ ކަލޭމެން ކިޔަނީ؟ ޑެކަރޭސަން. އެ ހުރިހާ އެއްޗެއްގެ ބޭނުން އަހަރުމެން ބަރާބަރަށް ހިފަން. އެނގޭތަ އެ ކަން؟"

އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންގެ ގޭގައި ވެސް ކުދިވެރިން ކުޅެން ބުދު ގެންގުޅެއެވެ. ބާބީޑޯލެއް ނޫނެވެ. ބެޓްމޭންއާއި، ސްޕަމޭން ފަދަ ބުދުތަކެވެ. އޭގެ ބޭނުން ޖިންނިސައިތާނުން ހިފާނެ ގޮތެއް އަހަންނަކަށް ނުވިސްނެއެވެ.

"ކިހިނެއް ބޭނުންހިފަނީ؟" އަހަރެން ސުވާލުކުރީމެވެ.

"ސިޓިންރޫމް ތެރޭގަޔާ ތަންތާނގަ ކަލޭމެން ތި ގެންގުޅޭ ބުދުތަކުގެ ތެރެއަށް ވަދެ، އޭގެ ލޮލުން ކަލޭމެން ތި އުޅޭ ވައްތަރު އަހަރުމެން ބަލަނީ،" އޭނަ ކިޔައިދިނެވެ. "ހީވެދާނެ މީ ވެސް ދޮގެކޭ! އެކަމަކު މިހާރު ކީއްކުރަން ދޮގުހަދަންވީ؟ މިހާރު މި އޮތީ އަހަރުމެން ސިހުރު ހިފައިގެން ގައިތެރެއަށް ވަދެތިބިކަން ކަލޭމެންނަށް ފަޅާއަރާފަ. އަދި ބުނެފާނަން ވަރަށް ބޮޑު ސިއްރެއް."

އެހެން ބުނެފައި ނުބައި އަޑަކުން އޭނަ ހޭން ފެށިއެވެ. އެ ރާގުގައިވަނީ މަލާމާތުގެ ކުލަވަރެވެ.

"ކަލޭމެން ޓީވީން ތި ބަލާ، ފާޑުފާޑުގެ ޑުރާމާތަކުން ތި ފެންނަނީނު އަޅުކަންކުރާ އެއްޗެހި ދޯ؟" ހެމުންހެމުން އޭނަ ކިޔައިދިނެވެ. "އަހަރުމެން އެއަށް އަޅުކަން ވެސް ކުރަމޭ!"

"މާތްކަލާކޯ!" އަހަންނަށް ބުނެވުނެވެ. "އެއީ ކިހިނެއް ކުރާ ކަމެއް؟"

"އެ ވެސް ކިޔައިދޭންވީ؟ އެހާ ފަސޭހައެއް ނުވާނެ ވިސްނައިގަންނާކަށް އިނގޭ! އެކަމަކު ވެސް އަޑުއަހާ!" ޖެހިލުމެއް ނެތި އޭނަ ކިޔައިދިނެވެ. "ކަލޭމެންގެ ވަގުތާ އަހަރުމެންގެ ވަގުތާ ވަރަށް ތަފާތުވާނެ. މިސާލަކަށް، ކަލޭމެން ވެސް ގަބޫލުކުރަމެއްނު އަހަރުމެންނަކީ ނިކަން ހަލުވި ބައެއްކަން؟ މި ތާ އިނދެފަ، ސިކުންތުކޮޅެއް ތެރޭގަ ހަނދަށް ގޮސްލާފަ އަންނަންވީ! ނޫނީ އެހެން ގައުމަކަށް ޖައްސާލާފަ، އެ ތާ ހިނގާ ކަމެއް ވެސް ވަގުތުން ކިޔާލަދިނުމަކީ އަހަރުމެންނަށް އެއްވެސް ކަމެއް ނޫން. އެކަމަކު ހަގީގަތުގަ، އެއީ އަހަރުމެންގެ އާންމު ސްޕީޑު. އަހަރުމެންނަށް އެ ވަގުތުކޮޅު ވަރަށް ދިގުވާނެ. ކަލޭމެން ވެސް މަތިންދާބޯޓުގަ ތަންތަނަށް ދަތުރުކުރާ އިރު ޓީވީބަލާ، ފޮތްކިޔާ ހަދަމެއްނު! ހަމަ އެހެން ވާނީ. އެހެންވެ ޓީވީން ކަލޭމެންނަށް އެއްޗެއް ފެނިފަ ގެއްލުނަސް، އަހަރުމެންނަށް އެއީ ވަރަށް ގިނަ ވަގުތު. އަހަރުމެން ޓީވީ ކައިރިއަށް ޖަމާވެ، އަޅުކަންކޮށްފަ ދާ އިރު ވެސް ކަލޭމެންނަކަށް ނޭނގޭނެ ވީއެއްނުވީއެއް. ތި ބަލާ ޑުރާމާތަކުގަ އަހަރުމެން ގަޔާވާ މީހުން ވެސް އުޅޭ! ބައެއް ޑުރާމާތައް ބަލަން އަހަރުމެން އޮންނާނީ ތޮއްޖެހިފަ. އެހެންވެޔޭ ނަމާދު ވަގުތު ޖެހުނީމަ ޓީވީ ނިއްވާނުލަން އަހަރުމެން ވަސްވާސްދެނީ. އަހަރުމެން ބުނަނީ، އަދި މަޑުކޮށްލާ! މި ތަންކޮޅު ބަލާލާ! މީ ހާދަ ސަޅި ހިސާބެކޭ! އަހަރުމެންގެ އަޑު ކަލޭމެންނަށް ހީވާނީ ހިތަށްއަރާ އެއްޗެއްހެން. މި ހުންނަނީ ބޮޑެތި ސިއްރުތައް. ކަލޭމެން ދެކެ އަހަރެން ކިހާ ބިރުނުގަންނަކަން ސާބިތުކޮށްދޭން މި ކިޔައިދެނީ. އަދި އަހަރެން ބުނެފާނަން ކަލޭމެން ކުރިން ނުކުރާ، މިހާރު ކުރާ ވަރަށް ކަޑަ ކަމެއް. އަހާބަލަ ކޮން ކަމެއްހޭ؟"

"ކޮން ކަމެއް؟" އަހަރެން އެހީމެވެ.

ނުނިމޭ