28 ފެބުރުއަރީ 2023 - 13:48

ވ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް މެމްބަރުން ހޯދުމަށް ފަސް ވަނަ އަދި އެ އަތޮޅު ރަކީދޫ ކައުންސިލަށް އަންހެން މެމްބަރަކު ހޯދުމަށް ތިން ވަނަ ފަހަރަށް އިއްޔެ އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނުގައި ބުނީ ރަކީދޫ ކައުންސިލްގެ އަންހެން މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީއަށް ކުރިމަތިލުމަށް އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް 15 ވަނަ ދުވަހެވެ.
ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް އޭޕްރީލް، 2021 ގައި މެމްބަރުން ހޮވިއިރު ތިނަދޫގެ އަންހެނުންގެ ކޮމިޓީއަށް ވެސް ފަސް މެމްބަރުން ހޮވުނެވެ. ނަމަވެސް، މަގާމު ލިބުނުކަމުގެ ލިޔުމުގައި ސޮއިކުރަން އިއުތިރާޒް ކުރުމުން އެ ފުރުސަތު ގެއްލުނީ އެވެ.
އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދިގެން ތިނަދޫ އަންހެނުންގެ ކޮމިޓީއަށް މެމްބަރުން ހޯދަން އިއުލާނުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ހަތަރު ފަހަރަށް އިއުލާނުކޮށްގެން ވެސް މެމްބަރުން ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ރަށުގެ އަންހެނުންގެ ކޮމިޓީއަށް އަދި އެއްވެސް މެމްބަރަކު ހަވާލެއް ނުވެ އެވެ.
އިއްޔެ ވަނީ އެ މަގާމުތަކަށް ފަސް ވަނަ ފަހަރަށް އިއުލާނުކޮށްފަ އެވެ.
ހަބީބު ވިދާޅުވި ގޮތުގައި އެހެން ރަށްރަށުގައި ބައި-އިލެކްޝަންތަކަށް ހުޅުވާލުމުން މީހުން ކުރިމަތިލާ ކަމަށެވެ. ވ. އަތޮޅުގައި ހާއްސަކޮށް ތިނަދޫގައި މެމްބަރުން ހޯދަން އުނދަގޫވަނީ އާބާދީ ކުޑަވުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫގައި ވޯޓު ލެވޭ މީހުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް 50 ގަ އެވެ.