28 ފެބުރުއަރީ 2023 - 11:09

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސްތަކުގައި ދުވަހަކު ވެސް ބައިވެރިވެވަޑައިގެންފައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވި ނަމަވެސް މެމްބަރުން އެކި މައްސަލަތަކުގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ބަހުސް މެދުކަނޑާލުއްވައި އެ ބަހުސަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމާއި މެމްބަރުން ވާހަކަ ދައްކަވައި ނިންމެވުމުން އެ ދުވަހެއްގެ މައުލޫއާ ގުޅޭ ގޮތުން ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެ، ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ ޝަކުވާ ބައެއް މެމްބަރުން ކުރައްވާތާ ކިތަންމެ ދުވަހެކެވެ.
މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައާ މެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ އެވެ.
ނަމަވެސް މަޖިލީހުގެ ޖަލްސާގައި ނުވަތަ ކޮމިޓީގެ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދު މަޖިލީހުގެ ރައީސް ހިޔާލުފާޅުކޮށް، އެކަންކަމާ މެދު ދެކޭ ގޮތް ހާމަކޮށް މަޝްވަރާ އާއި ލަފާ ދެވިދާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.
މަޖިލީހުގެ ގަވައިދުގައި އަންހެން ސެކިއުރިޓީ އޮފިސަރުން އަމަލުކުރާ ގޮތާ ގުޅޭ ގަރާރަށް މިއަދު ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވީ މަޖިލީހުގެ ގަވައިދަށް އެންމެ ބަދަލެއް ގެނެސްގެން ނިންމާލެވޭކަށް ނެތް ކަމަށެވެ.
ރިޔާސަތުން މަޖިލީހުގެ ބަހުސްގައި ބައިވެރިވާ މައްސަލަ މެންބަރުން ތަކުރާރުކޮށް ފާހަގަ ކުރައްވާ އިރު އެ މައްސަލަ އަށް ވެސް ހައްލެއް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް މައްސަލައެއް ނޫން މަޖިލީހުގެ ރައީސަށް އިންނަވާ ބޭފުޅަކު ބަހުސްގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވުމަކީ. ބައެއް ގައުމުތަކުގައި ފެނޭ ޕާލިމެންޓުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު އެކި މިންވަރަށް އެކި ބަހުސްތަކުގައި ބައިވެރިވާ މަންޒަރު. އެކަމަކު އެކަން ކުރަން ބޭނުންފުޅުވާ ނަމަ ގަވައިދުގައި އެކަން ހިމަނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އެއްވެސް ދުވަހެއްގައި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށެވެ.
"އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުން ކަމަށް އަޅުގަނޑު ހިތުން ދެކުން އެއީ ރަނގަޅު ގޮތަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނާއި ރިޔާސަތާ މެދު އިންތިހާ އަށް ރުހިވަޑައިނުގަންނަވާ ބޭފުޅުން ތިއްބަވާ ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ މަސައްކަތްޕުޅު ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ދެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގެ ގަވައިދު ތަންދޭ ވަރަކުން ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ވެސް އެކަން ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނުތައް ހަދަން މަގުފަހި ކޮށްދޭއިރު ބައެއް ފަހަރު އެއްޗެހި ބުނަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ ބަހުސްގައި ބައިވެރިވެވަޑައިގެން ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ގިނަ ފަހަރަށް އަޅުގަނޑު އެއްޗެއް ބުނެފައި ހުންނާނީ ތާރީހީ ނަޒަރަކުން ކަންކަން ހިނގާ ގޮތާ ގުޅޭ ގޮތުން. އެއީ އާންމުކޮށް ބަހުސަކާ އެއްގޮތަކަށް ވެސް ގުޅިފައި އޮންނާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުންނާއި ބައެއް އެހެން ޕާޓީތަކުގެ މެންބަރުން ވެސް އެކި ފަހަރުގެ މަތިން ވަނީ ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. އޭގެ ސަބަބުން މެންބަރުންނަށް ބަހުސް ކުރައްވަން ލިބޭ ވަގުތު މަދުވުމާއި މިނިސްޓަރުންނާ ސުވާލު ކުރައްވާއިރު ވެސް އެ ގޮތަށް އަމަލު ކުރައްވާތީ އެކަށީގެންވާ ވަގުތު ނުލިވޭ ކަމުގެ ޝަކުވާ ބައެއް މެންބަރުން ކުރައްވަ އެވެ.