ބޮޑު ޓީމަކަށް ވިޔަސް އަބަދު މޮޅެއް ނުވާނެ: ޒިދާން
ބޮޑު ޓީމަކަށް ވިޔަސް އަބަދު މޮޅެއް ނުވާނެ: ޒިދާން

މެޑްރިޑް (ޖެނުއަރީ 20) - ރެއާލް މެޑްރިޑަކީ ބޮޑު ޓީމެއް ނަމަވެސް ކޮންމެ މެޗަކުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ރަނގަޅު ޓްރެކުގައި ޓީމު ހިފަހައްޓަން ހުރިހާ ކުޅުންތެރިން ވެސް ފަރުވާތެރިވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ބަލިނުވެ 40 މެޗު ހަމަކޮށް ސްޕެއިނުގެ ރެކޯޑެއް ރެއާލުން ހެދުމަށް ފަހު އެންމެ ފަހުން ކުޅުނު ދެ މެޗުން އެ ޓީމުވީ ބައްޔެވެ. ޒިދާން ބުނީ މިއީ ވާދަވެރިންނަށް ލިބޭ ހިތްހަމަޖެހުމަކަށްވީ ނަމަވެސް ރެއާލުން މާ ބޮޑަށް ކަންބޮޑުވެ މާޔޫސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ފުޓްބޯޅައިގައި އޮންނާނީ މޮޅާއި ބަލި. އެއްވެސް ޓީމެއް އަބަދަކު މޮޅެއް ނުވާނެ. ރެއާލް ބަލިވުމަކީ އެހެން ކްލަބްތަކަށް ލިބޭނެ ހިތްހަމަޖެހުމެއް. އެއީ ކޮންމެ މުބާރާތެއްގައި ވެސް އެންމެ ކުރީގައި އުޅެނީ ރެއާލް ކަމަށްވާތީ،" ޒިދާން ބުންޏެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަަނައިގައި އޮތް ސެވިއްޔާ އަށް 18 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ތިން ވަނައިގައި އޮތީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.

ބުދަ ދުވަހުގެރޭ ސްޕެނިޝް ކަޕުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯ އަތުން ބަލިވި މެޗަށް ފަހު ޒިދާން ބުނީ ފަރުވާތެރިނުވެ ކުޅެފިނަމަ ކުރިއަށް ހުރި މެޗުތައް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ހުނަރަށް ބަލާއިރު ރެއާލާ ވާދަކުރެވޭނެ މަދު ޓީމެއް އޮތީ. އެކަމަކު އެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ އަށް ރެއާލް ކުޅުންތެރިން ނުހިފާނަމަ އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ލިބޭ ހިތްވަރެއް އެއީ މަސައްކަތް ކޮށްގެން ރެއާލް ބަލިކުރުން. މި މެޗުން މި ފެނުނީ އޭގެ މިސާލެއް،" ޒިދާން ބުންޏެވެ.

ފުރަތަމަ ލެގުން ބަލިވި ނަމަވެސް ދެ ވަނަ ލެގުގައި ސެލްޓަގެ މައްޗަށް ކުރިހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޒިދާން ބުންޏެވެ.