28 ފެބުރުއަރީ 2023 - 05:59

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ރަސްމީ ގޮތުން ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ލަވަކިޔަން ފުރުސަތު ލިބުނު ގިނަ އާޓިސްޓުން އެ ފުރުސަތު ދޫކޮށްލައިފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ މެއި މަހު ހަތެއްގައި އޮންނަ މިއުޒިކުގެ ބޮޑު ކޮންސެޓުގައި ލަވަކިޔަން ދައުވަތު ދިން މަޝްހޫރު ގިނަ އާޓިސްޓުން ޕަފޯމްނުކުރަން ނިންމާފައިވުމުން، އެކަން އިންތިޒާމު ކުރާ ފަރާތަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ރަސްގެފާނު ޗާލްސް ރަސްމީކޮށް ތަހުތާ ހަވާލުވެވަޑައިގަންނަވާ ދުވަހަށް ފަހު، އޭގެ އަނެއް ދުވަހު ބާއްވާ ހާއްސަ ކޮންސެޓުގައި ޕާފޯމްކުރަން ޗާލްސް އެންމެ ބޮޑަށް ބޭނުންފުޅުވީ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ސަ އެލްޓަން ޖޯން އެވެ. އެކަމަކު، އޭނާގެ ޔޫރަޕް ޓުއާއާ ގުޅިގެން، ކޮސްނެޓުގައި ބައިވެރިނުވެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެލްޓަންގެ އިތުރުން، މި އަހަރުގެ ގްރޭމީ އެވޯޑުގެ އެންމެ މޮޅު އާޓިސްޓް، ހެރީ ސްޓައިލްސް ވެސް ވަނީ އޭނާގެ ޓުއާއާ ގުޅިގެން އެ ފުރުސަތު ދޫކޮށްލަން ނިންމާފައިވާ ކަމަށް އަންގައިފަ އެވެ.
މަޝްހޫރު އަންހެން ޕޮޕް ބޭންޑް "ސްޕައިސް ގާލްސް"ގެ ރިޔޫނިއަންއަކާއެކު ކޮންސެޓުގައި ޕާފޯމްކުރަން ރޭވި ނަމަވެސް، އެ ބޭންޑުގެ މެންބަރުން އަމިއްލަ ކަންތައްތަކާ ހެދި ރިހާސަލްތަކަށް ވަގުތު ދޭން އުނދަގޫވާތީ ކަމަށް ބުނެ، އެ ފުރުސަތު ވަނީ ދޫކޮށްލައިފަ އެވެ.
ހެރީ އާއި އެލްޓަން އަދި ސްޕައިސް ގާލްސް ކޮންސެޓުގައި ޕާފޯމްނުކުރަން ނިންމާފައި ވަނީ އަމިއްލަ ކަންކަމާ ގުޅިގެން ވަގުތު ދެވެން ނެތުމުގެ ސަބަބުން ކަމަށް ބުނެ އެވެ. މީގެ ހަފުތާއެއް ކުރިން މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ކަމަށްވާ އެޑެލް އާއި އެޑް ޝީރަން ވެސް ވަނީ އެމީހުންނަށް ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.
ގިނަ އާޓިސްޓުންތަކެއް މި ފުރުސަތު ދޫކޮށްލިއިރު، އިނގިރޭސި އާޓިސްޓުންގެ މެދުގައި ރަސްގެފާނު ޗާލްސްއަކީ އެހާ މަގުބޫލު ބޭފުޅެއް ނޫން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.