27 ފެބުރުއަރީ 2023 - 20:05

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކުރާ ޓެކްސީގެ ގަވާއިދަށް އަމަލުކުރުން ތިން މަހަށް ފަސްކޮށްފި އެވެ.
ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމާ ބެހޭ ކަންކަން ބަޔާންކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ގަވާއިދު އާންމުކުރީ މިދިޔަ އަހަރު އޮގަސްޓް 23 ގަ އެވެ. އެ ގަވާއިދަށް އަމަލުކުރަން ފަށަން ކުރިން ނިންމާފައި އޮތީ ގަވާއިދު އާންމުކުރާތާ ހަ މަސް ފަހުން، މި މަހުގެ 23 ގަ އެވެ. ނަމަވެސް، އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު، ހަމަ އެ ތާރީހުގައި ގަވާއިދަށް އިސްލާހެއް ގެނަ އެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި، މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަދި މީގެ ތިން މަސް ފަހުންނެވެ.
މި ގަވާއިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން، ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަން ޖެހެ އެވެ.
ޓެކްސީ ކާރުތައް އެއާ ކޮންޑިޝަން ކޮށްފައި ހުރުމަކީ ވެސް، އެ ގަވާއިދުގައި ޝަރުތުކޮށްފައިވާ ކަމެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާ ކޮންޑިޝަން މަސައްކަތް ނުކުރާ ނަމަ، އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެ ކަހަލަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.
ގަވައިދަށް މިހާރު ވަނީ "ޕްރައިވެޓް ހަޔަ"ގެ ހިދުމަތް ދިނުމާ ބެހޭ ބައި ވެސް އިތުރުކޮށްފަ އެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭންޖެހޭ ޓެކްސީގެ ހިދުމަތެވެ.