28 ފެބުރުއަރީ 2023 - 06:00

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، ނޮކިއާގެ ޒަމާންވީ ލޯގޯ ބަދަލުކޮށްފި އެވެ.

ވިޔަފާރި ކުރިއެރުވުމުގެ މަގްސަދުގައި ފަސްދޮޅަހަކަށް އަހަރު ފަހުން، ނޮކިއާގެ ބްރޭންޑް އައިޑެންޓިޓީ ބަދަލުކުރިކަން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އާ ލޯގޯގައި ފަރުމާކޮށްފައި ވަނީ "ނޮކިއާ" ގެ އިނގިރޭސި އަކުރުތައް ސިފަކޮށްދޭ ގޮތަށެވެ. ކުރީ ލޯގޯގައި ހުރި ނޫ ކުލައިގެ ބަދަލުގައި، މި ފަހަރުގެ ލޯގޯ ތަފާތު ބޭނުންތަކަށް، އެކިކުލަތައް ބޭނުން ކުރެވޭނެ އެވެ.
"މީގެ ކުރިން ސްމާޓު ފޯނާ ގުޅުން އޮތް، އެކަމު މިހާރު މި ކުންފުންޏަކީ ޓެކްނޮލޮޖީ ވިޔަފާރި ކުންފުންޏެއް،" ނޮކިއާއިން ލޯގޯ ބަދަލަކުރި ސަބަބު ބަޔާން ކުރަމުން އެ ކުންފުނީގެ ސީއީއޯ ޕެކާ ލަންޑްމާކް ރޮއީޓާސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ކުރިން ބޮޑު މަގްބޫލުކަމެއް ހޯދި ނޮކިއާ ކުންފުނި، އަޑިއަޅާލާފައި ވަނިކޮށް، ލަންޑްމާކް ހިންގުމާ ހަވާލުވެ، ތިން މަރުހަލާއަކަށް ބަހާލައިގެން ކުންފުނި އަލުން ކުރިއަރުވަން ވަނީ އަމާޒު ހިފައިފަ އެވެ.
ލަންޑްމާކްގެ ޕްލޭނަކީ، ކުންފުނި ރިސެޓު ކޮށްލުމަށް ފަހު، އަލުން ހިންގަން ފަށައި، ވިޔަފާރި ފުޅާކުރުމެވެ. އޭނާ ވިދާޅުވީ މިހާރު ރިސެޓު ކުރުމުގެ ބައި މި ނިމުނީ ކަމަށާއި، ދެން ހިންގަން ފަށަންވީ ކަމަށެވެ.
ޓެލެކޮމް ކުންފުނިތަކަށް ސާމާނު ފޯރުކޮށްދިނުމުގެ ވިޔަފާރިއަށް ނޮކިއާއިން އަމާޒު ހިފި ނަމަވެސް، މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ، އެހެން ވިޔަފާރިތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ.
މިދިޔަ އަހަރު އެކުންފުނި 21 ޕަސެންޓު ކުރިއަރާފައި ވާއިރު، އޭގެ ތެރެއިން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ އަށް ޕަސެންޓު މައްޗަށް ޖެހިލައިފަ އެވެ.
ނޮކިއާގެ ފޯނުތަކަކީ، 90 ގެ އަހަރުތަކާއި، ދެހާހުގެ ކުރީކޮޅު ބޮޑު މަގުބޫލުކަމެއް ހޯދި ފޯނުތަކެކެވެ. ނަމަވެސް، ސްމާޓް ފޯނު ތައާރަފްވެ، ސަމްސަންގް އާއި އެޕަލް ފަދަ ކުންފުނިތަކުން ވަނީ، އެ ކުންފުނި ފަހާލައި، މޮބައިލް ފޯނުގެ މާކެޓު އަތުލައިފަ އެވެ.