ޓްރަމްޕް ހުވާކުރައްވާ ރަސްމިއްޔާތުގައި ބޮލީވުޑްގެ ހުށަހެޅުމެއް
ޓްރަމްޕް ހުވާކުރައްވާ ރަސްމިއްޔާތުގައި ބޮލީވުޑްގެ ހުށަހެޅުމެއް

އެމެރިކާގެ 45 ވަނަ ރައީސްއަކަށް ހޮވިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމަށް ހުކުރު ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބޮލީވުޑްގެ ނެށުންތެރިންގެ ގްރޫޕަކުން ޚާއްސަ ޕާފޯމަންސެއް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ނާލަސޮޕާރާ އަށް ނިސްބަތްވާ ޒުވާން ކޯރިއޮގްރާފަރު ސުރޭޝް މުކުންދް ތަމްރީނުކޮށްފައިވާ 30 ނެށުންތެރިން ވަރަށް ޚާއްސަ ނެށުމެއް ހުށަހަޅާނެ އެވެ. މިކަމަށް 29 އަހަރުގެ ކޯރިއޯގްރާފަރު ވޮޝިންޓަންގައި މި ޕާފޯމަންސަށް ތައްޔާރުވަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

މަދުން ނޫނީ ނުލިބޭނެ މި ރަނުގެ ފުރުސަތު ލިބުމުން ޒުވާން ކޯރިއޯގްރާފަރު ހުރީ ވަރަށް އުފަލުންނެވެ. މިފަދަ ފުރުސަތެއް ލިބުމުން ވަރަށް ވަރުގަދައަށް ޕާފޯމަންސަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސުރޭޝް މުކުންދާ އެކު މި ފާފޯމަންސް ތައްޔާރުކޮށްދިނުމުގައި އެހީތެރިވަނީ އޭނާގެ އެސިސްޓެންޓް ކާރްތިކް ޕްރިޔަދަރްޝަން އެވެ.

ހަތް މިނިޓަށް ދެމިގެންދާ މި މެޑްލީގައި އިންޑިއާގެ ކްލެސިކަލް އަދި ބޮލީވުޑް ނެށުންތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޑާންސް ޓްރޫޕްގައި އެންމެ އިސްކޮށް ހުންނާނީ ކުރީގެ މިސް އިންޑިއާއެއް ކަމަށްވާ މާންސީ މަމްގާއީ އެވެ.

މުކުންދަކީ ކިންގްސް ޔުނައިޓެޑް އިންޑިއާ ކިޔާ ޑާންސް ގްރޫޕަކަށް ނިސްބަތްވާ މީހެކެވެ. މި ޑާންސް ގްރޫޕުން ވަނީ 2015ގެ ޑާންސް ވޯލްޑް ޗެމްޕިއަންޝިޕް ހާސިލުކޮށްފަ އެވެ.