28 ފެބުރުއަރީ 2023 - 06:03

މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) އިން އެންމެ ފަހުން ނެރުނު ފިލްމު، "އެންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓަމޭނިއާ" އަށް ބޮކްސް އޮފީހުގައި ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެމެރިކާގެ ޑޮމެސްޓިކް ބޮކްސް އޮފީސް ޗާޓުގެ އެއްވަނައިގައި އެ ފިލްމު އިން ނަމަވެސް، ގިނަ ބަޔަކަށް ފިލްމު ކަމަކު ނުދިޔަ އެވެ. އަދި "ރޮޓެން ޓޮމާޓޯސް"ގައި އެ ފިލްމުގެ އޯޑިއަންސް ރޭޓިން 83 ޕަސެންޓުގައި ހުރި ނަމަވެސް، ކްރިޓިކްސް ރޭޓިން އުޅެނީ 43 ޕަސެންޓުގަ އެވެ.
"އެންޓް މޭން 3" އެއްވަނައިގައި އޮތީ، ފުރަތަމަ އެޅުވި ހަފުތާ ބަންދުގައި ލިބުނު 106 މިލިއަން ޑޮލަރުގެ ސަބަބުންނެވެ. ނަމަވެސް، ދެވަނަ ހަފުތާ ބަންދުގައި 4،000 އަށް ވުރެ ގިނަ ތިއޭޓަރުގައި އަޅުވައިގެން ލިބުނީ 32 މިލިއަން ޑޮލަރެވެ. އެއީ ފުރަތަމަ ދުވަހާ އަޅާބަލާއިރު 69 ޕަސެންޓުގެ ވެއްޓުމެކެވެ.
އެ ފިލްމަކީ މިހާރު އެމްސީޔޫގެ ފިލްމުތަކުގެ ތެރެއިން "ވީކް-ޓު-ވީކް ޑްރޮޕް" ނުވަތަ އެއް ހަފުތާގެ ތެރޭގައި ބޮކްސް އޮފީހުގައި އެންމެ ނާކާމިޔާބުވި ފިލްމެވެ.
އެމްސީޔޫ އިން މިފަހުން ނެރުނު ގިނަ ފިލްމުތައް ކަމުނުގޮސްގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ގިނަ ބެލުންތެރިން ބުނާ ގޮތުގައި، ފިލްމުތައް މިހާރު ހުންނަނީ އަވަސް އަރުވާލައިގެން ތާކުންތާކު ނުޖެހޭ ގޮތަށް ހަދައިފަ އެވެ.