އެމެރިކާއަށް ގޮސް ހޮލީވުޑް ފިލްމު ކުޅުމުގެ ޝައުގެއް ނެތް: އާމިރު ޚާން
އެމެރިކާއަށް ގޮސް ހޮލީވުޑް ފިލްމު ކުޅުމުގެ ޝައުގެއް ނެތް: އާމިރު ޚާން

ބޮލީވުޑް ގިނަ ތަރިންތަކެއް ހޮލީވުޑަށް މިސްރާބު ޖަހާފައި ވާއިރު ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް އެކްޓަރު އާމިރު ޚާންގެ އެފަދަ ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާ ބުނެފި އެވެ.

އާމިރު ބުނީ އެމެރިކާއަށް ގޮސް ހޮލީވުޑް ފިލްމް ކުޅުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫން ކަމަށެވެ. އޭނާގެ ޝައުގުވެރިކަން ހުރީ އިންޑިއާގެ ފިލްމުތަކަށް ކަމަށާއި ފާއިތުވީ 25-26 ވަރަކަށް އަހަރުގެ ތެރޭގައި ބެލުންތެރިން އޭނާއަށް ދީފައިވާ ތަރުހީބަކީ އަބަދަށް ދެމިގެންދާނެ އަގުހުރި ހަނދާންތަކެއް ކަމަށެވެ.

އާމިރު ބުނި ގޮތުގައި އޭނާ ހޮލީވުޑް ފިލްމު ކުޅެން ބޭނުން ނުވުމުގެ މާނައަކީ އެއީ ގޯސް ކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރުމެއް ނޫނެވެ. ދުނިޔޭގެ އެންމެންގެ މުނިފޫހިފިލުވުމަށް ތައްޔާރުކުރާ ފިލްމުތަކުގައި ބައިވެރިވުމަކީ ހަމަ ރަނގަޅުކަމެއް ކަމަށާއި އޭނާގެ އެފަދަ ޝައުގުވެރިކަމެއް ނެތީކަމަށް ވެސް އާމިރު ބުންޏެވެ.

"އަހަރެންގެ ކެރިއާ ގްރާފްގައި އެއްވެސް ވަރަކަށް އިންޓަނޭޝަނަލް ފިލްމު ކުޅޭގޮތަކަށް ނޫން އޮތީކީ. ނަމަވެސް އޭގެ މާނައަކީ އެއްގޮތަކަށް ވެސް އިންޓަނޭޝަނަލް ފިލްމެއް ނުކުޅޭނަމެކޭ ނޫން. އަހަރެންގެ ޝައުގުވެރިކަން ދަމައިގަނެވޭވަރުގެ ފިލްމެއް ލިބިއްޖެ ނަމަ ކުޅޭނަން. ކްރިއޭޓިވް ރޮނގުން އެއްވެސް ބައުންޑަރީއެއް ނޯންނާނެ،" އާމިރު ބުންޏެވެ.

ޖަޕާނު ފިލްމެއް ލިބުނަސް އެ ފިލްމަކަށް ޝައުގުވެރިވާ ނަމަ އެ ފިލްމެއް ކުޅޭނެ ކަމަށް އާމިރު ބުންޏެވެ.

"ދަ ޖަންގަލް ބުކް" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭތީ އެއީ އިންޑިއާގެ ސިނަމާއަށް އޮތް ނުރައްކަލެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާމިރު ބުނީ ހޮލީވުޑުން އެއްވެސް ނުރައްކަލެއް އިންޑިއާގެ ސިނަމާއަށް އޮތް ކަމަށް ގަބޫލު ނުކުރާކަމަށެވެ.

"އަހަރެމެން ބިރުގަންނަންޖެހޭނީ އަހަރެމެންގެ އަމިއްލަ ނަފްސު ދެކެ. ސަބަބަކީ އަހަރެމެން ސަކަރާތް ފިލްމު އުފައްދާ ނަމަ ފިލްމު ބަލާ މީހުން އޮޓަމެޓިކުން ގެއްލޭނެ. ބޭރުގެ އެއްވެސް ބަޔަކު އައިސް އަހަރެމެންގެ ވިޔަފާރި އަތުލައިގަނެވިދާނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" އާމިރު ބުންޏެވެ.