ހުޅުމާލޭގައި އޮފީސް އިމާރާތް އަޅަން ބިން ވިއްކަން ހުޅުވާލައިފި
ހުޅުމާލޭގައި އޮފީސް އިމާރާތް އަޅަން ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގައި އޮފީސް އިމާރާތް ހަދަން ބިން ވިއްކުމަށް އެޗްޑީސީން ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ހުޅުމާލެއިން 6،100 އަކަފޫޓުގެ ތިން ޕްލޮޓަކާއި 9،600 އަކަފޫޓުގެ ދެ ޕްލޮޓުގައި އޮފީސް އިމާރާތް ހަދަން ވަނީ ހުޅުވާލައިފަ އެވެ. ސަތޭކަ ޕަސެންޓު ދިވެހި ވިޔަފާރިތަކަށް ހުޅުވާލި މި ފުރުސަތުގައި އަކަފޫޓެއް ވިއްކަން ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ 4،500ރ. އެވެ.

އެ ރޭޓުން ބަލައިފި ނަމަ 6،100 އަކަފޫޓުގެ ޕްލޮޓެއްގެ އަގު 28 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި 9،600 އަކަފޫޓުގެ ބިމެއްގެ އަގު 43 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އޮފީސް އިމާރާތް އެޅުމަށް 6،100 އަކަފޫޓުގެ ބިމަކަށް އެދޭ ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި 9،600 އަކަފޫޓުގެ ބިމަކަށް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000،000ރ. ހުށަހަޅަން ޖެހެ އެވެ.

އެޗްޑީސީން ބުނީ މި އިމާރާތްތައް އަޅަން ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ސަރަހައްދުގެ ބައެއް ބިން ތަކުގައި ކަމަށެވެ. އެ ސަރަހައްދަކީ މިހާރު ވެސް ބައެއް އޮފީސް އިމާރާތްތައް ހަދަމުން އަންނަ ސަރަހައްދެކެވެ. އުރީދޫ އާއި އިސްލާމިކް ބޭންކާއި ސީއެމްޑީއޭއަށް ވެސް ވަނީ އޮފީސް އިމާރާތްކުރަން އެ ހިސާބުން ބިން ދޫކޮށްފަ އެވެ. އަދި އެ ހިސާބުގައި ސަރުކާރުން ވަނީ އުމަރު ޒާހިރު އޮފީސް ބިންޑިންގެ ނަމުގައި އިމާރާތެއް އަޅައި ބައެއް މިނިސްޓްރީތައް އެ އިމާރާތައް ބަދަލުކޮށްފަ އެވެ.

އޮފީސް އިމާރާތް ހަދާ އިރު ކޮމާޝަލް ބައެއް ވެސް ހިމަނަން ވަނީ ކަނޑައަޅައިފަ އެވެ. އަދި ބޭސްމެންޓް ޕާކިން އޭރިއާއެއް ވެސް ހިމަނަން ޖެހެ އެވެ. މީގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތައް ވެސް އެ އިމާރާތުގައި ހުންނަން ޖެހެ އެވެ.

އެ ބިލްޑިން އިމާރާތް ކުރަން އެދޭ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ 10 ދުވަހުގެ މުއްދަތެއްދީފަ އެވެ. އެކަމަށް އެދި ބިޑަށް ހުށަހަޅަން ޖެހެނީ އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލަށެވެ.