ފުލުހުން ޓޭޒަ ބަޑި ބޭނުންކުރަން ފަށައިފި
ފުލުހުން ޓޭޒަ ބަޑި ބޭނުންކުރަން ފަށައިފި

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒަ ބަޑި ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާޖެންޓުން މަތީ ރޭންކުގެ އޮފިސަރުންގެ ތެރެއިން ހާއްސަ ތަމްރީނު ފުރިހަމަކޮށްފައިވާ މީހުން އެ ހަތިޔާރު ގެންގުޅެ އަދި ބޭނުންކުރާނެ ކަމަށެވެ.

ނުރައްކާތެރި ކުށްވެރިންނާއި ޓެރަރިޒަމް އަދި ޑްރަގްސްގެ ބޮޑެތި އޮޕަރޭޝަންތައް ފުލުހުން އާއްމުކޮށް ހިންގަނީ ޕެޕަ ސްޕްރޭ، މުގުރު އަދި ބިޑި ފަދަ ތަކެއްޗެވެ. އެހެންވެ، ބޮޑެތި އޮޕަރޭޝަންތައް ހިންގާއިރު އެއީ ގޮންޖެހުމެއް ކަމަށް ފުލުހުން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުން ވެސް ލިބޭ ބާރުގެ ދަށުން އެ ފަދަ ވަސީލަތްތައް ބޭނުންކުރެވޭ ގޮތަށް އުސޫލު ހަދައި ވަނީ ގެޒެޓުކޮށްފަ އެވެ.

ކޮމިޝަނަރު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވީ މުޅި އޭޝިޔާ ސަރަހައްދުގައި ވެސް ޓޭޒަ ގަން ބޭނުންކުރަނީ ދެ ގައުމެއްގައި ކަމަށެވެ. ވޯލްޑް ކަޕާ ވެސް ގުޅުވައިގެން ގަތަރުގައި 500 ޓޭޒަ ގަން ބޭނުންކުރާނެކަން އެ ގައުމުން އިއުލާނުކުރި ކަމަށް ސީޕީ އޭރު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގައި މި ވަގުތު އޮތީ އޭގެ 25 ބަޑި އެވެ. އިތުރު ބަޑި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި، ޓޭޒަ ގަން އަކީ، ޕެޕަ ސްޕްރޭއަށް ވުރެ ވެސް ރައްކާތެރި އެއްޗެކެވެ.

"މިއީ އެންމެ އެޑްވާންސްޑް، ސޭފް އިކުއިޕްމަންޓް. ތަފާސް ހިސާބުތަކުން ދައްކާއިރު ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތެއް ވެސް، އެ މީހެއްގެ ވަޔަލެންސް ކުޑަކުރުމަށް އެންމެ އިފެކްޓިވް ހަތިޔާރު. ފުލުހުންގެ ގާނޫނީ ބާރާއި އިހުތިޔާރުގެ ތެރެއިން ފުލުހުންނަށް ހުއްދަކުރާ ހަތިޔާރެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އެންފޯސްމަންޓް އޮޕްޝަން ޑިޕްލައިކުރަން،" ސީޕީ ވިދާޅުވި އެވެ.

އެ ބަޑި ޖެހުމާ އެކު މީހާ ވަގުތުން ވެއްޓެ އެވެ. އަދި ފަސް ވަރަކަށް ސިކުންތަށް މީހާގެ ހަރަކާތްތައް ހުއްޓެ އެވެ. ވަގުތު އިތުރުކުރަން ބޭނުންވުމުން، އެ ގަން އިން އެކަން ވެސް ކުރެވެ އެވެ. މިގޮތަށް ގަން ބޭނުންކުރުމަށް ފަހު އެ މީހަކަށް އެ ވަގުތަށް ބޭނުންވާ "އާފްޓަ ކެއާ" ދޭނެ އެވެ.