27 ފެބުރުއަރީ 2023 - 06:26

ދެކުނު ކޮރެއާގެ މަގްބޫލު ޕޮޕް ބޭންޑު، ބީޓީއެސްގެ ޖޭހޯޕް އެ ގައުމުގެ އަސްކަރިއްޔާއާ ގުޅިއްޖެ އެވެ.
އެ ބޭންޑުން އިއްޔެ ބުނި ގޮތުގައި، ޖޭހޯޕް މިހާރު ވަނީ އަސްކަރިއްޔާގައި ނަން ނޯޓުކުރުން ފަސްކޮށްފައި އޮތް އެއްބަސްވުން ބާތިލްކޮށް، އެ ހިދުމަތާ ގުޅެން ކުރިއަށް ގެންދާ މަރުހަލާތައް ފަށައިފަ އެވެ.
"އަހަރެމެން ބޭނުން ތި އެންމެންގެ ސަޕޯޓު، ޖޭހޯޕް އަސްކަރީ ހިދުމަތް ނިންމައި އެނބުރި އަންނަންދެން. މި ކުންފުނިން އަހަރަމެންގެ އާޓިސްޓަށް ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދޭން ތައްޔާރު،" ބީޓީއެސް ތަމްސީލު ކުރާ ރެކޯޑް ލޭބަލް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޖޭހޯޕް އަކީ އެ ބޭންޑުން ކޮރެއާގެ އަސްކަރިއްޔާއާ ގުޅެން ނިންމި ދެވަނަ މެންބަރެވެ. މިދިޔަ މަހުގެ ފަހު ކޮޅު އެ ބޭންޑުގެ އެންމެ ދޮށީ މެންބަރު، ޖިން ވަނީ އަސްކަރީ ތަމްރީނު ނިންމައިފަ އެވެ.
ދެކުނު ކޮރެއާގެ ގާނޫނުގައި އޮންނަ ގޮތުން، ކޮންމެ ފިރިހެނަކު ވެސް އުމުރުން 28 އަހަރު ފުރުމުން 18 މަސްދުވަހަށް އަސްކަރީ ހިދުމަތް ކުރަން ޖެހެ އެވެ. އެކަމަކު، 2020 ވަނަ އަހަރު އެ ގައުމުގެ މަޖިލީހުން ފާސް ކުރި ބިލެއްގައި ވާގޮތުން، "މަޝްހޫރު ސަގާފަތާއި ފަންނުގައި މޮޅު" ދެކުނު ކޮރެއާ މީހުންނަށް އުމުރުން 30 އަހަރު ވަންދެން އަސްކަރީ ހިދުމަތާ ނުގުޅި ތިބެވޭނެ އެވެ.
ޖިން އަސްކަރިއްޔާއާ ގުޅުނު އިރު އުމުރަކީ 30 އަހަރެވެ. އަދި ޖޭހޯޕްގެ އުމުރުން އަދި 29 އަހަަރު ނަމަވެސް، އަސްކަރީ ހިދުމަތް ލަސްކުރަންވި އެއްބަސްވުން އުވާލުމާއެކު، އޭނާ އަށް ވެސް އެ ހިދުމަތާ ގުޅެވޭނެ އެވެ.