ފުޓްބޯޅަ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ހުށަހަޅުއްވައިފި
ފުޓްބޯޅަ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ހުށަހަޅުއްވައިފި

ޒިއުރިކް، ސްވިޒަލެންޑް (ޖެނުއަރީ 20) - ފުޓްބޯޅަ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެންނަން ވިސްނަމުން އަންނަ ކަމަށާއި އެކަންކަން ފީފާގެ އެގްޒެކްޓިވް ކޮމިޓީ އަށް ކުރިމަގުގައި ހުށަހަޅުއްވާނެ ކަމަށް ފީފާގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ކުރީގެ އެއް ވަނަ ފޯވާޑް މާކޯ ވެން ބާސްޓެން ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފީފާގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ހަވާލުވުމަށް ފަހު ވެން ބާސްޓެން ވަނީ ފުޓްބޯޅަ އަށް ޓެކްނިކަލް ގިނަ ބަދަލުތައް ގެންނަވައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގޮތުގައި ފެނުނީ މިދިޔަ މަހު ޖަޕާންގައި ނިމުނު ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެފްރީންގެ ނިންމުންތަކަށް ޓެކްނިކަލް އެހީ ހޯދުމަށް ގެނައި ބަދަލެވެ.

ވެން ބާސްޓެން މިހާރު ވިސްނަމުން އަންނަނީ ފުޓްބޯޅަ ގަަވާއިދުތަކަށް ބައެއް ކަހަލަ ބަދަލުތައް ގެނައުމަށެވެ.

"ފުޓްބޯޅައިގައި ހިމެނޭ ގިނަ ކަންތައްތަކެއް މި އަންނަނީ ބަދަލުވަމުން. މި ކުޅިވަރު ގިނަ ބަޔެއް ޝައުގުވެރިވާ ގޮތަކަށް ބަދަލުވާން އެބަޖެހޭ. ކުރިއަރައިގެންދާއިރު ބައެއް ކަހަލަ ތަފާތުތަކެއް ކޮންމެ ކަމަކަށް ވެސް ގެންނަން ޖެހޭނެތީ،" ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހާސިލްކުރައްވާފައިވާ ވެން ބާސްޓެން ވިދާޅުވި އެވެ.

އޭނާ ހުށަހަޅުއްވާ ބައެއް ބަދަލުތަކުގެ ތެރޭގައި އޮފް ސައިޑް ގަވާއިދު އުވާލުމާއި ކަޕް މުބާރާތްތަކުގައި އެކްސްޓްރާ ޓައިމް ނުކުޅެ ސީދާ ޕެނަލްޓީ އަށްދާ ގޮތަށް ބަދަލުކުރުމާއި ޕެނަލްޓީ ޖަހާ އުސޫލަށް ސިކުންތު ތެރޭގައި 25 މީޓަރު ދުރުން ބޯޅަ ހިފައިގެން އައިސް ޖަހާގޮތަށް ބަދަލު ކުރުމުގެ އިތުރުން ދެ ހާފްގެ ބަދަލުގައި ފުޓްބޯޅަ މެޗު ވެސް ހަތަރު ހާފަށް ބަދަލު ކުރުން ހިމެނެ އެވެ.

މި ބަދަލުތަކުގެ ސަބަބުން ފުޓްބޯޅަ އަށް ޝައުގުވެރިވާ މީހުންގެ އަދަދު އިތުރުވެ އާ ކަންތައްތަކެއް މި ކުޅިވަރުގެ ތެރެއިން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެން ބާސްޓެން ފާހަގަކުރެއްވި އެވެ.

"މިއީ ފަށައިގަންނަން އުނދަގޫ ބަދަލުތަކަކަށް ވެދާނެ. އެއީ ފުޓްބޯޅަ ގަވާއިދަށް މީގެ ކުރިން މި ވަރުގެ ބަދަލުތަކެއް އައިސްފައިނުވާތީ. އެކަމަކު އަހަރެންގެ ވިސްނުމުގައި އެއްޗެއް ބުނާއިރު މިއީ ފުޓްބޯޅަ އަށް ތަފާތެއް ގެނުވާނެ މުހިއްމު ބަދަލުތަކެއް. މިއީ ފުޓްބޯޅަ އަށް ތަފާތެއް ގެންނަންވީ ވަގުތު،" ނެދަލެންޑްސް ގައުމީ ޓީމާއި އޭސީ މިލާން އަދި އަޔަކްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯއްދެވި ވެން ބާސްޓެން ވިދާޅުވި އެވެ.

ވެން ބާސްޓެން ވިދާޅުވީ މި ބަދަލުތަކާ ގުޅޭގޮތުން ގިނަ ބަޔެއްގެ މަޝްވަރާ ހޯދާނެ ކަމަށާއި އެކަމަށް ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުގެ ތަރުހީބު ލިބިއްޖެނަމަ އެ ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.