26 ފެބުރުއަރީ 2023 - 13:31

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފަ އެވެ.
ދައުލަތުން ނަގަން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި މި ފައިސާއާ އެއްކޮށްފައިވާ 2،413،230 ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިސާ އެވެ. އެއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޯޓުން އަދި މައްސަލަ ރަޖިސްޓްރީކުރި ކަމެއް ނޭނގެ އެވެ. ޔާމީންގެ ވަކީލުން ވިދާޅުވަނީ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ފުރުސަތު ލިބޭހާ ވަގުތު އޮއްވައި ޔާމީން މިނިވަންވާނެ ކަމަށެވެ.