20 ޖެނުއަރީ 2017 - 06:54

ފިލްމްފެއާގެ ބެސްޓް އެކްޓަރުގެ އެވޯޑު 1973 ގައި ރިޝީ ކަޕޫރަށް ލިބުނީ 30،000 ރުޕީސް އަށް ގަނެގެން ކަމަށް ބުނެ އޭނާ ދިން އިންޓަވިއުއާ އެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިއުން ފިލްމްފެއާ އަށް އަމާޒުވެއްޖެ އެވެ.
ރިޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވީ 1973 ގައި ނުކުތް "ބޮބީ" އިންނެވެ. އެ ފިލްމުން ބެސްޓް އެކްޓަރުގެ އެވޯޑު އޭނާއަށް ލިބުނީ 1974 ގައި ބޭއްވި ފިލްމްފެއާ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގަ އެވެ. އެ ފަހަރު މި އެވޯޑަށް ނޮމިނޭޓްވެފައިވާ އެކްޓަރުންގެ ތެރޭގައި "ޒަންޖީރު" ކުޅެގެން އަމީތާބު ބައްޗަން ވެސް ހިމެނުނެވެ. އަމީތާބުގެ އެހާ ވަރުގަދަ ޕާފޯމަންސެއް ނޮމިނޭޓް ވެފައި ވަނިކޮށް ރިޝީ އަށް އެވޯޑު ލިބުމުން އެ ދުވަސްވަރު ވެސް ގިނަ ބަޔަކު ސުވާލު އުފައްދާނެކަން ޔަގީނެވެ.
މި މައްސަލައާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ ގޮތުގައި އެ ދުވަސްވަރު އެންމެ 30،000 ރުޕީސް އަށް އެވޯޑެއް ގަނެވޭ ނަމަ މިހާރު 6.19 ލައްކަ ރުޕީސް އަށް އެވޯޑެއް ގަނެވިދާނެ އެވެ. މި އަގަކީ އެހާރާއި މިހާރު ފައިސާއަށް އައިސްފައިވާ ބަދަލާއި އިންފްލޭޝަން ފަދަ ކަންތައްތަކަށް ބަލާފައި ހަދާފައިވާ ހިސާބެއް ކަމަށް އަގު ހެދި މީހުން ބުނެ އެވެ.
އެންޓަޓައިންމަންޓް ޗެނަލްތަކުން ޓެލެކާސްޓްކުރާ ފިލްމްފެއާ އެވޯޑްސް އާއި އެނޫންވެސް ފިލްމުތަކަށް ދޭ އެހެނިހެން އެވޯޑުތައް ފައިސާއަށް ގަނެވިދާނެ ކަމަށް މީގެ ކުރިން ވެސް ބައެއް މީހުން ޝައްކު ކުރެ އެވެ. ނަމަވެސް ރިޝީ ކަޕޫރު މިކަމަށް އެއްބަސްވުމުން މި ޝައްކު ޔަގީނަށް ބަދަލުވެއްޖެ ކަމަށް މިކަމާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށްފައިވާ މީހުން ބުނެފައިވެ އެވެ.
"އެއާލިފްޓް" އިން އަކްޝޭ ކުމާރު އެންމެ މޮޅު އެކްޓަރުންގެ ކެޓަގަރީން ނޮމިނޭޓްކޮށްފައި ނުވާތީ ވެސް ގިނަ ބަޔަކު ފިލްމްފެއާއަށް މިއަހަރު ވެސް ފާޑު ކިޔާފައިވެ އެވެ. އަދި ނަވާޒުއްދީން ސިއްދީގީ އާއި ފާތިމާ ސަނާ ޝޭޚް އަދި ރަންދީޕް ހޫޑާ ފަދަ ތަރިން އާދަޔާޚިލާފު މޮޅު ރޯލުތަކެއް ކުޅެފައި ވިޔަސް މިއިން އެއްވެސް ތަރިއަކަށް ވެސް ފިލްމްފެއާ ނޮމިނޭޝަނެއް ވެސް ލިބިފައި ނުވާތީ އެވޯޑަކީ ގަނެގެން ލިބޭ އެއްޗެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެ އެވެ.
ރިޝީ ބުނި ގޮތުގައި އެ ދުވަސްވަރު އޭނާއަކީ މޮޔަ ހިޔާލުގެ މުއްސަނދި ބޯހަމަނުޖެހޭ މީހެކެވެ. އެފަދަ ކަމެއް ކުރެވުނީ އެހެންވެ ކަމަށާއި މިހާރު އެކަމާ ދެރަވެ ލަދުގަންނަ ކަމަށް ރިޝީ ބުނެފައިވެ އެވެ.
ރިޝީ ދެއްކި މި ވާހަކަތަކުން އެވޯޑުތަކުގެ ސައްހަކަމާ ދޭތެރޭ މީގެ ކުރިން ވެސް ގިނަ ބަޔަކު ކުރަމުންދިޔަ ޝައްކުތައް ޔަގީނަށް ބަދަލުވެ އެވޯޑު ހަފުލާތަކުގެ އަގު ގިނަ ބައެއްގެ ކުރިމަތީގައި ވަނީ ވެއްޓިފަ އެވެ.