20 ޖެނުއަރީ 2017 - 06:58

ސަންޖޭ ދަތުގެ ބައޮޕިކްގައި ސުނިލް ދަތުގެ ރޯލު ކުޅެން ކުރިން ހަމަޖެހިފައި އޮތީ އަކްޝޭ ކަންނާ ނަމަވެސް މިހާރު އޭނާ އެ ރޯލު ނުކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ބައިވެރިވާން އަކްޝޭ ވެސް ބޭނުމެވެ. ނަމަވެސް ޕްރޮސްތެޓިކް އާއި މޭކަޕްގެ އެހީގައި ވެސް އަކްޝޭ އަށް ސުނިލް ދަތާ އެއް ވައްތަރެއް ނުވެވުނެވެ. ވަރަށް މަސައްކަތުން ވެސް ސުނިލް ދަތާ އޭނާއާ އެއްވެސް ގޮތަކަށް ވައްތަރުވާ ގޮތް ނުވުމުން އޭނާ އެ ފިލްމާ ދުރަށް ދިޔައީ ހިރާނީ އާއި އަކްޝޭ ވެސް އެއްބަސް ވެގެންނެވެ.
މިހާރު މި ރޯލަށް އެންމެ ފަހުން ހަމަޖައްސާފައި ވަނީ ޕަރޭޝް ރާވަލް އެވެ. ޑައިރެކްޓަރު ހިރާނީގެ ފަރާތުން ވާހަކަ ދެއްކި މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަކްޝޭ އާއި ހިރާނީ އަކީ އެކަކު އަނެކަކަށް ވަރަށް އިހްތިރާމްކުރާ ބައެކެވެ. އެހެންވެ މި ފިލްމުގައި ބައިވެރި ނުވެވުނަސް ހިރާނީގެ އެހެން ފިލްމެއްގައި އަކްޝޭ ބައިވެރިވާ ގޮތަށް ދެ ފަރާތުން ވަނީ އެއްބަސް ވެފަ އެވެ.
ސަންޖޭ ދަތުގެ ބައޮޕިކްގައި ސުނިލް ދަތުގެ ރޯލަކީ ވަރަށް މުހިއްމު އަދި އެހާމެ ބާރުގަދަ ރޯލެކެވެ. އަދި ޕަރޭޝް ރާވަލް އެ ރޯލަށް މުޅިން ފިޓްވެ އެވެ.
ސުނިލް ދަތާއި ސަންޖޭ ދަތަކީ ހަގީގީ ދިރިއުޅުމުގައި ވަރަށް ގާތް ދެ މީހުންނެވެ. ޑައިރެކްޓަރު ވަނީ މި ޚާއްސަ ގުޅުން ފިލްމުގައި ވަރަށް ހިތްގައިމު ގޮތަކަށް ގެނެސްދޭން ގަސްތުކޮށްފަ އެވެ. އެހެންވެ ޕަރޭޝް ރާވަލް އަކީ ސުނިލް ދަތުގެ ބައި ކުޅެން އެންމެ ރަނގަޅު މީހާ ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވުނެވެ.
މިއަހަރުގެ ޑިސެމްބަރު ފަހުކޮޅު ރިލީޒްކުރުމަށް ތައްޔާރުކުރާ މި ފިލްމުގައި ސަންޖޭ ދަތުގެ ރޯލު އަދާކުރަނީ ރަންބީރު ކަޕޫރެވެ. އެ ރޯލަށް އޭނާ ވެސް ދަނީ ވަރަށް ރަނގަޅަށް ތައްޔާރު ވަމުންނެވެ. ރަންބީރުގެ އިތުރުން ސޯނަމް ކަޕޫރާއި ދިއާ މިރްޒާ ވެސް މި ފިލްމުގައި މުހިއްމު ބައިތަކެއް ކުޅެ އެވެ.
މިހާރު ބެލެވޭ ގޮތުން މި ފިލްމާއި ބޮކްސް އޮފީހުގައި ސަލްމާން ޚާންގެ އާ ފިލްމު "ޓައިގާ ޒިންދާ ހޭ" ގެ ބޮޑު ކުރިމަތިލުމަކަށް ދާނެ އެވެ.