26 ފެބުރުއަރީ 2023 - 11:14

އަބްހާ (ފެބްރުއަރީ 26) - ސައުދީ ޕްރޮފެޝަނަލް ލީގުގައި އިއްޔެ ރަށުން ބޭރުގައި ޑަމަކް އަތުން 3-0 އިން އައް ނަސްރު މޮޅުވި މެޗުގައި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު އޭނާ ލީގުގެ ރަން ބޫޓުގެ ރޭހުގައި ކުރިއަށް ޖެހިލައިފި އެވެ.
ރޮނާލްޑޯ އޭނާގެ ޓީމަށް ލީޑު ނަގައިދިނީ 18 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ފަސް މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިން އިރު ހެޓްރިކް ފުރިހަމަ ކުރީ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޖެހި ގޯލުންނެވެ. މިއީ އުމުރުން 38 އަހަރުގެ ފޯވާޑް އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި 62 ވަނަ ހެޓްރިކެވެ.
ރޭގެ ގޯލުތަކާ އެކު ރޮނާލްޑޯ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އަށް ގޯލު ޖަހައިފަ އެވެ. މި މަހު ފުރަތަމަ ކުޅުނު މެޗުގައި އަލް ފާތެހް އަތުން ޕޮއިންޓެއް ހޯދައިދޭން ރޮނާލްޑޯ ވަނީ ގޯލެއް ޖަހައިފަ އެވެ. އެއަށް ފަހު ޖެހިގެން އައި މެޗުގައި އަލް ވަހްދާ އާ ދެކޮޅަށް ހަތަރު ގޯލު ޖެހި އެވެ. އަދި ފަހުން އަލް ތައާވޫނާ ދެކޮޅަށް ކުޅުނު މެޗުގައި ނަސްރުން ޖެހި ދެ ގޯލު ވެސް ޖެހީ ރޮނާލްޑޯގެ އެހީތެރިކަމާ އެކު އެވެ.
ޖެނުއަރީ މަހު ނަސްރަށް ބަދަލުވެ، ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން އަށް ގޯލު ކާމިޔާބުކޮށް، ރޮނާލްޑޯ އޮތީ ލީގު ލަނޑު ލިސްޓުގެ ހަތަރު ވަނައިގަ އެވެ. ވާދަވެރި އަލް ހިލާލް އަށް ކުޅޭ ނައިޖީރިއާގެ އޮޑިއޮން އިގާލޯ ވެސް ވަނީ ރޮނާލްޑޯއާ އެއްވަރަށް އަށް ގޯލު ޖަހައިފަ އެވެ. ލިސްޓުގެ ތިން ވަނައިގައި 11 ގޯލާ އެކު އަލް އިއްތިހާދުގެ މޮރޮކޯ ސްޓްރައިކަރު އަބްދުއްރައްޒާކް ހަމްދުﷲ އޮތްއިރު، 12 ގޯލާ އެކު ދެ ވަނައިގައި އޮތީ އަލް ޝަބާބް އަށް ކުޅޭ ބްރެޒިލްގެ ކާލޯސް އެވެ. ތޭރަ ގޯލު ޖަހައިގެން އެއް ވަނައިގައި އޮތީ ނަސްރަށް ކުޅޭ ބްރެޒިލްގެ ޓަލިސްކާ އެވެ.
ރޭގެ ނަތީޖާ އާއެކު ނަސްރުން ވަނީ ލީގު އެއް ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ 18 މެޗުން 41 ޕޮއިންޓް ހޯދާފައިވާ އަލް އިއްތިހާދެވެ. އިއްތިހާދު މި ހަފްތާގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ލީގު ތިން ވަނައިގައި އޮތީ 40 ޕޮއިންޓް ހޯދާފައިވާ އަލް ޝަބާބެވެ. ހަތް ވަނައިގައި އޮތް ޑަމަކް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުވެ އެވެ.