19 ޖެނުއަރީ 2017 - 11:53

އެއްވެސް ކްލަބަކުން އަޅާނުލުމުން ކުޅުން ހުއްޓާލަން ވިސްނުމަށް ފަހު ގައުމީ ޓީމުގެ ބަދަލު ގޯލްކީޕަރު މުހައްމަދު އިމްރާން އެންމެ ފަހުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު އޭނާ ދާދި ފަހަކާ ޖެހެންދެއް ވެސް ގޮތެއް ނުނިންމާ ހުރީ އޮފާއެއް ނުލިބޭތީ އެވެ.
"ކުޅުން ހުއްޓާލާ ވާހަކަ ދެއްކިން. އެއީ އެއްވެސް ކްލަބަކުން އަޅާނުލީމާ. އެހެން ހުއްޓާ ވިކްޓަރީން ރަނގަޅު އޮފާއެއް ލިބުނީމާ ސޮއިކުރީ،" އިމްރާން ބުންޏެވެ.
ވިކްޓަރީން ވަނީ މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ވެސް ގެނެސްފަ އެެވެ. އެހެންވެ ބެލެވޭ ގޮތުގައި އެ ޓީމުން އިމްރާން ގެނައީ ބަދަލު ކީޕަރަކަށެވެ. އެކަމަކު އިމްރާން ބުނީ އަމާޒަކީ ޔޫސުފަށް ޗެލެންޖެއް ދިނުން ކަމަށެވެ.
"ވިކްޓަރީ އަށް ސޮއިކުރީ ސެކަންޑް ކީޕަރުގެ ގޮތުގައި ހުރެލާކަށް ނޫން. ޕްރެކްޓިހުގައި ރަނގަޅު ޗެލެންޖެއް ދީ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުކުރަން ބޭނުންވަނީ. އެއީ ވަރަށް ބޮޑު އަމާޒެއް،" އިމްރާން ބުންޏެވެ.
ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާތީ، ގައުމީ ޓީމުގެ އެއް ނަމްބަރު އަންގިއަށް ވާދަކުރަން ތިބީ މި އިމްރާނާއި ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލެވެ. އިމްރާން ބުނީ ވިކްޓަރީގެ ބެންޗުގައި ހުންނަން ޖެހުނަސް ގައުމީ ސްކޮޑުން ޖާގަ ހޯދައި ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުކަން ހޯދުމަކީ ފުރަތަމަ ޓާގެޓް ކަމަށެވެ.
"އަސްލު އެންމެ ފުރަތަމަ ވެސް ވިސްނީ އިންމަ ރިޓަޔާކުރީމާ ދެން އެ ޖާގަ ހޯދަން ތިބީ މަށާ ފައިސަލްއާއޭ. އެހެންވެ ގައުމީ ޓީމަށް މިއީ މުހިއްމު އަހަރަކަށްވާތީ ބޭނުންވޭ ގައުމީ ޓީމުން ޖާގަ ހޯދަން ވެސް. ވިކްޓަރީގެ ބެންޗުގައި ހުންނަން ޖެހުނު ކަމުގައިވީ ނަމަވެސް ނެޝަނަލް ސްކޮޑުން ޖާގަ ލިބިއްޖެއްޔާ ޓާގެޓަކީ އެއް ވަނަ ކީޕަރުކަން ހޯދުން. އެއީ އަސްލު އެންމެ ފުރަތަމަ ޓާގެޓަކީ،" މާޒިޔާ އިން ފާހަގަވުމަށް ފަހު މިދިޔަ ހަތަރު ވަރަކަށް އަހަރު ގައުމީ ޓީމުގެ ބަދަލް ކީޕަރުކަން ކުރި އިމްރާން ބުންޏެެވެ.
ގައުމީ ޓީމުގެ މުހިއްމު އަހަރެއް ބޯމަތީގައި އޮއްވާ އޭނާ ޓީސީ ދޫކޮށްލީ ކީއްވެ ހެއްޔެވެ؟
"ޓީސީން އެންމެ ފުރަތަމަ ވާހަކަ ދައްކާފައި ބުނީ ތިމަންނަމެން ނޭޕާލުގެ އެއް ވަނަ ކީޕަރު އެބަ ގެންނަމޭ. އެހެންވީމާ މި ކްލަބުގައި މަޑުކުރުން ރަނގަޅެއް ނޫނޭ. މަޑުކުރިޔަސް ކުރެވޭނީ ކުރިން ދޭ މުސާރައިގެ ޑަބަލް ކުޑަ އަގަކަށޭ. އެހެންވެ ވިސްނާފައި ކްލަބް ދޫކޮށްލަން ނިންމީ،" އިމްރާން ބުންޏެވެ.